ރާއްޖޭގެ ބައެއް ލީޑަރުން، އިންޑިއާއަށް އިސްކަންދޭ 'އިންޑިއާ ފަސްޓް' ސިޔާސަތު އިސް ކުރައްވަނީ ސަލާން ޖެހުމުގެ ބޭނުމުގައި ކަމަށާއި އެއީ ދޫކޮށްލަން ޖެހޭ ވިސްނުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ހަރަކާތަކަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް، އެ ގައުމާ ގުޅުން ރަނގަޅު ކުރަން މިފަހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގެން، މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނެއެވެ.
މޯދީގެ އެ ދަތުރުފުޅާ ގުޅިގެން ގައުމުގެ ކުރީގެ ބައެއް ލީޑަރުން ވަނީ އިންޑިއާ ފަސްޓް ސިޔާސަތު ރާއްޖެއަށް މުހިންމުވާ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އޭގެ ތެރެއިން، އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާ ގާތް ގުޅުމެއް ބޭއްވެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެއިން އަބަދުވެސް އިސްކަންދެނީ އިންޑިއާ ފަސްޓް ސިޔާސަތަށް ކަމަށާއި މިހާރު ވެސް ދިވެހި ސިޔާސީ މައިދާނުގެ ވިސްނުމަކީ އެއީ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ފަސްޓް ސިޔާސަތާ ގުޅޭ ގޮތުން އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ޒަމާންވެ، ދޫކޮށްލަން ޖެހިފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ދަރަނިން ސަލާމަތްވެ، އިންޑިއާއާއި ޗައިނާއާއެކު ހަގީގީ މާނައެއްގައި ވިޔަފާރި ކުރަން ފަށައި، އެ ދެ ގައުމުގެ މާކެޓުން ޖާގަ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި ޞާލިޙްގެ ވެރިކަމުގައި ބޮޑަށް ގާތް ގުޅުމެއް ބާއްވައިފައިވަނީ އިންޑިއާއާ: އުމަރު ނަސީރު ވިދާޅުވީ ލީޑަރުން 'އިންޑިއާ ފަސްޓް'އޭ ވިދާޅުވަނީ ސަލާން ޖަހަން ކަމަށާއި އެ ފިކުރު ދޫކޮށްލަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
އެ ޕޯސްޓާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އިންޑިއާ ފަސްޓް ޕޮލިސީއޭ ކިޔަނީ ސަލާން ޖަހަން ކަމަށެވެ. އެގޮތުން އެއީ އިންޑިއާގެ އެހީ ހޯދަން، އެ ގައުމު ރުއްސަން ދައްކާ ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"މިއީ އެއްގޮތަކަށް ވެސް ދެވަނަ ބޭނުމެއްގައި ކުރާ ކަމެއް ނޫން. އޭގެ މާނައަކީ ނާށިގަނޑު ހިފައިގެން ދަންޏާ ޖެހޭނެތާ ރަސްގެފާނުގެ މޮޅު ވާހަކަ ދައްކަން، އެގޮތަށް ދައްކާ ވާހައެއް އެއީ އަސްލު،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ލީޑަރުން އެފަދަ ފިކުރު ގެންގުޅުމުގެ ސަބަބުން ގައުމު މިހާރު ވެސް އޮތީ އިންޑިއާއާއި ޗައިނާއަށް ދަރަނިވެރިވެފައި ކަމަށެވެ. އެހެންވެ، އެ ގައުމުތަކުން ލޯނު ނެގުން ހުއްޓާލައި، އިންޑިއާއާއި ޗައިނާގައި ވިޔަފާރި ކުރަން ފުރުސަތު ހޯދަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
"މިހާރު ވެސް ވިޔަފާރި ކުރާ ނަމަވެސް ރާއްޖެއަކަށް ނޯވޭ އެ ގައުމުތަކުގެ މާކެޓަކަށް އެކްސެސްއެއް ބޭނުން ގޮތަކަށް. މީގެ އެއް މިސާލަކީ މަސް ބޭރުކުރުން، އަހަރުމެންނަށް މި ބޭރު ކުރެވެނީ ރޯމަސް، އަހަރުމެންނަކަށް ނުފޮނުވޭ ފައިނަލް ޕްރޮޑަކްޓެއް، ފަައިނަލް ޕްރޮޑަކްޓް ފޮނުވަންޏާ ބައިވަރު ކޮސްޓްތައް ހުރޭ މާކެޓް ތެރެއަށް ވަނުމަށް," އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ވެރިއަކު އިންޑިއާ ނުވަތަ ޗައިނާގައި ވެސް، އެ ދެ ގައުމުގެ މާކެޓުން ޖާގަ ދޭން ނޭދޭ ކަމަށާއި އޭގެ ނަތީޖާއަކީ ރާއްޖެ މުއްސަނދިވުމުގެ ބަދަލުގައި ދަރަނިވެރިވުން ކަމަށެވެ.
