ކުރަންވާވަރަށް އަގުވަޒަން ނުކުރެވުނު ނަމަވެސް ދިވެހީންނަކީ ހަގީގަތުގައި ވަރަށް ނަސީބުގަދަ ބައެކެވެ. ސިންގަޕޫރަށް ލިބުނު ފަދަ, އިހުލާސްތެރި, ގާބިލު ވެރިންތަކެއް ފިޔަވާ އެހެން ހުރިހާ ނަސީބެއްހެން ދިވެހީންނަށް ވަނީ ލިބިފައެވެ. މިއީ ގުދުރަތީ ކާރިސާތައް މަދު, ދިރިއުޅެން ފަސޭހަ މޫސުންތަކެއް ލިބިފައިވާ އަދި ގުދުރަތީ ގޮތުން ވަރަށް ވެސް ރީތި ގައުމެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ދުނިޔެމަތީގެ ސުވަރުގެއެވެ. އޭގެ ބޭނުން ހިފައިގެން ފައްކާކޮށްފައިވާ, ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. ނަމަވެސް, މިނިވަން ކަމަށް 60 އަހަރުވާއިރު އަދިވެސް ބޮޑު ނަސީބެއްގެ ބޭނުން ދިވެހީން ނުހިފައި އެބައޮތެވެ. އެއީ, ދިވެހިރާއްޖެ މި އޮތް ސަރަހައްދު, ނުވަތަ ލޮކޭޝަންގެ ފައިދާއެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާ ގުޅުވައިދޭ ދުނިޔޭގެ އެންމެ ބިޒީ އެއް ކަނޑުގެ ވިޔަފާރީގެ މަގުގެ މެދުގައި އޮންނަ ގައުމެކެވެ. އަހަރަކު 90،000 އަށް ވުރެ ގިނަ އުޅަނދު އިންޑިއާ ކަނޑުގައި ދަތުރުކުރާއިރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 10 ބިލިއަން ޓަނުގެ ކާގޯއާއި 36 މިލިއަން ފީފާއަށް ވުރެ ގިނަ ތެޔޮ މި ސަރަހައްދުން އުފުލައެވެ. ދުނިޔޭގެ ބާރުތަކުން މި ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާއިރު, ދިވެހިރާއްޖެއަށް އޭގެ ފައިދާ ނެގިދާނެއެވެ. އެއީ, ރާއްޖެ މި އޮތީ އިގުތިސާދީ ގޮތުންނާއި ޖިއޮޕޮލިޓިކަލް ގޮތުން ފައިދާ ނެގޭނެ ސްޓްރެޓީޖިކް ގޮތުން މުހިންމު ތަނެއްގައި ކަމަށް ވާތީއެވެ.

ޓްރޭޑް ރޫޓްގައި ރާއްޖެ އޮތް ސަރަހައްދު ދައްކައިދޭ ޗާޓެއް---
ފައިދާއެއް ނުނެގި 60 އަހަރު
ނަމަވެސް، ހިތާމައަކީ މިނިވަން ގައުމެއްގެ ގޮތުގައި ދިވެހީންނަށް ވެރިކަން ކުރަން ފުރުސަތު ލިބުނުތާ 60 އަހަރު ވާއިރު ވެސް ދުނިޔޭގެ ވަރަށް މުހިންމު ޝިޕިން ރޫޓެއްގައި އޮތް މި ރާއްޖެއަށް މި ފުރުސަތުގެ ބޭނުން ހިފިފައި ނުވުމެވެ. ދިވެހިރާއްޖޭގެ އިގުތިސާދަށް މިހާތަނަށް މިކަމުން މާ ބޮޑު އާމްދަނީއެއް ހޯދިފައިނުވުމެވެ. މި ރާއްޖޭގައި ކަނޑުގެ ރަނގަޅު ބަނދަރެއް, ނުވަތަ ޓްރާންސްޝިޕްމަންޓް ހަބެއް ނެތުމުގެ ފައިދާ ނަގަނީ އެހެން ގައުމުތަކުންނެވެ. އެގޮތުން، މިހާރު މި ސަރަހައްދަށް ގެންނަ ހުރިހާ މުދަލެއްހެން އެކި ގައުމުތަކަށް އެ ގެންދަނީ ސްރީލަންކާއާއި އިންޑިއާގެ އިތުރުން ސިންގަޕޫރުގެ ބަނދަރުތައް މެދުވެރިކޮށެވެ. ރާއްޖޭގައި ރަނގަޅު ޕޯޓެއް އަދިވެސް ނެތެވެ. މާލޭ ޕޯޓަކީ މި ޒަމާނަށް ފެތޭވަރު ތަނެއް ވެސް ނޫނެވެ. ރާއްޖެއާ އެކު ކަހަލަ ގޮތަކަށް މިނިވަންކަން ލިބުނު, މާ ބޮޑު ވަސީލަތްތަކެއް ނެތް ސިންގަޕޫރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނިފައި އެ ވަނީ ބަނދަރުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.
ރާއްޖެ ދުށް ވަރަށް ވިޝަނަރީ ވެރިއެއް ކަމަށްވާ, އިބްރާހީމް ނާސިރުގެ ވެރިކަމުގައި ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ޝިޕިން ލައިން، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އުފައްދަވާފައެވެ. ޓޫރިޒަމް ވެސް ރާއްޖެއަށް ގެނައި ނާސިރުގެ ވެރިކަމުގައި ފެއްޓެވި އެ ޝިފިން ލައިނަކީ އޭރު މި ސަރަހައްދުގެ ވެސް އެންމެ ވަރުގަދަ އެއް ޝިޕިން ލައިނެވެ. އޭރު އެ ކުންފުނީގެ ފްލީޓުގައި 60 އަށްވުރެ ގިނަ ބޯޓު އޮތެވެ. ބޮޑު ފައިދާއެއް ދިޔައީ ގައުމަށް ވައްދަމުންނެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ، ކުންފުނި އެއްކޮށް ބަނގުރޫޓްވެ ފުނޑު ފުނޑުވެގެން ދިޔައީއެވެ. ދިވެހީންގެ އެ ނަސީބު ގެއްލިގެން ދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ކުންފުނި ހިންގާފައިނުވާތީއެވެ.

ރާއްޖޭގައި ފަހުން އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފުތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ ފަހުން ގިނަ އަހަރުތަކެއްވީއިރު ވެސް ދިވެހީންނަށް އޮތީ އެފަދަ ކަމެއް ނުކުރެވިއެވެ. ނަމަވެސް، 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ވިޔަފާރީގެ ތެރެއިން މިވަނީ ވަދެފައެވެ. މިހާރު ވެސް އެ ކުންފުނި ހިންގަމުން އަންނައިރު އަދި އާ ކުންފުންޏަކަށް ވުމުން ގޮންޖެހުންތައް ބޮޑެވެ. ނަމަވެސް، އެ ވިޔަފާރިއަށް ވަދެ އެކަން ވޭތޯ އުޅޭކަން އެއީ ރަނގަޅެކެވެ.
މީގެ އިތުރުން، ރާއްޖޭގައި މެރިން ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗާއެއް ނެތެވެ. މި ސަރުކާރުން ބަންކަރިންގެ ޚިދުމަތުގެ ނަމުގައި މަޝްރޫއެއް ފެއްޓި ނަމަވެސް އެކަން ވެސް ކުރަނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. މި ސަރުކާރާ ހަމައަށް، ތެޔޮ އެޅުމުގެ އެފަދަ ޚިދުމަތެއް ވެސް ރާއްޖެއަކުން ނުދެއެވެ. އަދި، އުޅަނދުފަހަރު މަރާމާތުކުރުން ނުވަތަ ކޮންޓެއިނާގެ ޚިދުމަތެއް ވެސް މި ގައުމުގައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް އެތައް ހާސް އުޅަނދެއް ރާއްޖެ ކައިރިން ދިޔަ ނަމަވެސް, މި ގައުމުގެ އިގުތިސާދަށް އެކަމުން ވާ ފައިދާއެއް ނެތެވެ.
ރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދެއްހާ ހިސާބުގައި އޮންނަ ގައުމަކަށްވާއިރު، މި މުހިންމު ސަރަހައްދަށް ނުފޫޒު ފޯރުވަން ދުނިޔޭގެ ބާރުތަކުން އަބަދު ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ގެންގުޅެއެވެ. އިންޑިއާއިން ވެސް އަންނަނީ ޒަމާނުންސުރެ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖެއާ އެކު ވަރުގަދަ ދިފާއީ ގުޅުމެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ސީދާ އިންޑިއާއިން އޮޕަރޭޓް ކުރާ ހެލިކޮޕްޓަރެއް ރާއްޖޭގައި ދުއްވުމާއި އަސްކަރީ ރާޑަރު ސްޓޭޝަންތަކާއި ހައިޑްރޯގްރަފިކް ސާވޭތައް ކުރުން ހިމެނެއެވެ. ހަމައެހެންމެ އިންޑިއާއާ ވާދަވެރި ޗައިނާއިން ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކެއް އެ ގައުމުގެ ބޮޑެތި ލޯނުތަކުގައި ވަނީ ރާއްޖޭގައި ހިންގައިފައެވެ. މިއީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑެތި ޕްރޮޖެކްޓްތަކެވެ. މި ލޯނުތަކުގެ ސަބަބުން ރާއްޖެއަށް ވަނީ ދަރަނީގެ ބިރުވެރިކަން ވެސް ބޮޑުވެފައެވެ. މީގެ އިތުރުން، މި ފަހުން ދުނިޔޭގެ ބާރުތައް ކަމަށްވާ އެމެރިކާއާއި އޮސްޓްރޭލިއާގެ އިތުރުން އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މި ވަނީ ރާއްޖޭގައި އެމްބަސީތައް ހުޅުވައިފައެވެ. މި ޖިއޮޕޮލިޓިކަލް ފޯކަސް ރާއްޖެއަށް ވަރަށް ބޮޑަށް އިތުރުވަމުން ދިޔަ ނަމަވެސް، އިގުތިސާދީ މަންފާއެއް ހޯދުމަށް ނުވަތަ ސަރަހައްދީ ކަނޑުގެ މައްސަލަތަކުގައި އިސް ދައުރެއް އަދާކުރުމަށް ރާއްޖޭގެ ސާފު ގައުމީ ސްޓްރެޓެޖީއެއް އަދި ނެތެވެ.
ދިވެހީންނަށް މި ފުރުސަތުގެ ބޭނުން ހިފިފައި ނުވާތީ އެ ބޭނުން ކުރަމުން އަންނަނީ އެހެން ގައުމުތަކުންނެވެ. ބިލިއަން ޑޮލަރުން ތަނަވަސްކަން ހޯދަނީއެވެ. މިހާރު ވެސް މިވަނީ މި ފައިދާ ނެގުން ލަސްވެފައެވެ. ނަމަވެސް، އިތުރަށް ލަސްނުކޮށް މީގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެބަ ޖެހެއެވެ. އެކަން މި ދާއިރާގެ އެހެން ގައުމުތަކުގެ ތަޖުރިބާކާރުން ވެސް ގަބޫލު ކުރެއެވެ.
"މި ޚާއްސަ ސްޓްރެޓެޖިކް ޕޮޒިޝަންގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބައެއް ބޮޑެތި ބާރުތައް ދެވޭނެ. އެއީ ޝިޕިން ލޭންތަކާއި ކަނޑުގެ ޓްރެފިކްގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު،" ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ސައުތު އޭޝިއަން ސްޓަޑީޒް (އައިއެސްއޭއެސް)ގެ ރިސާޗް ލީޑް އަމީތޭންދު ޕަލިޓް މިދިޔަ އަހަރު 'ސީއެންއޭ'އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވިއެވެ.

ސިންގަޕޫރު ޕޯޓް: އެ ގައުމު ތަރައްގީ ވުމުގެ އެއް އަސްލަކީ މިއީ-- ފޮޓޯ: ބުލޫމްބާގް
ފައިދާ ނެގުމަށްޓަކައި ރާއްޖެއަށް މިހާރުން މިހާރަށް ވެސް ޑީޕް ސީ ކޮމާޝަލް ޕޯޓެއް ބޭނުންވެއެވެ. މީގެ އިތުރުން، މެރިޓައިމް ޓްރެއިނިން އިންސްޓިޓިއުޓްތަކަށް އިންވެސްޓްކުރުމާއި، ބައިނަލްއަޤުވާމީ ޝިޕިން ވިޔަފާރިތައް ޝައުގުވެރިކުރުވުމަށްޓަކައި ކަނޑުގެ ގާނޫނުތައް އަޕްޑޭޓްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މެރިޓަމައިމް ދާއިރާގެ ފައިދާ ނެގުމަށް މިހާރުން މިހާރަށް ވެސް އެންމެ މުހިންމީ ރަނގަޅު ފެންވަރެއްގެ ޕޯޓެއް ރާއްޖޭގައި ތަރައްގީކުރުމެވެ.
"އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުން ސިންގަޕޯ މެދުވެރިކޮށް ކޮންމެ އަހަރަކު އެތައް މިލިއަން ޓަނެއްގެ އެއްގަމު މަސް އެބަ މެދުއިރުމައްޗަށް ގެންދޭ. ރާއްޖެ މި އޮތީ އެ ދެ ސަރަހައްދުގެ މެދުގައި. އޮސްޓްރޭލިއާއާއި މެދުއިރުމައްޗަށް ގެންދާ މުދާ މި ގައުމުގައި ސްޓޯކޮށް އަދި ޓްރާންސިޓްކޮށް ދެކޮޅަށް ގެންދެވުނު ނަމަވެސް ވަރަށް ބޮޑު ފައިދާއެއް ރާއްޖެއަށް ނެގޭނެ," ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ރަނގަޅު ފެންވަރުގެ ޕޯޓެއް ތަރައްގީކުރުމަކީ ބޮޑު ހަރަދެއް ހިނގާނެ އަދި އެތައް އަހަރެއް ހޭދަ ވާނެ ކަމަކަށްވާއިރު އެކަމާ އުޅެމުން އެހެން އިތުރު ކަންކަމަށް ފޯކަސްކުރަން ނަޝީދު ލަފާދެއްވައެވެ. އެއީ، ލޭއަޕް ކުރާ ބޯޓުފަހަރާއި، މުދާ އެއް ބަނދަރަށް ހުސްކޮށްފައި ދެން ދަތުރެއް ލިބެންދެން ބޯޓް ފަހަރު މަޑުކުރާނެ ރަނގަޅު ސަރަހައްދެއް ކަނޑައެޅުމެވެ. އިތުރު ދަތުރެއް ލިބެންދެން ބޯޓްތައް ބަނދަރުތަކުގައި މަޑުކުރަންވެއްޖެ ނަމަ ފީއަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެހެންކަމުން ހެޔޮ އަގެއްގައި ބޯޓްތައް މަޑުކޮށްލާނެ ވަކި ލޭއަޕް ޒޯންތަކެއް ނުވަތަ ޚާއްސަ އެއް ސަރަހައްދެއް ނަމަވެސް ރާއްޖޭން ކަނޑައަޅައި ކުޑަ ފީތަކަކުން ފުޅާ ދާއިރާއެއްގައި ފަށައިގެން މިހާރުން މިހާރަށް ވެސް މާ ބޮޑު އިންވެސްޓެއް ނުކޮށް ފައިދާ ނެގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ސެކިއުރިޓީ އަދި ސާވައިލެންސްއާ އެކު ވަކި ފަޅެއް ހަމަޖެއްސިދާނެ މިކަމަށް. ބަނދަރެއް ބޭނުމެއް ނުވާނެ. އެންކަރު ލައިގެން ތިބެވޭ ގޮތް ހެދީމާ އެވީ. މީގެ ސަބަބުން އެހެން އެތަކެއް ފައިދާތައް ނެގޭނެ. އޭގެ ތެރޭގައި ބޯޓް ފަހަރަށް ބޭނުންވާ ތެލާއި ފެނާއި, ކާބޯތަކެތި ސަޕްލައިކޮށްދެވޭނެ. ފަޅުވެރިން ބަދަލުކޮށް އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދެވޭނެ, ތަފާތު މަރާމާތުތައްކޮށް، ކުނި އަދި ހަޑިތެޔޮ ހުސްކުރެވޭނެ. ހަޑި ތެޔޮއެކްސްޕޯޓު ކުރެވޭނެ ނަމަވެސް ވަރަށް ރައްކާތެރިވާން ޖެހޭނެ މާޕޯލްގެ މިންގަޑުތަކަށް ފައްތައިގެން ކުރެވޭނެ. އެސް-ޓީ-އެސް ނުވަތަ އެއް ބޯޓުން އަނެއް ބޯޓައް މުދާ ބަދަލަކުރުން މިހާރަށްވުރެ ފަސޭހަތަކެއްދީގެން އިތުރަށްފުޅާކޮށް ބޮޑު އާމްދަނީއެއް ސަރުކާރަށާއި އާންމުންނަށް ލިބިދެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
މެރިޓައިމް ދާއިރާގައި މަސައްކަތް ކުރައްވާތާ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ނަޝީދުގެ އަނެއް ހިޔާލަކީ ބޯޓް ފަހަރުގެ ކުރޫއިންނަށް ސިއްހީ ޚިދުމަތް ދީގެން ރާއްޖޭން އެކަމުގެ ނަފާ ހޯދުމެވެ.
