ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ ބައިވެރިވުމާއެކު ކަމަށެވެ.
އެގޮތުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައިގެން، ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ފޭސް އެކެއް ޗެނަލްގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި -- ފޮޓޯ/ އެޗްޑީސީ
އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޭގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށާއި، އެ ހަރަކާތަކީ އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިންނާއި މެރިން އިންސިޓްޓިއުޓްގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ހުޅުމާލޭ ފޭސް އެކެއް ޗެނަލްގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ އެމްޑީ މައުރޫފް ވިދާޅުވި ގޮތުގައި އަމާޒަކީ އެތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް އިންދުމެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.