ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރުމުން ކޮލަމްބިއާ ޔުނިވާސިޓީން 80 ދަރިވަރުން ވަކިކޮށްފި

އެމެރިކާގެ ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހުގައި ހުންނަ ބަޓްލާ ލައިބްރަރީގައި ފަލަސްތީނަށް ތާއީދުކޮށް މިދިޔަ މެއި މަހު މުޒާހަރާ ކުރަނީ -- ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި ގާތްގަނޑަކަށް 80 ދަރިވަރުން އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީން ސަސްޕެންޑްކޮށްފިއެވެ.

ބައެއް ދަރިވަރުން ކިޔަވަމުންދާ ކޯހުން ވަކިކޮށް، ތައުލީމީ ސެޓްފިކެޓްތައް ބާތިލުކޮށްފައިވެސްވެއެވެ.

އިސްރާއީލާ އެކު އޮތް ހުރިހާ މާލީ ގުޅުމެއް ކަނޑާލުމަށް ގޮވާލާފައިވާ ސްޓޫޑެންޓް އެކްޓިވިސްޓް ގްރޫޕް ކޮލަމްބިއާ ޔުނިވާސިޓީ އެޕާޓްހައިޑް ޑައިވެސްޓް (ސީޔޫއޭޑީ)އިން ނެރުނު ބަޔާނެއްގައި ބުނީ، ހަނގުރާމައާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވުމުން ގާތްގަނޑަކަށް 80 ދަރިވަރުން ތިން އަހަރު ވަންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އަންގާރަ ދުވަހު ކޮލަމްބިއާ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ، އެންމެ ފަހުން ދަރިވަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 2024 ވަނަ އަހަރުގެ އެލަމްނީ ވީކެންޑްގައި ކޭމްޕާއި 2025 ވަނަ އަހަރުގެ ބަޓްލާ ލައިބްރަރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.

"ތައުލީމީ ހަރަކާތްތަކަށް ބުރޫއެރުމަކީ ޔުނިވާސިޓީގެ ސިޔާސަތުތަކާއި ގަވާއިދުތަކާ ހިލާފު ކަމެއް، އަދި މިފަދަ ހިލާފުތަކުގެ ނަތީޖާ ކުރިމަތިވާނެ،" ޔުނިވާސިޓީގެ ބަޔާނުގައިވެއެވެ.

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނުތައް ފެށީ 2024 ވަނަ އަހަރު ކޮލަމްބިއާ ޔުނިވާސިޓީގައި ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުން މުޒާހާރާތައް ފެށުމުންނެވެ.

ކޮލަމްބިއާ ޔުނިވާސިޓީން ނިއުޔޯކް ސިޓީގެ އެތައް ސަތޭކަ ފުލުހުންނަށް ކެމްޕަސްތެރެއަށް ވަނުމުގެ ހުއްދަ ދިނުމުން ދަރިވަރުން ހައްޔަރުކޮށް މުޒާހާރަތައް ވަނީ ރޫޅާލާފައެވެ.

ޔުނިވާސިޓީން ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް، މި އަހަރުގެ މެއި މަހު ފައިނަލް އިމްތިހާނުތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިވި ދަރިވަރުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުން ހުރި ކުންފުނިތަކުން ވަކިވާން ގޮވާލައި، ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް މުޒާހަރާކޮށްފައެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުނު އެ ދަރިވަރު ކަމަށްވާ ފަލަސްތީނުގެ މަހުމޫދު ޙަލީލެވެ. އެ މައްސަލައިގައި މަހުމޫދު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

އޭނާ މިނިވަންކުރީ މިދިޔަ ޖޫން މަހު ފަހުކޮޅު އެމެރިކާގެ ކޯޓަކުން ނެރުނު އަމުރަކުންނެވެ.

މަހުމޫދު ވަނީ ގޯސްކޮށް ބަންދުގައި ބެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް މައްސަލަ ހުށަހަޅައި 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން އެދިފިއެވެ.

comment ކޮމެންޓް