ލ. ކުނަހަންދޫގައި ބަނދަރުކޮށްފައި އޮއްވައި މިއަދު ރޯވި މުދާ އުފުލާ ދޯނީގެ ގެގަނޑު އަނދައިފައިވާ ކަމަށާއި، ދޯނީގެ މަރާމާތަށް ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ބޯޓުގެ ކެޕްޓަން ބުނެފިއެވެ.
ގާތްގަނޑަކަށް 115 ފޫޓުގެ ދިގުމިނެއް ހުންނަ އައިރިސް ދޯނީގެ ކައްޕި އަހްމަދު ހަމީދު "ސަން"އަށް ކިޔައިދިން ގޮތުގައި، ދޯނީގައި ރޯވި ވަގުތު ތިން ފަޅުވެރިން އުޅަނދުގައި ތިއްބެވެ. އޭގެ ތެރެއިން މީހަކަށް އަނިޔާވެފައިނުވާއިރު، އޭނާ ބުނީ، އަލިފާނުގެ ހާދިސާ ހިނގިކަމަށް ގަބޫލުކުރެވެނީ ކަރަންޓު ޝޯޓުވުމުގެ ސަބަބުން ކަމަށެވެ.
ހަމީދު ބުނީ އާންމު ގޮތެއްގައި އެ ދޯންޏަށް ބަރުކުރަނީ ހިލަވެއްޔާއި ސިމެންތި ބަސްތާ ކަމަށާއި، ކޮންމެވެސް ވަރަކަށް ކާބޯތަކެތި ވެސް ބަރުކުރާ ކަމަށެވެ. ރޯވި ވަގުތު ދޯނީގައި ހުރީ ވެސް އެފަދަ ތަކެއްޗެވެ.
ދޯންޏަށް ލިބުނު ގެއްލުމާ ގުޅޭ ގޮތުން ހަމީދު ބުނީ އަނދާފައިވަނީ ދޯނީގެ ގެގަނޑު ކަމަށެވެ. އަދި ދޯނި މަރާމާތު ކުރުމަށް ޓަކައި ކުރާ މަސައްކަތްތަކަށް ދެ މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ހަމީދު ބުނީ އެ ދޯންޏަށް މުދާ ބަރުކޮށްގެން އަލުން ދަތުރުތައް ފެށުމަށްޓަކައި ގާތްގަނޑަކަށް ހަ މަސް ދުވަސް ނަގާނެ ކަމަށެވެ.

ކުނަހަންދޫގެ ބަނދަރުގައި އޮތް މުދާ އުފުލާ ދޯނި "އައިރިސް" އަލިފާނުގެ ހާދިސާއެއް ހިނގާފައި: ދޯނީގެ އަލިފާން ވަނީ މިހާރު ނިއްވާލައިފަ ---
"ވަރަށް ބޮޑު ގެއްލުމަކަށް ވާނެ، ވާނެ ގޮތަކީ މަސައްކަތް ވެސް ހުއްޓުނީ، މިކަން ކުރަން ވެސް ގާތްގަނޑަކަށް ދެ މިލިއަން ޚަރަދުވާނެ އެންމެ ދަށްކޮށް ދިޔަޔަސް،" ހަމީދު ބުންޏެވެ.
އެ ދޯނި އޮތީ ފުލްކޮށް އިންޝުއާކޮށްފައިކަން އޭނާ ފާހަގަކުރިއެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު "ސަން"އަށް ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންނާއި އެމްއެންޑީއެފުން ވެސް މިހާތަނަށް ދީފައިނުވެއެވެ.