ތައިސޭ ކޮށި މިއުޒިކް ބޭންޑުތަކަށް ކުއްޔަށް ދޭން ކައުންސިލުން ނިންމައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް: ސިޓީ ކައުންސިލުން މިއަދު ވަނީ ހުނަރުތައް ދައްކާލުމަށާއި މިއުޒިކް ބޭންޑުތަކުން ޝޯ ބޭއްވުމަށް ތައިސޭ ކޮށި ކުއްޔަށް ދޭން ނިންމާފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި އޮންނަ ހުސް ބިން ކަމަށްވާ ތައިސޭ ކޮށި މިއުޒިކް ޝޯ ތަކަށާއި ހުނަރު ދައްކާލަން ދޭން ފެންނަ ކަމަށް ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި މި ހުށަހެޅުއްވުން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ވިދާޅުވީ، ތައިސޭ ކޮށި ސާފުކޮށް އެ ތަނުގެ ގޮނޑުކަން ފިލުވާލާފައިވާ ކަމަށާއި އެ ތަނުން ރަނގަޅު ބިމެއް ހެދިފައިވާތީ އާމްދަނީ ލިބޭ ތަނަކަށް އެ ބިން ބަދަލުކުރަން ފެންނަ ކަމަށެވެ.

އޭނާ ހުށަހެޅުއްވީ ބިމުގެ ބޮޑުމިނަށް ބަލައި، ކައުންސިލުން ބިންތައް ކުއްޔަށްދޭ އަގުތައް ބަލައި، އަކަފޫޓަކަށް ޖެހޭ ވަރު ބަލައިގެން ކުއްޔަށް ދިނުމަށެވެ. ބިން ކުއްޔަށް ދޫކުރާއިރު އާޒިމް ހުށަހެޅުއްވީ ކައުންސިލްގެ ސީއެސްއާރުގެ ދަށުން އެ ބިން ދޫކުރުމަށެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ، ސިޔާސީ ކަމެއް ނޫނީ ވިއްޔާ، އިޖުތިމާއީ ހަރަކާތްތަކަށް އެ ބިން ކުޑަ އަގެއްގައި ކުއްޔަށް ދިނުމަށް ނުވަތަ ހިލޭ ބޭނުންކުރެވޭ ގޮތް ހެދުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަނެއްކާ މާލޭގައި ރަށުތެރޭގައި އެ ކަހަލަ އަޑުގަދަ ކުރީމާ ހަމަ ނުވަގަޑިބައި ދިހައެއް ޖަހާކަން ހާއިރު މީހުންނަށް އުނދަގޫވެ ކޮމްޕްލެއިން އެބައާދޭ، ވަރަށް ބޭރުގަ އެ ހުރީ، އެހެންވީމާ އެއްވެސް ކަހަލަ ރެޒިޑެންޝަލް އޭރިއާއަކަށް އުނދަގޫނުވާ ހިސާބެއްގައި އަދި އިވެންޓެއް ބޭއްވިޔަސް އެ ކަހަލަ ސަރަހައްދެއް އެއީ،" އޭނާ ވިދާޅުވިއެވެ.

ސައިފްގެ ވާހަކައަށް ތާއީދުކުރައްވައި އާޒިމް ވިދާޅުވީ، ޒުވާނުންނަށް ހުނަރު ދައްކާލައި އާމްދަނީ ލިބޭނެ ކަމެއް ކުރާނެ ފުރުސަތެއް ލިބިއްޖިއްޔާ ޒުވާނުންނަށް ދިރިއުޅުމެއް ލިބޭނެ ކަމަށެވެ.

މި ހުށަހެޅުން ފާސްވީ މިއަދު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް