ސަލާމަތުން ގެއަށް ދެވިއްޖެކަން އަންގައިދޭ ފީޗާއެއް ސްނެޕްޗެޓުން ތައާރަފުކޮށްފި

ސްނެޕްޗެޓް: ސަލާމަތުން ގެއަށް ދެވިއްޖެކަން އަންގައިދޭ ފީޗާއެއް ސްނެޕްޗެޓުން ތައާރަފުކޮށްފި

ތިބާ ބޭރުގައި އުޅެފައި ގެއަށް ސަލާމަތުން ދެވިއްޖެކަން އެކުވެރިންނަށް އަންގައިދޭ އާ ފީޗާއެއް މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ސްނެޕްޗެޓުން ތައާރަފުކޮށްފިއެވެ.

"ހޯމް ސޭފް" ގެ ނަމުން ނަންދީފައިވާ މި ފީޗާގެ ބޭނުމަކީ، ބޭރަށް ގޮސް އުޅުމަށްފަހު ގެއަށް ސަލާމަތްތެރިކަމާއެކު އާދެވޭކަން އެކުވެރިންނާއި އާއިލާގެ މެމްބަރުންނަށް އަންގައިދިނުމެވެ.

މި ފީޗާ ބޭނުންކުރުމަށްޓަކައި، ފުރަތަމަ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ "ހޯމް ލޮކޭޝަން" ނުވަތަ ގެ ހުންނަ ތަން ސެޓްކުރަން ޖެހެއެވެ. އެކަން ކުރުމަށްޓަކައި، ސްނެޕް މެޕްގައިވާ ބިޓްމޯޖީއަށް ފިތާލުމަށްފަހު "މައި ހޯމް"އަށް ފިތާލާށެވެ.

އެއަށްފަހު، ބޭރަށް ދާން އުޅޭއިރު، ގެއަށް އާދެވޭކަން އަންގަން ބޭނުންވާ އެކުވެރިޔާއާ ދެމެދުގައިވާ ޗެޓް ހުޅުވާލާ، މެޕްގެ އައިކޮންއަށް ފިތާލުމަށްފަހު "ހޯމް ސޭފް" ބަޓަންއަށް ފިތާލަންވީއެވެ.

މިކަން ކުރުމުން، ސްނެޕްޗެޝް ބޭނުންކުރާ މީހުން ގެއަށް އައުމާއެކު، އެކުވެރިޔާއަށް އޮޓޮމެޓިކުން ޗެޓް މެދުވެރިކޮށް އެލާޓެއް ލިބޭނެއެވެ.

ސްނެޕްޗެޓުން ފާހަގަކުރާ ގޮތުގައި، މި އެލާޓް ފޮނުވޭނީ ހަމައެކަނި، ލޮކޭޝަން ހިއްސާކުރާ އެކުވެރިންނަށް އެކަންޏެވެ. ސްނެޕް މެޕްގައި ލޮކޭޝަން ހިއްސާކުރުމަކީ އަމިއްލައަށް އެކަން ނުކުރާހާ ހިނދަކު، އޮފްކޮށްފައި އޮންނަ ކަމެކެވެ. އެހެންކަމުން، ލޮކޭޝަން ހިއްސާކުރަން ނިންމައިގެން މެނުވީ އެހެން މީހަކަށް ލޮކޭޝަން ފެނުމެއް ނުވަތަ "ހޯމް ސޭފް" އެލާޓެއް ނުލިބޭނެއެވެ.

މި އާ ފީޗާ ތައާރަފުކޮށްފައި މިވަނީ، ސްނެޕް މެޕް ބޭނުންކުރާ މީހުންގެ އަދަދު މަހަކު 400 މިލިއަނަށްވުރެ އިތުރުވެފައިވާކަން އިއުލާންކުރިތާ ދެ މަސް ފަހުންނެވެ.

2017ވަނަ އަހަރު ތައާރަފުކުރި ސްނެޕް މެޕްގެ އަސްލު މަގުސަދަކީ އެކުވެރިން ތިބި ތަންތަން ބެލުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އާންމުކޮށްފައިވާ ސްނެޕްތައް ބެލުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް، ފަހުން މި ފީޗާއަށް ބަދަލުތަކެއް ގެނެސް، މިހާރު ވަނީ މަޝްހޫރު ތަންތަނާއި ހަރަކާތްތައް ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު