އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަ ޔުނައިޓެޑަށް ކުޅުނު މާކަސް ރެޝްފޯޑް ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ ރެޝްފޯޑް ވެފައިވަނީ 1986 ވަނަ އަހަރު ގެރީ ލިނެކާއަށް ފަހު ބާސާއަށް ކުޅޭ އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ކުޅިވަރު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރެޝްފޯޑް ބާސާއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން މި އެއް އަހަރަށްފަހު ބާސާއިން ބޭނުން ނަމަ 35 މިލިއަން ޔޫރޯގެ އަގަކަށް ރެޝްފޯޑްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ހުޅުވާލައިފާވެއެވެ.
މެންޗެސްޓާގެ ކޯޗު ރުބެން އަމޮރިމްއާ ޖެހުނު މައްސަލައަކަށް ފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށް ފަހު ރެޝްފޯޑް ޔުނައިޓެޑަށް ކުޅެފައެއްނުވެއެވެ. މިދިޔަ ސީޒަންގެ ފަހު ބައި އޭނާ ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ އެސްޓަން ވިލާގައެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ވިލާގައި ފެނުނު ނަމަވެސް މި ސީޒަންގައި ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިނުވުމުން ރެޝްފޯޑްގެ އެއްބަސްވުން ދާއިމީކުރަން ވިލާއިން ބޭނުމެއް ނުވިއެވެ. ރެޝްފޯޑަކީ ޔުނައިޓެޑް ދޫކޮށްދާން ބޭނުންކަން ކްލަބަށް އަންގާފައިވާ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ.
ބާސާއަށް ސޮއި ކުރުމަށް ފަހު ވާހަކަދައްކަމުން ރެޝްފޯޑް ބުނީ، އޭނާއަށް ގެއަށް އާދެވުމުގެ އިހުސާސްކުރެވުނު ކަމަށެވެ. އަދި، ބާސާއަކީ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް ބަދަލުވާ ކުލަބެއް ކަމަށާއި ބާސާއަކީ އަބަދު ވެސް ބޮޑެތި ކާމިޔާބީ ހޯދަމުން އަންނަ ކުލަބެއް ކަމަށެވެ. މިއީ އޭނާގެ ކުޅުން ރަނގަޅުކޮށް، ހުނަރު ދައްކާލުމަށް ފުރުސަތު ލިބޭނެ ކްލަބެއް ކަމުގައި ވެސް ރެޝްފޯޑް ފާހަގަކުރިއެވެ.
ބާސާގެ ކޯޗު ހާންސީ ފްލިކާ އެކު ބޭއްވި މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ކްލަބްގެ ވިސްނުން ހުރިގޮތް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށް ވެސް ރެޝްފޯޑް ބުންޏެވެ.
ރެޝްފޯޑްވަނީ އޭނާއަށް ޔުނައިޓެޑުން ދެމުންދިޔަ މުސާރަ ކުޑަކުރުމަށް އެއްބަސްވެފައެވެ. އަދި، މިއާއެކު އޭނާގެ މުސާރަ އެއްކޮށް ދޭނީ ބާސާއިންނެވެ. ރެޝްފޯޑް ކުރިއަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ދިއުމާ އެކު ޔުނައިޓެޑުން ކުޅުންތެރިންނަށް ކުރާ ހޭދަ 14 ނުވަތަ 15 މިލިއަން ޕައުންޑް ކުޑަވާނެއެވެ. މިއީ ރެޝްފޯޑް ޕްރިމިއާ ލީގުން ބޭރުގެ ކްލަބަކަށް ބަދަލުވި ފުރަތަމަ ފަހަރެވެ. ކުރިން 2016 ވަނަ އަހަރު ޔުނައިޓެޑަށް ކުޅެން ފެށި ރެޝްފޯޑްވަނީ އެ ކްލަބަށް ކުޅުނު 426 މެޗުގައި 138 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި، ފަސް ތަށި ޔުނައިޓެޑާ އެކު ކާމިޔާބު ކޮށްފައިވެއެވެ.