މި ފަހުން އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭން ފައްޓަވައިފިއެވެ.
ކުރިން ވަރަށް ބޮޑަށް ހިޔާލުތަފާތުވި ނަމަވެސް، ނަޝީދާއި ފައްޔާޒް އެކުގައި މަސައްކަތްކުރައްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ދެ ބޭފުޅުން ރޭ ވަނީ އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި އޯޓީޕީ ރެސްޓޯރެންޓުގައި ބޭއްވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުންނެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގައުމާއި ޕާޓީއަށް މުސްތަގުބަލު ހޯދަން އެންމެން އެކުގައި އެކައްޗެއް ކިޔައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި، ނަޝީދު ވެސް ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ.

ނަޝީދާއި ފައްޔާޒް އެމްޑީޕީގެ ސަޕޯޓަރުންނާ އެކު: ދެ ބޭފުޅުން ވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފައްޓަވާފައި -- ފޮޓޯ/ އެމްޑީޕީ
އެ ބައްދަލުވުމުގައި ނަޝީދާ އެކު މިދިޔަ މަހު 23 ގައި އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި ފައްޔާޒާއި ނަޝީދު ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެ ޕާޓީގެ ތެރޭގައި 2028ގެ ރިޔާސީ ޓިކެޓަށް މިހާރު ވެސް ބޮޑު ވާދަވެރިކަމެއް އުފެދިފައި އެބައޮތެވެ.
އެމްޑީޕީ ބައިބައިވެ، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ. އަދި، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އުފެއްދެވި ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއަށް އެ މަނިކުފާނު ގުޅިވަޑައިގަތެވެ.

ނަޝީދާއި ފައްޔާޒް އެމްޑީޕީގެ ސަޕޯޓަރުންނާ އެކު: ދެ ބޭފުޅުން ވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފައްޓަވާފައި -- ފޮޓޯ/ އެމްޑީޕީ
އެއަށް ފަހު، ދެ އަހަރު ފަހުން އެ މަނިކުފާނު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ މަހު 23 ގައެވެ.
މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އޭރު އެ މަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ފައްޔާޒެވެ. ދެ ބޭފުޅުން އޭރު ދޭތެރެއަކުން ބަހުގެ ހަމަލާތައް ބަދަލުކުރައްވައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.