ވަގު ޑޮކިއުމެންޓް ހިމެނޭ ބިޑެއް ހުށަހެޅުމުން 26،800 ރުފިޔާގެ ޖޫރިމަނާއެއް

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން --

ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މަސައްކަތެއް ކުރުމަށް ހުޅުވާލި ބިޑް ކާމިޔާބުކުރުމަށް ވަގު ޑޮކިއުމެންޓެއް ހުށަހެޅި މައްސަލަ ފަޅާއަރައި، ޑޮކިއުމެންޓް ހުށަހެޅި މީހާގެ މައްޗަށް ހުކުމެއް އަތުވެއްޖެއެވެ.

މިއީ 2020 ވަނަ އަހަރުގެ ފަހުކޮޅު، ކުޅުދުއްފުށީ ކައުންސިލަށް ފައިލިން ރެކަކާ ފައިލިން ކަބަޑެއް ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ ހުށަހެޅި ބީލަމަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގައި ދައުލަތުން ދައުވާކުރީ، ކުޅުދުއްފުށީ ރެޑްޕާލް އާދަމް ޝަރީފް މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އިއްވާފައިވަނީ ޖޫރިމަނާގެ އަދަބެކެވެ.

އާދަމް ޝަރީފް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ސައްހަ ނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުމުގެ ކުށުގެ ދައުވާއެވެ. އެއީ، އާދަމް ޝަރީފް މުހައްމަދުގެ މެޖޯރިޓީ ހިއްސާ އޮންނަ، ފަން އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ނަމުގައި ސައްހަ ނޫން ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހެޅި މައްސަލައިގައެވެ.

މި މައްސަލައިގައި ދައުލަތުން އާދަމް ޝަރީފް މުހައްމަދާ ދެކޮޅަށް ދައުވާ ކުރުމުން އޭނާވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އަދި، ކުށަށް އިއުތިރާފުވެ، އޭނާވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.

އެއްބަސްވުމެއް ނުހެދި ނަމަ، މި މައްސަލައިގައި އާދަމް ޝަރީފް މުހައްމަދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އާދަމް ޝަރީފް މުހައްމަދާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބެއްކަމުގައި ކަނޑައަޅާފައިވަނީ 26،800 ރުފިޔާގެ ޖޫރިމަނާއެކެވެ. މި ހުކުމް، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ މި މަހު ކުރީކޮޅެވެ.

comment ކޮމެންޓް