"ދިވެހިރާއްޖެ ވަށައި މި އޮތީ ލޮނުކަމުގައި ވިޔަސް އެއީ ނޫކުލައިގެ ރަން ކަމަށް ބައްލަވާ. ރާއްޖެ އޮތް ސަރަހައްދުގެ ފުރިހަމަ ބޭނުން ހިފިދާނެ ސިއްހީ ގޮތުން ވެސް، މިހާރު ވެސް ކަނޑުމަތީގައި ދިމާވާ ކުއްލި ހާލަތުގައި އެމްއެންޑީއެފްއިން ސިއްހީ ކާރިސާތަކަށް ވަރަށް ފުރިހަމައަށް އިޖާބަދެމުން ގެންދަވަނީ. މި ކަމަކީ ކުއްލި ހާލަތުގައި ނޫނަސް ފުޅާކުރެވޭނެ ކަމެއް، މާސިންގާ ކަނޑުގެ މެދުގައި ސިއްހީ ފަރުވާދެވޭނެ މަރުކަޒެއްގެ ގޮތުގައި ވެސް ރާއްޖެ ބޭނުންކުރެވޭނެ މިހާރަށްވުރެ ފުރިހަމަކޮށް،" ނަޝީދު ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއާ އެކު އެކަމުގެ ފައިދާ ނަގައި ސީ ކާގޯއާއި އެއާ ކާގޯ ގުޅުވާލައިގެން ވެސް ފައިދާ ނެގޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެމްއެންއެސްއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ކެޕްޓަން އަޙްމަދު މައުމޫން ވިދާޅުވި ގޮތުގައި މުދާ ރައްކާކޮށް، ގުދަން ކުރުމަށް ޚާއްސަ ވެއާހައުސްތަކެއް ރާއްޖޭގައި ހެދުމަކީ ވެސް ފައިދާ ނެގޭނެ ވިޔަފާރިއެކެެވެ. އެއީ، އޭޝިއާ ބައްރަށް ބޭނުންވާ މުދާ ރާއްޖޭގައި ގުދަންކޮށް އެހެން ގައުމުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދީގެންނެވެ. ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި އެފަދަ ގުދަންތައް ހުރެއެވެ.
"ޓްރާންސިޓް ބަނދަރެކޭ ކީމާ ބައިވަރު ކޮންޓޭނާ ހުންނަ ބަނދަރެއް މި ސިފަވަނީ. އެއަކަށް ނޫން އަޅުގަނޑުމެން ވިސްނަންވީއެއް. ބޮޑެތި ކުންފުނިތަކުން އޭޝިއާ ސަރަހައްދަށް މުދާ ޑިސްޓްރިބިއުޓް ކުރަން އެބަ ބޭނުންވޭ. އެ މީހުންގެ ވެއާ ހައުސް ބައިންދަން އަޅުގަނޑުމެންނަށް ވެއާ ހައުސިންއަށް ރަނގަޅު ސްޕޭސް ދެވިއްޖެނަމަ ހިނގާނެ. ޑީއެޗްއެލް ނުވަތަ ފެޑެކްސްއަށް ވެސް އަޅުގަނޑުމެންނަށް ދެވިދާނެ އެ ފެސިލިޓީ. މި ރީޖަނަށް މުދާ ޑިސްޓްރިބިއުބް ކުރަން ރަނގަޅު ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިއްޖެ ނަމަ ވަރަށް ހިނގާނެ،" މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށްވާއިރު ހުރިހާ ގޮތަކުން ވެސް ފައިދާ ނަގަން ޖެހެއެވެ. މިއީ ދުނިޔެ މަތީގެ ސުވަރުގެއެވެ. ކޮންމެ އަހަރަކު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އާދެއެވެ. މި އަދަދު އިތުރުކުރެވެން އެބައޮތެވެ. އެއީ، ކަނޑު މަގުން ދަތުރު ކުރާ ޓޫރިސްޓުންނަށް އިތުރު ފުރުސަތުތައް ދީގެންނެވެ.
މާޔާގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު އެހެން ހަރުފަތަކަށް ގެންދަން ކްރޫޒް ޓާމިނަލްއަކާއި ޓްރާންސިޓް ބަނދަރެއްގެ އިތުރުން މެރީނާތައް ރާއްޖެއަށް ވަރަށް މުހިންމެވެ. އެއީ، ރާއްޖެ އުފެދިފައިވާ ގޮތާއީ ރާއްޖެ މި އޮތް ލޮކޭޝަނަށް ބަލައި އެންމެ ބޮޑު އެޑްވާންޓޭޖެއް ނެގޭނެ ދާއިރާތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ޑިމާންޑް އެބައޮތް. މިހާ ބޮޑު ކަނޑެއްގެ މެދުގައި އޮތީމާ. ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން ވެސް ޑިމާންޑް ބޮޑުވޭ،" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރޫޒް ލައިނާތަކާއި ސުޕަ ޔޮޓްތަކުގެ ޑިމާންޑް ރާއްޖެއަށް ވަރަށް ބޮޑެވެ. ނަމަވެސް، އެ އުޅަނދުތަކަށް ރާއްޖެއަށް ދަތުރު ނުކުރެވެނީ ބަނދަރެއް ނެތުމުގެ ސަބަބުން އަރައި ފޭބުމާއި އިތުރު ޚިދުމަތްތައް ހޯދަން ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ރާއްޖެ އަންނަ ކުރޫޒުލައިނާތަކުގައި އެތައް ހާސް ޓޫރިސްޓުންނެއް އާދެއެވެ. މާލެ ކައިރި އެ ބޯޓްތައް ބަނދަރު ކުރާއިރު އެ ޓޫރިސްޓުން މާލެއާއި އެހެން ރަށްތަކަށް ބާލަން ޖެހެނީ ފެރީ ދޯނިތައް ބޭނުންކޮށްގެންނެވެ. މާލެ އަރުވައި ބޭލުމަށް ވަކި ޚާއްސަ ސަރަހައްދެއް ނޯވެއެވެ. މިކަންކަމުގެ ސަބަބުން ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި، ބޯޓްތަކަށް ބޭނުންވާ ގިނަ ޚިދުމަތްތައް ވެސް ރާއްޖޭން ނުލިބެއެވެ. ނަތީޖާއަކަށް ވަނީ އެ ބޯޓްތަކުން ރާއްޖެއަށް އައުމުގެ ބަދަލުގައި އިންޑިއާއި ލަންކާފަދަ ބަނދަރުތައް ހުންނަ ގައުމުތަކަށް ދަތުރުތައް ކުރުމެވެ.
މިހާރު ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ ވައިގެ މަގުންނެވެ. ނަމަވެސް، ދުނިޔޭގެ ގައުމުތަކަށް ކަނޑުމަގުން ޓޫރިސްޓުން ގެނައުމަކީ ވެސް ފައިދާ ބޮޑު ވިޔަފާރިއެކެވެ. އަވައްޓެރި ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި ކުރޫޒްލައިނާތަކަށް ޚާއްސަ ޓާމިނަލްތައް ހުރެއެވެ. އެ ތަންތަނުން ކުރޫޒުލައިނާތަކަށް މީހުންނާއި މުދާ އެރުވުމާއި ބޭލުމުގެ ޚިދުމަތްތައް ދެއެވެ. މިއީ އެ ގައުމުތަކުން ބޮޑު ފައިދާއެއް ނަގާ ޚިދުމަތެކެވެ.
