ބ. އަތޮޅުގައި އަންނަ ހަފުތާގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ

އާރްޓީއެލް ފެރީއެއް: ބ. އަތޮޅުގައި އަންނަ ހަފުތާ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ --- ފޮޓޯ/ އެމްޓީސީސީ

ބ. އަތޮޅުގައި އަންނަ ހަފުތާގައި, ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއަށްފަހު އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި، އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބުކްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު ދަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

އާރްޓީއެލް ފެރީގެ ޕްރޮޖެކްޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި ފެއްޓެވި މަޝްރޫއެކެވެ. އެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ އެ ޚިދުމަތް ދީފައެވެ.

އެ މަޝްރޫއަކީ މުޅި ރާއްޖެ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ޒޯންއަކަށް އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކުރުމެވެ.

comment ކޮމެންޓް