ކ. މާފުށްޓަކީ ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ރަށަކަށް ވުމުން، ޗައިނާ ބަހުން ވާހަކަދައްކަން އެނގޭ މީހުން ކައުންސިލާއި އެހެނިހެން ޚިދުމަތްދޭ މުއައްސަސާތަކުގައި ތިބުން މުހިންމުކަމަށް ބުނެ މާފުށި ކައުންސިލުން އިސް ނަގައިގެން ވިލާ ކޮލެޖުގެ ޗައިނީސް ލެންގުއޭޖް ސެންޓަރާއެކު ކޯސްތަކެއް ފަށައިފިއެވެ.
އެގޮތުން ބޭއްވި ފުރަތަމަ ކޯސް މިއަދު ވަނީ ނިންމާލައިފައެވެ.
ފުރަތަމަ ކޯސް ކުރިއަށް ގެންދިޔައީ މާފުށީގެ އެކި މުއައްސަސާތައް ކަމަށްވާ މާފުށި ކައުންސިލް، މާފުށި ހޮސްޕިޓަލް، މާފުށި ޕޮލިސް، މާފުށި ސްކޫލް އަދި މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް އަމާޒުކޮށްގެންނެވެ.
ދެ މަސްދުވަހަށް ކުރިއަށްގެންދިޔަ އެ ކޯހުގައި އެއިން ކޮންމެ މުއައްސަސާއަކުން ދެ ބައިވެރިން ހިމެނޭ ގޮތަށް 10 ބައިވެރިން ވަނީ ޗައިނާ ބަސް ދަސްކޮށްފައެވެ.
އަސާސީ ޗައިނީސް ބަސް ދަސްކޮށްދިނުމުގެ ފުރަތަމަ ކޯސް ނިމި، އެ ކޯހުގެ ދަރިވަރުންނަށް މިއަދު ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެ ރަސްމިއަޔާތު ޝަރަފުވެރިކޮށްދެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. ޢަލީ ނަޖީބެވެ.
'ސަން' އަށް މައުލޫމާތުދެމުން ވިލާ ކޮލެޖުން ބުނީ، މާފުށި ކައުންސިލުން އިސްނަގައިގެން އެފަދަ ކޯހެއް ކުރިއަށް ގެންދަން އެދުނީ ފަތުރުވެރިންނާ މުއާމަލާތުކޮށް، އެ މީހުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމުގެ މުހިންމުކަމުން ކަމަށެވެ. މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގެނބިގެންނާއި ނުވަތަ އެ ނޫންވެސް އަނިޔާ ލިބި ފަތުރުވެރިންނަށް ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަމަށާއި، އެފަދަ ހާދިސާއެއްގައި ސިއްހީ ޚިދުމަތެއް ހޯދަން ވިޔަސް އަދި އަދި އެނޫން ޚިދުމަތެއް ހޯދަންދާ ފަތުރުވެރިޔާއާ ވެސް މުއާމަލާތުކުރެވޭނެ ގޮތެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ކައުންސިލުން ފާހަގަކުރި ކަމަށް އެ ކޮލެޖުން ބުންޏެވެ.
"އެއިން ކޮންމެ މުއައްސަސާއެއްގައި ވެސް ބޭސިކް ޗައިނީސް ލެންގުއޭޖް އެނގޭ މީހެއް ހުރުން މުހިންމުވާތީ ކައުންސިލުން އިސްނަގައިގެން އެދުނީ އެފަދަ ކޯސްތަކެއް ކުރިއަށް ގެންދަން،" ވިލާ ކޮލެޖުން ބުންޏެވެ.

މާފުށީގައި ޗައިނާ ބަސް ދަސްކުރާ ކޯސްތަކެއް ފަށައިފި: ފުރަތަމަ ކޯސް މިއަދު ވަނީ ނިންމައި، ސެޓްފިކެޓް ދީފައި -- ފޮޓޯ/ މާފުށި ކައުންސިލް
ވިލާ ކޮލެޖުން ބުނި ގޮތުގައި އެއީ ކައުންސިލުން ސްޕޮންސާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
އެ ކޯހުގެ ބައިވެރިން ވަނީ ޗައިނީސް ބަސް އުނގެނުމުގެ ދެވަނަ ލެވަލަކަށް ވެސް ދާން ބޭނުންވާކަން ފާހަގަކޮށްފައި ކަމަށާއި، އެހެންކަމުން އެ ކޮލެޖާއި ކައުންސިލް ގުޅިގެން ކޯހުގެ ދެވަނަ ލެވަލެއް ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އޭގެ އިތުރުން އެ ރަށުގެ ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ މީހުންނަށް އަމާޒުކޮށްގެން ވެސް ބޭސިކް ޗައިނީސް ލާނިން ކޯހެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި، އެ ކޯހަށް ޝައުގުވެރިވާ މީހުން ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު މި އަހަރުގެ މިހާތަނަށް އެ ގައުމުން 174,658 ފަތުރުވެރިން އައިސްފައިވެއެވެ.