ޓާމް ނިންމައި، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް

ސްކޫލު ކުދިންތަކަކަށް ރިޕޯޓު ފޮތް ދިނުން: ޓާމް ނިންމައި ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތްދީ، އެ ކުދިން 16 ދުވަހަށް ޗުއްޓީއަށް މިއަދު ގޮސްފިއެވެ.

ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އަހަރު ފެށީ އޭޕްރީލް ހަތްވަނަ ދުވަހެވެ. އެއަށް ފަހު، މިއަދު ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތްދީފައެވެ. ތައުލީމީ ކަލަންޑަރުގައި ވާގޮތުން މިއީ 16 ދުވަހުގެ ޗުއްޓީއެކެވެ.

މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 10ވަނަ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހައި ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭން 11،000 އެއްހައި ޓީޗަރުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން، 10،000 އެއްހައި ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.

އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ގެނައި ބަދަލު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެ ގޮތުން، އަންނަ ދިރާސީ އަހަރު ފަށާނީ ޖަނަވަރީ މަހެވެ. އަދި، މި އަހަރުގެ ދެވަނަ ޓާމު ޑިސެންބަރު 25 ގައި ނިންމައި، އެ މަހު 28 އިން ފެށިގެން ޖަނަވަރީ 22 އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެއެވެ.

comment ކޮމެންޓް