ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ މަސައްކަތް ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުން 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ.
އެ މުއާމަލާތް ކުރަނީ ގާނޫނާ ޚިލާފަށް ކަމަށް ދިވެހި މީޑިއާއަކުން ރިޕޯޓުކޮށްފައިވާތީ ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބީއެމްއެލްއިން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް އެ ބޭންކުން ބުންޏެވެ.
"ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައެވެ." ބަޔާނުގައިވެއެވެ.
އެ މުއާމަލާތާ ގުޅޭ ގޮތުން މީގެ ކުރިން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ މެދުވެރިކޮށް ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ޚިދުމަތްތައް ކަމަށެވެ.
މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
އެ ބޭންކުން ބުނީ، ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.