ރަޝިޔާގެ މަތިންދާބޯޓެއް މިއަދު ވެއްޓި އޭގައިތިބި އެންމެން މަރުވެއްޖެއެވެ.
ރަޝިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 49 މީހުންނާއެކު ދަތުރުކުރި އެ ބޯޓު ވެއްޓިފައި ވަނީ އެ ގައުމުގެ އިރުމަތީ އަމޫރް ސަރަހައްދަށެވެ. އެ ސަރަހައްދުގެ ގަވަރުނަރު ވަސީލީ އަރްލޯފް ވިދާޅުވީ، ވެއްޓުނު ބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށެވެ. އޭގެތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ.
އެ ހާދިސާގައި އެންމެން މަރުވިކަމަށް އޭނާއާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ބޯޓުގައިތިބީ ކޮން ގައުމުތަކެއްގެ ބައެއްކަން އަދި ސާފެއް ނޫނެވެ. އެ ބޯޓުގައި ޗައިނާގެ ރައްޔިތަކުން ހިމެނޭ ކަމަށް އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާއީ އިން ރިޕޯޓުކޮށްފައިވެއެވެ.
ވެއްޓިފައި ވަނީ ބްލަގާވިއެއިޝެންސްކުން ފުރައިގެން 570 ކިލޯމީޓަރު ދުރުގައި އޮތް ތީންދާއަށް ދަތުރު ކުރި މަތިންދާބޯޓެކެވެ. ރަޝިޔާގެ ކުއްލިހާލަތްތަކާ ބެހޭ ޚިދުމަތުން ބުނީ، މަތިންދާބޯޓު ވެއްޓިފައި ވަނީ ތީންދާއާ 15 ކިލޯމީޓަރު ދުރުގައި އޮތް ޖަންގަލިބޯ ސަރަހައްދަކަށް ކަމަށެވެ. އަދި ވެއްޓުނު ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
ވެއްޓުނު ބޯޓަކީ ރަޝިޔާގެ އިރުމައްޗާއި އިރުމަތީ ސައިބީރިޔާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އަންގަރާ އެއާލައިންސްގެ އެން-24 މަތިންދާބޯޓެކެވެ.
މޫސުން ގޯސްވާ ދުވަސްވަރު ރަޝިޔާގެ އިރުމައްޗާއި އާކްޓިކް ސަރަހައްދު ހިމެނޭ ދުރު ހިސާބުތަކުގައި އުދުހުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.
ފާއިތުވި އަހަރުތަކުގައި ރަޝިޔާގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑަޑްތައް ރަނގަޅުވެފައިވާ ނަމަވެސް، ދުރު ހިސާބުތަކުގައި ގިނަ ދުވަސްވެފައިވާ ބޯޓުތަކުގައި ހިނގާ އެކްސިޑެންޓްތަކަކީ އާންމުކަމެކެވެ.
އެ ގޮތުން 2021ވަނަ އަހަރު ވެސް ވަނީ ގިނަ ދުވަސްވެފައިވާ އެންޓޮނޮވް އެން-26 ޓްރާންސްޕޯޓް ބޯޓެއް ރަޝިޔާގެ އިރުމައްޗަށް ވެއްޓި ހަ މީހަކު މަރުވެފައެވެ. ހަމަ އެ އަހަރުގެ ޖުލައި މަހު ކަމްޗަޓްކާގައި ހިނގި އެކްސިޑެންޓެއްގައި އެންޓޮނޮވް އެން-26 ޓްވިން އިންޖީނު ޓާބޯޕްރޮޕްގައި ތިބި 28 މީހުން ވެސް ވަނީ މަރުވެފައިވެއެވެ.
މިފަހުން ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއަކީ އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިޔަ ބޯޓެއް ވެއްޓި ހިނގި ހާދިސާއެވެ. މި ހާދިސާ ހިނގީ މިދިޔަ މަހުގެ 12ވަނަ ދުވަހުއެވެ.