'އޯ ޕޮޒިޓިވް' ލޭ ޕެކެޓެއް 7،000 ރުފިޔާއަށް ވިއްކަން އަގުކީ މައްސަލައެއް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ބަލަން ފަށައިފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ޗެޓު ލޮގެއްގައި މީހަކު ވަނީ ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހަކަށް 'އޯ ޕޮޒިޓިވް' ލޭ ބޭނުންވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް ލޭ ހަދިޔާކުރުމުގެ ބަދަލުގައި މިހަކު ވަނީ ލޭ ޕެކެޓަކަށް 7،000 ރުފިޔާގެ އަގެއް ކިޔާފައިވެއެވެ.
މި ޗެޓްލޮގުން ފެންނަގޮތުގައި ލެއަށް އެދުނު މީހާ ވަނީ އެއަގަށް ލޭ ގަތުމުގެ ތަނަވަސްކަން ނެތްކަމަށް ބުނެފައެވެ.
މި ސްކްރީންޝޮޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ގިނަބަޔަކު ވަނީ މިކަން ކުށްވެރިކޮށްފައެވެ.
"ލޭ ހޯދަން މަސައްކަތްކުރާ ގްރޫޕެއް ހިންގާ ރައްޓެހިންގެ ފަރާތުން މިފަދަ އެތައް ކަމެއް ކުރިމަތިވެގެން ކިޔައިދީފައި އެބަހުރި. ތިމަންނަ ގައިގައި ހުންނަ ލޭ ހިލޭ ނުދެވޭނެއޭ ވެސް ބުނެފައި އެބަހުރި،" އެ ޕޯސްޓަށް ކޮމެންޓުކުރި މީހަކު ލިޔެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު އެމްބީއެސްއިން ވަނީ އަގުބޮޑުކޮށް ލޭ ވިއްކަން ހުށަހެޅި މައްސަލަ ބަލަންފަށައިފައެވެ.
'ސަން' އާ ވާހަކަދައްކަވަމުން އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަހުމަދު އުމަރު މިއަދު ވިދާޅުވީ، ރާއްޖޭގައި ސިއްހީ ބޭނުމަކަށް ލޭ ވިއްކުމަކީ ކުށަކަށް ވާއިރު އެފަދަ ކަންކަން ފެންމަތިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މިހާރު ވެސް ރާއްޖޭގައި ލޭ ލިބުމުގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލޭ ބޭނުންވާ މިންވަރާ ބަލާފައި ލޭ ހަދިޔާކުރާވަރު މިހާރު ވެސް މަދެވެ.
ގޮތެއް ނެތް ހާލަތުގައި ލޭ ގަނެގެން ބައެއް މީހުން ބޭނުންކުރެއެވެ. ނަމަވެސް އެންމެންނަކީ ގަނެވޭނެ ފެންވަރުގެ މީހުންނެއް ނޫނެވެ.
ގިނަ މީހުން ބުނާ ގޮތުގައި މިއީ އިންސާނިއްޔަތުކަމުގެ އެއްވެސް ކުލުނެއް ނެތުމެވެ. ލެއަކީ ފައިސާއިން ގަނެވޭވަރަށްވުރެ އަގުހުރި އެއްޗެއް ކަމަށާއި، މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ލޭ ހަދިޔާކުރުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޭގެ މުއާމަލާތުކުރުމުގެ މާއްދާގައިވާ ގޮތުންނަމަ، ސިއްހީ ޚިދުމަތުގައި ބޭނުންކުރުމަށް ލޭ ވިއްކުމާއި ގަތުމަކީ ކުށެކެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމުގައި ނުވަތަ ލިބިގަތުމުގައި މާލީ މަންފާއެއް ނުވަތަ ފައިދާއެއް ނެގުމަކީ ކުށެކެވެ. ނަމަވެސް ލޭ ނެގުމަށާއި، ރައްކާކުރުމަށާއި، ޓެސްޓުކުރުމުގެ އިތުރުން އެހެނިހެން ޚިދުމަތަކަށް އަގެއް ނެގިދާނެކަމަށް ބުނެފައިވެއެވެ.
ލޭ ހަދިޔާކުރާ މީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކަމަށް ހިތްވަރުދީ ހަނދާނީ ލިޔުމެއް، ހަނދާނީ ފިލައެއް ނުވަތަ އެމީހާއަކީ ގަވައިދުން ލޭ ހަދިޔާކުރާ މީހެއްކަން އަންގައިދޭ ކާޑެއްފަދަ އެއްޗެއް ދިނުމަކީ ކުށެއް ނޫންކަމަށް ބުނެފައިވެއެވެ.
އެ މާއްދާގައި ބަޔާކުރާ ކުށެއް ކޮށްފިނަމަ 10،000 ރުފިޔާއާއި، 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް އަދަބު ވަނީ ކަނޑައެޅިފައެވެ. އަދި ތަކުރާރުކޮށް އެ ކުށް ކޮށްފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ އިޚުތިޔާރު ފަނޑިޔާރަށް ގާނޫނުން ވަނީ ލިބިދީފައެވެ.
ލޭ ހަދިޔާ ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް އެމްބީއެސްއިން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުންނެވެ.
ލޭ ހަދިޔާކުރާ މީހުން މައިގަނޑު ގޮތެއްގައި ބެހެނީ ތިން ބަޔަކަށެވެ. އެއީ:
- ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ޑޯނަރުން
- ވަކި މީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާކުރާ ޑޯނަރުން
- އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭންޕުތަކުގައި ލޭ ހަދިޔާކުރާ ޑޯނަރުން
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ފުލުހުންގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.