"އަހަރުމެން މި ޚިޔާލު ދޫކޮށްލާފައި އަހަރުމެން ބުނަންވީ ޗައިނާއާއި އިންޑިއާ ކައިރީގައި މާކެޓަށް އަހަރުމެންނަށް ވަދެވި އެއްޗެހި ވިއްކަން، މަސް ވިއްކަން، އަހަރުމެންގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ވިއްކަން، އަހަރުމެންގެ އަތްތެރި މަސައްކަތުގެ އެއްޗެހި ވިއްކަން، އަހަރުމެންނަށް ފްރީ އެކްސެސް ދޭށޭ މާކެޓަށް،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އުމަރު ވަނީ ބޭރު ގައުމުތަކުގައި ވިއްކަން ރާއްޖެއިން އެކްސްޕޯޓް ކުރާ އުފެއްދުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން، ރާއްޖޭން ބާނާ ކަނޑުމަސް ޗައިނާއިން ދަޅުގައި ބަންދުކޮށް، ސާމްޕަލް ބެޗެއް ތައްޔާރުކުރުމުން ސަރުކާރުން އުފާ ފާޅުކޮށްފައިވާތީ އޭނާ ޝުއޫރު ފާޅުކުރެއްވިއެވެ.

ޔާމީނާއި އުމަރު ނަސީރު: އިންޑިއާއާއި ޗައިނާއިން ވެސް ލޯނު ހޯދުމުގެ ބަދަލުގައި އެ ގައުމުތަކުގެ މާކެޓުން ޖާގަ ހޯދައި، ވިޔަފާރި ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވި ---- ފޮޓޯ: ރައީސް އޮފީސް
އުމަރު ވިދާޅުވީ ތާޒާ މަސް އެކްސްޕޯޓްކޮށް، އެހެން ގައުމުތަކުން އެ މަހުން ތަކެތި އުފެއްދުމުގެ ފުރުސަތު ދެމުންދާނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށެވެ.
ދެހާސް ތޭވީސްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ވަނީ އިންތިޚާބުގެ ކެމްޕެއިން ތެރޭ ވެސް، ރާއްޖެއިން ރޯމަސް އެކްސްޕޯޓު ކުރުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން، ރާއްޖެއިން ބޭރުކުރާ މަސް ވާންވާނީ ޕްރޮސެސް ކުރުމަށް ފަހު، އެންމެ ފަހުގެ ޕްރޮޑަކްޓްގެ ގޮތުގައި ބޭރުކުރާ މަހަށް ކަމުގައި އޭނާ އޭރު ވިދާޅުވިއެވެ. މަސްވެރިންނަށް ހަގީގީ މަންފާ ލިބޭނީ އޭރުން ކަމަށް އުމަރު ވިދާޅުވިއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ފާހަގަކުރެވުނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެއްގެ ގޮތުގައި ނަމަވެސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފެނުނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ސަރުކާރެއްގެ ގޮތުގައެވެ. އެއަށްފަހު ވެރިކަމަށް ވަޑއިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާއާ ގާތް ގުޅުމެއް ބޭއްވެވިއިރު، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ޖެހުނީ އިންޑިއާ ކޮޅަށެވެ.
ޔާމީންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގެން، ރާއްޖެ ކުޑަ ނަމަވެސް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެ ނުސީދާ ގޮތަކަށް އިންޑިއާއަށް ފާޑުވިދާޅުވިއެވެ. އެ ބަސްފުޅާއި ނައިބު ވަޒީރުންތަކެއް އިންޑިއާއަށް ކުޑައިމީސް ކުރި މައްސަލައިގައި އިންޑިއާއާ ވަރަށް ގުޅުން ގޯސްވެ، އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ބިޔަ ކެމްޕޭނެއް ކުރިއަށްގެންދިޔައެވެ.
އޭގެ ފަހުން މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރަން އެކި މަސައްކަތްތައްކޮށް، ރައީސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވެއެވެ.