ރާއްޖޭގެ ވޮލީބޯޅަ ތާރީހުގައި ނިމިގެންދިޔައީ ފަހަގަކޮށްލެވޭ މުބާރާތެކެވެ. ސަން ސިޔާމް މީޑިއާ ގްރޫޕަށް ވެސް މި މުބާރާތް އެތައް ގޮތަކުން ޚާއްސައެވެ. މިއީ މަދު ސްޓާފުންތަކެއްގެ ބުރަ މަސައްކަތުން ނިންމާލި ބައިނަލްއަޤްވާމީ ފެންވަރުގެ ކަވަރޭޖެކެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނަކީ މެދުތެރޭ އޭޝިއާގެ 14 ގައުމު ހިމެނޭ ބޮޑު ޖަމާއަތެކެވެ. އޭޝިއާ ބައްރުގެ އެންމެ ބޮޑު ވޮލީބޯލް ކޮންފެޑެރޭޝަނެވެ. ރާއްޖޭގައި އިއްޔެ ނިމުނު ކާވާ މެންސް ޗެމްޕިއަންސް ލީގުން ފެނިގެންދިޔައީ އޭޝިއާ ގައުމުތަކުގެ ހަ ޗެމްޕިއަނުންނެވެ. އެ މަންޒަރުތައް މުޅި އޭޝިއާ ބައްރުގެ އިތުރުން ދުނިޔޭގެ ހަތަރު ބިތަށް ސަން ސިޔާމް މީޑިއާ ގްރޫޕުގެ އެސްއެސްޓީވީން ގެނެސްދިނީ ފަހުރުވެރިކަމާއެކުއެވެ.
ބައިނަލްއަޤްވާމީ މުބާރާތެއްގެ ލައިވް ކަވަރޭޖެއް ގެންނަ ނަމަ ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުރެއެވެ. ލައިވް ކަވަރޭޖުގެ ރަނިން އޯޑަރުން ފެށިގެން ކޯޗުންގެ އިންޓަވިއުތަކާއި ޓީމު އެރައިވަލްއިން ފެށިގެން ސްކްރީނަށް އަރުވާ ގްރެފިކްސް އާއި ކެމެރާ ކުރުމާ ހަމަޔަށް ސަންގެ ހީވާގި މުވައްޒަފުން ވަނީ ތަފާތު ދައްކާފައެވެ.
އެ ތަފާތުތައް އެންމެ ބޮޑަށް ފާހަގަކޮށްދެއްވީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް މުޙައްމަދު ލަތީފެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗަށްފަަހު އެންމެ ފުރަތަމަ ވެސް ލަތީފް އިސްކަން ދެއްވީ ކަވަރޭޖުގައި މަސައްކަތްކޮށްދިން ސަން ސިޔާމް މީޑިއާގެ ސްޓާފުންނާ ބައްދަލުކުރެއްވުމަށެވެ.

ކަވަރޭޖުގެ ޓީމާ ލަތީފް ބައްދަލުކުރައްވަނީ--
"ސަން ސިޔާމް މީޑިއާ ޓީމު ވަރެއްނެތް، 14 ގައުމުން ވެސް ކަވަރޭޖުގެ ފުރިހަމަކަން ފާހަގަކުރި,"
މިއީ ރާއްޖޭގެ ވޮލީބޯޅަ ހަޔާތުގައި ޕްރައިވެޓް މީޑިއާ ކުންފުންޏަކާއެކު ވޮލީބޯޅަ އެސޯސިއޭޝަނުން ކުރި އެންމެ ކާމިޔާބު މަސައްކަތެވެ. އޭގެ ނަތީޖާ ވެސް ފޮންޏެވެ. ސަންގެ ކަވަރޭޖު ޓީމާ ބައްދަލުކުރައްވާ ލަތީފް ވަނީ ޓީމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައެވެ. އަދި މިއީ ރާއްޖޭގެ ވޮލީއަށް ހުޅުވުނު އައު ދޮރެއްގެ ގޮތުގައި ލަތީފް ސިފަކުރެއްވިއެވެ.
" ވޮލީގެ ތާރީހުގައި މިއީ ޕްރައިވެޓް މީޑިއާއަކާއެކު ކުރި މިފަދަ ފުރަތަމަ މަސައްކަތް. މިއީ ކުޅިވަރު ކުރިއަށްގެންދިއުމަށް ހުޅުވުނު އައު ދޮރެއް، ސަން ސިޔާމް މީޑިއާގެ ހިތްވަރުގަދަ ޓީމުގެ ސަބަބުން މިކަން ކާމިޔާބުވީ," ލަތީފް ވިދާޅުވިއެވެ.
ވަކި ބަޔަކަށް ބުރަނުވެ ޝައުގުވެރިކަމާއެކު މި މުބާރާތުގެ ލައިވް ކަވަރޭޖު ގެނެސްދިންކަން ވެސް ލަތީފް ފާހަގަކުރެއްވިއެވެ. މި ކަވަރޭޖުގެ ފުރިހަމަކަމާއެކު ސަންގެ ސްޓާފުންގެ މަސައްކަތުގެ ކޮލިޓީކަން ފާހަގަވި ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
"އެއްވެސް ޝަކުވާއެއް އެއްވެސް ޓީމަކުން ވެސް، އެސޯސިއޭޝަނަށް ވެސް ނުލިބި، ކޮންމެ ކަމެއް އަމިއްލައަށް އިސްނަގަައިގެން ކޮށް ނިންމުމަކީ ބޮޑު ހިތްހަމަޖެހުމެއް، މި ޓީމު ވަރެއް ނެތް," ލަތީފް ވިދާޅުވިއެވެ.
ކާވާގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިހަ މިލިއަނެއްހާ މީހުން, ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް ސަންގެ މި ކަވަރޭޖު ބަލާފައިވާކަން ލަތީފް ފާހަގަކުރެއްވިއެވެ. އަދި ބައެއް މެމްބަރު ގައުމުތަކުން ސަންގެ ކަވަރޭޖުގެ ފުރިހަމަކަމުގެ ވާހަކަ ހިއްސާކޮށްފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.
ހަތް ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގެ ކޮންމެ ދުވަހަކުވެސް ސަން ޓީމުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ މަަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓައި ލަފަޔާ އިރުޝާދު ދެއްވުމުގައި ސަން ސިޔާމް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވަރަށް ގާތުން މަސައްކަތްކުރައްވާފައިކަން ކާވާގެ ރައީސް ފާހަގަކުރެއްވިއެވެ. މިކަމުން ސަންގެ މުވައްޒަފުންނަށް ލިބުނު ހިތްވަރުގެ އިތުރުން ކާވާއަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެކަން ލަތީފް ފާހަގަކުރެއްވިއެވެ.

"ސަން މީޑިއާގެ ސީއީއޯ ގްރައުންޑްގައި ޓީމާއެކު މަސައްކަތްކުރާތަން ފެނުމަކީ ޓީމް ވޯކް ވަރުގަދަކަން ފެނިގެންދިޔަ، އަދި އަޅުގަނޑުމެންނަށް ބޮޑު އިތުބާރެއް ލިބިގެންދިޔަ ކަމެއް. އެހެން މީޑިއާތަކާއެކު ވެސް މީގެކުރިން މަސައްކަތްކުރި އިރު މި މަންޒަރެއް ނުފެނޭ," ލަތީފް ވިދާޅުވިއެވެ.
މެދުތެރޭ އޭޝިއާގެ ކުލަބު ޗެމްޕިއަނުންގެ މެދުގައި ކުޅުނު މި މުބާރާތަކީ ސަން ސިޔާމް މީޑިއާ ގްރޫޕުގެ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތުގެ ލައިވް ކަވަރޭޖެވެ.
މި ކަވަރޭޖުން މުޅި ރާއްޖޭގެ އިތުރުން ދުނިޔެއަށް ވެސް ދައްކައިދިނީ ސަން ޓީމުގެ ގާބިލުކަމެވެ. ބައިނަލްއަޤްވާމީ މުބާރާތްތައް ކޮލިޓީއާއެކު ގެނެސްދެވިދާނެ ކަމެވެ.