އެފަދަ ކުރޫޒު ޓާމިނަލެއް ހުޅުމާލޭގައި ހެދުމަށް އެ އަވަށުގެ މާސްޓާ ޕްލޭންގައި ވަނީ ހިމަނާފައެވެ. ނަމަވެސް، އެއްވެސް އަމަލީ މަސައްކަތެއް އޮތީ ނުކޮށެވެ. އެގޮތަށް އޮއްވައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރިޔާސީ އިންތިޚާބަށް ވެފައި ވަނިކޮށް ވަނީ އެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމައި ޕްލޭން ބަދަލުކޮށްފައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބޭރުގެ އުޅަނދު ފަހަރު ރާއްޖެއަށް އައުމަށް އޮތް އަނެއް ހުރަހަކީ ރާއްޖޭގެ ބޮޑުބައި ޗާޓް ކުރެވިފައި ނެތުމެވެ. އެކަން ކުރެވިއްޖެނަމަ ގިނަ އުޅަނދު ފަހަރު ރާއްޖެ ގެނައުމަށް ފަސޭހަވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ސަރުކާރުތަކުން ވައުދުވޭ, މިކަމެއް ނުވޭ
ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވެސް ދެއްކިއެވެ. އެކަމަކު، ބޭނުންހާ ކަމެއް ކުރަން ފުރުސަތު ލިބުނު އެ ދިގު ވެރިކަން ނިމިގެން ދިޔައީ އެކަން ނުވެއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އައިހެވަން މަޝްރޫއު އިއުލާންކުރެއްވެވިއެވެ. ނަމަވެސް، މާ ބޮޑު އަމަލީ މަސައްކަތެއް ނުފެށުމެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި ޞާލިހްގެ ވެރިކަމުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި، މިފަދަ އެހެން މަޝްރޫއުތައް ވެސް އިއުލާންކުރެއްވިއެވެ. ނަމަވެސް، ނަތީޖާއެއް ނުނެރެވުނެވެ. ދެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިހާރުގެ ސަރުކާރުން ނަމެއްގައި ނަމަވެސް މިވަނީ ބަންކަރިންގެ ޚިދުމަތް ފަށައިފައެވެ. ނަމަވެސް އަދި އެކަން ދަނީ އެންމެ އެކަށީގެންވާ ގޮތަށް ވުރެ ކުޅޭކުޅޭ ގޮތަކަށެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ކުރެހުމެއް ---
ސުވާލަކީ ރާއްޖެއަކީ މިނިވަން ގައުމަކަށް ވާއިރު މިހާ ދުވަސްވީއިރު މިކަން ކުރެވިފައިނުވަނީ ކީއްވެތޯއެވެ؟ މި ސުވާލުގެ ޖަވާބު ދޭއިރު ރާއްޖޭގެ ގިނަ ވެރިންގެ އެ ވިޝަން ނެތުމަކީ ވެސް ވެދާނެ ގޮތެކެވެ. އަނެއް ސަބަބަކީ ނުފޫޒަށް ލެނބުމާއި ''ކަޓަށް'' ހެއްލުން ކަމަށް ވެސް ވުން ގާތެވެ.
"ރާއްޖޭގެ ހުރިހާ ވެރިކަމެއްގައި ވެސް ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމުކުރަން މަސައްކަތްކުރި. އެކަމަކު ސްރީލަންކާއާއި އިންޑިއާއާއި ސިންގަޕޫރާއި، މި ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން އައިސް އެކި ގޮތްގޮތުން ލޮބީކޮށްގެން އެ ކަން ރާއްޖެއަށް ވިޔަނުދީ ހިފަހައްޓާފައި އޮތީ،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.
އެއް ގައުމެއް ތަރައްގީވުމަކީ އަނެއް ގައުމެއްގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެކޭ ދުނިޔެއެއްގައި ކަންކަން ވާނީ ވަރަށް ކެރޭ ވެރިންނަށެވެ. ޚާއްސަކޮށް ދުރަށް ވިސްނައިގެން ކަންކަން ކުރަން އެނގޭ ވެރިންނަށެވެ. އަދި، ރިޝްވަތަށް ދޭ ފައިސާގައި ނުހިފައި، ގައުމު އިސްކުރަން ކެރޭ ވެރިން އައިސްގެންނެވެ. ސިންގަޕޫރަށްވީއިރު ދިވެހީންނަށް ނުވެ މި އޮތީ އެފަދަ ވެރީން ރާއްޖޭގައި ނެތުމުން ކަމަށް ވެދާނެއެވެ. އޭގެ ނަތީޖާއަކީ މިނިވަން ކަމަށް 60 އަހަރުވީއިރު އެންމެ ބޮޑު އެއް ނަސީބުގެ ބޭނުން ނުހިފި އޮތުމެވެ. ރާއްޖެ މި އޮތް ހިސާބުން އެހެން ހިސާބަކަށް ދިއުމަށް އެ ނަސީބުގެ ބޭނުން ހިފަން ޖެހެއެވެ.