އެމްޑީޕީގެ ދުވުން ފަސްކޮށްފި، ކުރިން ނުލިބުނު ސެންޓްރަލް ޕާކު ދީފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: 'ރަންރީނދޫ' ދުވުން އޮގަސްޓު އެކަކަށް ފަސްކޮށްފި -- ސަން ފޮޓޯ/ މޫސާ ނަދީމް

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހުނު 'ރަންރީނދޫ' ދުވުން އަންނަ އޮގަސްޓު މަހުގެ އެކަކަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ 'ރަންރީނދޫ' ދުވުން އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް, ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ ދުވުން މާލޭ މަޖީދީ މަގުގައި ބޭއްވުމަށް އެ ޕާޓީން ނިންމިއެވެ.

އެމްޑީޕީން މިއަދު ބުނީ, ފުލުހުންގެ އެހީތެރިކަމާ އެކު އޮގަސްޓު އެއްވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި 'ރަންރީނދޫ' ދުވުން ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ މާދަމާ ބާއްވާ ދުވުން ނޯންނާނެ ކަމަށެވެ.

އެހެންކަމުން ދުވުމާ ގުޅޭ އިތުރު ތަފުސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

'ރަންރީނދޫ' ދުވުމަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފުރިހަމަ އިންތިޒާމުތަކާ އެކު ކުރިއަށް ގެންދާނެ ދުވުމެއް ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެ ދުވުމަށް އެންމެނަށް ދައުވަތު ދީފައެވެ.

https://sun.mv/208883

މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދުވުމެކޭ ބުނި ނަމަވެސް އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ހަރަކާތެކެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް"އެވެ.

މި ދުވަސް ފާހަގަކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައި އެމްޑީޕީން ވަނީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސް ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް