ދުވުމަށް ސެންޓްރަލް ޕާކު ލިބުނީ ފުލުހުންގެ މަސައްކަތުން، އެޗްޑީސީން އެޅީ ހުރަސް: އެމްޑީޕީ

ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން: އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، "ރަންރީނދޫ" ދުވުން ބޭއްވެނީ ފުލުހުންގެ މަސައްކަތުން ކަމަށާއި، އެޗްޑީސީން އަދިވެސް ބަލަނީ ހުރަސްއެޅޭތޯ ކަމަށް -- ސަން ފޮޓޯ / މޫސާ ނަދީމް

އަންނަ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު އެމްޑީޕީގެ "ރަންރީނދޫ" ދުވުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވެނީ ފުލުހުން ކުރި މަސައްކަތުން ކަމަށާއި، އެޗްޑީސީން އަދިވެސް ބަލަނީ މި ދުވުމަށް ހުރަސްއެޅޭތޯ ކަމަށް، އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ 'ރަންރީނދޫ' ދުވުން އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުގައެވެ. ނަމަވެސް, ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ ދުވުން މަޖީދީމަގުގައި މާދަމާ ބާއްވަން އެ ޕާޓީން ނިންމިއެވެ.

މިއަދު އެމްޑީޕީން "އެކްސް"ގައި ހިއްސާކުރި ބަޔާނެއްގައި ބުނީ، ފުލުހުންގެ އެހީތެރިކަމާއެކު، އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި "ރަންރީނދޫ" ދުވުން ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ މާދަމާ ބާއްވާ ދުވުން ނޯންނާނެ ކަމަށެވެ.

"ސަން"އިން ސުވާލުކުރުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، އަންނަ ހަފުތާގައި ދުވުމުގެ ހަރަކާތް ބާއްވަން އެޗްޑީސީން ހުއްދަ ދިނީ މިއަދު ކަމަށެވެ. އޭނާ ވިދާޅުވީ، ދުވުމުގެ ހަރަކާތް މާދަމާ މާލޭގައި ނުބާއްވަން ފުލުހުން އެދުނު ކަމަށެވެ.

"އެދުނީމާ ބުނިން މާލޭގަ އެކަން އެއް އިރެއްގައި ވެސް ކުރަން ބޭނުންވެގެނެއް ނޫނޭ އުޅުނީކީ، ހުޅުމާލޭން އެޗްޑީސީން ތަން ނުދިނީއޭ، ބުނީމަ ބުނީ ތިމަންނަމެނަށް ދޭންވީނޫންހޭ ފުރުސަތެއް، ތިމަންނަމެން އެޗްޑީސީ އާ ވާހަކަދައްކައިގެން އެތަން ލިބޭތޯ ބަލާލަން،" އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުވުން ބޭއްވުމަށް ސެންޓްރަލް ޕާކު ލިބޭނެ ކަމަށް އެޗްޑީސީއާ ހަވާލާދީ ފުލުހުން ބުނެފައިވާ ކަމަށެވެ.

"އެހެންވީމާ އަސްލު މިއީ އެމްޑީޕީއަށް ދިން ދިނުމެއް ނޫން، އެއީ ފުލުހުންނަށް ދިން ދިނުމެއް،"

އިބުރޭ ވިދާޅުވިގޮތުގައި އެޗްޑީސީން އަދިވެސް މަސައްކަތްކުރަނީ އެމްޑީޕީން ދުވުން ބޭއްވުމަށް ހުރަސްއެޅުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދިރާގުންނާއި އެހެން ފަރާތްތަކުން އެދުމުން އެޗްޑީސީން ސެންޓްރަލް ޕާކު ދޫކުރާއިރު، ވަކި ބަޔަކަށް އެތަން ދޫނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

"ރަންރީނދޫ" ދުވުމަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފުރިހަމަ އިންތިޒާމުތަކާ އެކު ކުރިއަށް ގެންދާނެ ދުވުމެއް ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެ ދުވުމަށް އެންމެނަށް ދައުވަތު ދެއްވައިފައެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ދުވުމެކެވެ.

އެމްޑީޕީގެ 20ވަނަ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް"އެވެ.

މި ދުވަސް ފާހަގަކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައި އެމްޑީޕީން ވަނީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސް ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް