ޔާމީން ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީން ފެނުނު، ކަނޑުމަގުން އޭނާ ހޯދަނީ

ގެއްލިގެން ރިޕޯޓުކުރި ގ. ގާނެޓް، ޙަސަން ޔާމީން --

ގެއްލިގެން ހޯދަމުން އަންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ގ. ގާނެޓް، ޙަސަން ޔާމީން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ދަންވަރު ސިނަމާލެ ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޔާމީންގެ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިމަހުގެ 14ވީ، މިދިޔަ ހަފުތާގެ ހޯމައިގައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 30 އަހަރުގެ ޔާމީން ހޯދުމުގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ އާދިއްތައިގެ ފަތިހު 3:24 އެހާކަންހާއިރު އޭނާ ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވާރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި ކޯސްޓްގާޑުން ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/208760

އެ ބަޔާނުގައިވަނީ މައްސަލައާ ގުޅޭ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް އެދިފައެވެ. އަދި ޔާމީންގެ އާއިލާއަށް އިޙުތުރާމު ކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމުގެ ގޮތުން ހަމައެކަނި ފުލުހުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށް އެ މުއަައްސަސާއިން އިލްތިމާސްކޮށްފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ ޔާމީންގެ އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ބުނެފައެވެ. އަދި އެ އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް