ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، އޭރުގެ ޕީޕީއެމްގެ ޕީޖީ ލީޑަރު، އަހްމަދު ނިހާން ހުސެއިން މަނިކާ، އެސްޓީއޯއާ ދެމެދުވީ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުންޏަށް ނިހާން ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފިއެވެ.
މިއީ، ހާބަރު ފުޑްކޯޓެއް ފަސް އަހަރު ދުވަހަށް ނިހާން ކުއްޔަށް ނަންގަވައި، އެ ތަނުގެ ކުލި އެސްޓީއޯއަށް ނުދައްކައިގެން އެސްޓީއޯއިން ދައުވާ ކުރި މައްސަލައެކެވެ.
މި މައްސަލައިގައި އެސްޓީއޯއިން ދައުވާ ކުރުމުން، ސިވިލް ކޯޓުންވަނީ، 959،362 ދައްކަން ނިހާންގެ މައްޗަށް ހުކުމްކޮށްފައެވެ. އެ ފައިސާ ދެއްކުމަށް ނިހާންގެ މައްޗަށް ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އެ މައްސަލައިގައި ނިހާންގެ މައްޗަށް އިއްވި ހުކުމް، ނިހާންގެ ފަރާތުން ދެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓަށް މި މައްސަލަ ނިހާން ހުށަހެޅުއްވީ 2020 ވަނަ އަހަރުއެވެ.
އެ މައްސަލަ ހައިކޯޓުގައި ގޮތެއް ނުނިމި އޮތުމަށް ފަހު ނިހާންގެ އެދުމަށް އެ މައްސަލަ ހައިކޯޓުން ބާތިލުކުރީ، ނިހާންއާ އެސްޓީއޯއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމަކަށް ގޮސް، އެ އެއްބަސްވުން އެގްޒެކިއުޓްކޮށް ނިމިފައިވާތީ ކަމަށް މައްސަލަ ބާތިލު ކުރި ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ ބާތިލުކޮށްފައިވަނީ ޖުލައި މަހު ކުރީކޮޅުއެވެ.