ފަލަސްތީނުގެ އިބްރާހީމީ މިސްކިތަށް އިސްރާއީލުން ވެރިވުން ރާއްޖެއިން ކުށްވެރިކޮށްފި

ރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތް އިސްރާއީލުން ނިގުޅައިގަނެ، އިސްރާއީލުގެ ކައުންސިލަކާ ހަވާލުކުރުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ވަނީ، މިސްކިތް ބެލެހެއްޓުން ފަލަސްތީނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލާ ހަވާލުކޮށްފައެވެ.

ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރިކޮށް ތަގުރީރެއް އިއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ތަގުރީރު އިއްވެވީ ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރެވެ.

އެ ބައްދަލުވުމުގައި އޭނާ ދެއްވި ތަގްރީރުގައި، މަސްޖިދުއް އިބްރާހީމީގެ ހިންގުމާއި ބެލެހެއްޓުން ފަލަސްތީނުގެ މިނިސްޓްރީގެ އަތުން އަތުލައި، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި މަސްޖިދުއް އިބްރާހީމީގެ އިތުރުން އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެހެނިހެން މުގައްދަސް ތަންތަނުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ބައިނަލްއަގްވާމީ ގާނޫނޫތަކާ މުޅިން ޚިލާފުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރީރު ވިދާޅުވީ އިސްރާއީލުން އެފަދަ ކަންކަން ކުރަނީ ފަލަސްތީނުގައި ހުރި މުގައްދަސު ތަންތަނުގެ އިސްލާމީ ތާރީޚު އޮޅުވާލުމަށް ގަސްތުގައި ކަމަށެވެ. އޭގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅައިފައިވާ ބައިނަލްއަގްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ރާއްޖެއަކީ 1976 މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

comment ކޮމެންޓް