ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު "ސަން"އަށް ވިދާޅުވީ، ރޯވީ 115 ފޫޓުގެ ދިގުމިނުގެ މުދާ އުފުލާ ދޯންޏެއްގައި ކަމަށާއި މިހާރު ކުރިއަށްދަނީ އެ ދޯނީގައި ހުރި މުދާތައް ނެގުމުގެ މަސައްކަތް ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުން ވެސް އަލިފާން ނިއްވާލުމަށްޓަކައި ހަރަކާތްތެރިވަމުންދާ ކަމަށް ޝަކީބު ވިދާޅުވިއެވެ.

ކުނަހަންދޫގެ ބަނދަރުގައި އޮތް ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކުރަން އެ ރަށު އާންމުން ހަރަކާތްތެރިވަނީ ---
"އަލިފާން ރޯވީ ކީއްވެކަން ސިދާ ނޭނގޭ، ކައްޕިއާއި ހުރިހާ އެންމެން އެއްގަމަށް އެރި ވަގުތު މިކަމެއް މިވީ،" ހާދިސާ ހިނގި ސީދާ ވަގުތު ނުދަންނަވައި އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޝަކީބު ވިދާޅުވީ އަލިފާނުގެ ބޮޑު ބައެއް މިހާރު ނިއްވާލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުމުން ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ޖަވާބެއް ލިބޭ ގޮތް އަދި ނުވެއެވެ.