ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް ނުވަތަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން, ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޫކުރި ބިމުގެ ހެޑްލީސް އެއްބަސްވުން ބާތިލްކުރަން ނިންމުމުން އެ ނިންމުން ބަދަލުކޮށްދިނުމަށް އެދިއްޖެއެވެ.
އެފްއޭއެމްގެ ނޮމަލައިޒޭޝަން ކޮމިޓީން ވަނީ މިއަދު މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ހުޅުމާލޭގެ އެ ބިމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ.
އެޗްޑީސީން އެ ބިމުގެ ހެޑްލީސް ބާތިލްކުރީ ސްކޫލް ޕްރޮޖެކްޓް ހުއްޓިފައި އޮވެ ދިގުލައިގެން ދިއުމުންނެވެ. އަދި ދައްކަންޖެހޭ ކުލި ވެސް ދައްކާފައި ނެތުމުންކަމަށް އެ ބަޔާނުގައިވެއެވެ.
އެފްއޭއެމުގެ ބަޔާނުގައި ބުނީ އެ ބިމަކީ ވިޔަފާރީގެ ބޭނުމަކަށް ދޫކޮށްފައިވާ ބިމަކަށް ނުވެފައި، އެއީ ފުޓުބޯޅައިގެ ބޭނުމަށް އިޖުތިމާއީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެހެންކަމުން އެ ބިމުގެ ހެޑްލީސް އަލުން އިއާދަކޮށްދިނުމަށް ބަޔާނުގައި ވަނީ އެދިފައެވެ.
މީގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު އަދި ޖާގައިގެ ދަތިކަންހުރި ގޮތުން، ފުޓުބޯޅައިގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ބިމެއް ގެއްލިގެން ދިއުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ވާތީ އެކަމާ މެދު ނޮމަލައިޒޭޝަން ކޮމިޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ކުލި ނުދެއްކި އޮތީ އެފްއޭއެމަށް ފައިދާނުވާ ގޮތަކަށް ކުރީގެ މެނޭޖުމަންޓުން ބިމުގެ ސަބްލީސް އެގުރިމަންޓްތަކެއް ހަދައި ބަޔަކަށް ދޫކޮށްފައި އޮތުމުން ކަމަށް ފާހަގަކޮށް ބުނީ ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވަނީ އިއުލާން ކުރުމެއް ނެތި އަދި ބިޑަށް ހުޅުވާލުމެއް ނެތި ކަމަށެވެ.
ހެޑްލީސް ނުވަތަ އެފްއޭއެމަށް މުޅި ބިން ދިން މުއްދަތަކީ 40 އަހަރު ނަމަވެސް އެއަށްވުރެ ދިގު މުއްދަތަށް ބިމުގެ ބައެއް ޕްލޮޓްތައް ސަބްލީސްއަށް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި އެފްއޭއެމަށް ކުލި ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން ނަމަވެސް ސަބްލީސްއަށް ބިން ކުއްޔަށް ދޫކޮށްފައި ހުރީ އަކަފޫޓަކަށް ތިން ރުފިޔާގެ ރޭޓުންކަމަށް ވެސް ވެއެވެ.
ގަނޑުކޮށް ފައިސާ ނަގާފައިވީ ނަމަވެސް އެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ފެންނާކަށް ނެތެވެ. އެފްއޭއެމުން ކުލި ދައްކަން ގްރޭސް ޕީރިއަޑެއް ނެތް ނަމަވެސް ގިނަ ސަބްލީސް އެގްރިމަންޓްތައް ހުރީ ދިގު މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް ހިމަނާފައެވެ.
އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެއެވެ. ފީފާއިން ވަނީ މި މައްސަލަތައް ފެންމަތިވުމާއި ގުޅިގެން އޭނާއަށް ފިޔަވަޅު އަޅާފައެވެ.