11 ދުވަސް ފަހުން އަބްދުއްރަހްމާން ވަޅުލަނީ، މީހަކު ހައްޔަރެއް ނުކުރޭ

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް --

މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި، އެ ރަށު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނައުމުން މިއަދު ޖަނާޒާ ބާއްވަން ހަމަޖެހިއްޖެއެވެ.

އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހެވެ.

ފުލުހުން ރޭ ބުނީ، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރޭ 19:50 އެހާކަށްހާއިރު އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު މޯޗަރީއަށް ލާފައިވާ ކަމަށެވެ. އޭނާގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިންކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

https://sun.mv/208982

އަބްދުއްރަހްމާންގެ ގާތިލު ހޯދުމަށް ތަހުގީގުގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުންޏެވެ. އެކަމަކު، މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.

މިހާރު އެ ހާދިސާއަށް ވަނީ 11 ދުވަސް ފާއިތުވެފައެވެ.

އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު "ސަން"އަށް ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.

އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.

comment ކޮމެންޓް