ތާރީޚްގެ ތެރެއިން ފިނިފެންމާ: އުފާވެރި އިޙްސާސެއް

ތާރީޚްގެ ތެރެއިން ފިނިފެންމާ: އުފާވެރި އިޙްސާސްތަކާއި ގުޅިފައި

ފިނިފެންމަލެކޭ ބުނުމުން ކުރެވެނީ ކޮންކަހަލަ އިޙުސާސެއްތޯއެވެ. ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ނޫންތޯއެވެ.

އާދޭހެވެ. މި މަލަކީ ގިނަބަޔަކު އެންމެ ލޯބިކުރާ، އަދި އެންމެ ގިނަ ބަޔަކަށް ހިނިތުންވުން ގެނެސްދޭ މަލެކެވެ. ފިނިފެންމާ މަޝްހޫރުވެފައި އޮންނަނީ އޭގެ ރީތިކަމާއި، މީރުވަހަށެވެ.

އުފާވެރި އިހްސާސްތަކާއި ގުޅިފައިވާ ފިނިފެންމަލުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ކުރީގެ ރޯމަނުންނާއި ގްރީކުން ޢާންމުގޮތެއްގައި ފިނިފެންމާ ބޭނުންކުރަނީ އެމީހުންގެ ލޯބީގެ ރަމްޒުކަމުގައި ޤަބޫލުކުރާ އެފްރޮއިޓް އަދި ވީނަސްތަރި ރަމްޒުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި އެވޭލާ ޒަމާނުގައި ރޯމަނުގެ އެއްވެސް ތަނެއްގެ ދޮރެއްގައި ފިނިފެންމަލެއް ތަތްކޮށްފައި ހުރިއްޔާ އޭގެ މާނައަކީ އެތެރޭގައި ސިއްރުކަންތައްތަކެއް އެތެރޭގައި ހިނގަމުންދާކަމެވެ. އެކަމަށް ނިސްބަތްކޮށް އެ މީހުން ބޭނުންކުރާ ބަހަކަށްވެފައި އޮންނަނީ "ސަބް ރޯޒާ"( އަންޑާ ދަ ރޯސް) އެވެ. މާނައަކީ އެކަމަކީ ސިއްރެއްގެ ގޮތުގައި ބާވަންޖެހޭކަމެކެވެ.

ފިނިފެންމަލަކީ އިނގިރޭސި ވިލާތް، އެމެރިކާ އަދި އަޅުގަނޑުމެންގެ ރާއްޖެ،( ދިވެހިރާއްޖޭގެ) ވެސް ޤައުމީ މަލެވެ. އަދި އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގެ ޕްރޮވިންޝަލް މާވެސް މެއެވެ. އޭގެ އިތުރުން އެމެރިކާގެ ޑަކޯޓާ، ނިއުކޯކް، އައޯވާ އަދި ޖޯޖިޔާގެ ސްޓޭޓް ފްލާވާއެވެ. އެމެރިކާގެ ޕޯޓްލޭންޑްގައި ޒަމާނުންސުރެން ވެސް ރޯސް ފެސްޓިވަލެއް ބާއްވަމުން އާދެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ހަނގުރާމައާއި ލޭ އޮހޮރުވުމާއި ދެކޮޅަށް ޖަރުމަނުން ހެދި ޖަމާޢަތަކަށް "ވައިޓް ރޯސް" ކިއުނެވެ.

މިއިން ކޮންމެ ތާރީޚަކުން ވެސް "ފިނިފެންމާ" އިޙްސާސްކޮށްދެނީ މިނިވަންކަމާއި ހިތްފަސޭހަކަމެވެ.

ފިނިފެންމަލުގެ ކުލަތަކުގެ ތެރޭގައި ރަތް، ހުދު ރީނދޫ، ފިޔާތޮށި، ގަދަ ފިޔާތޮށި، މަޑު ފިޔާތޮށި، އޮރެންޖް ނޫ، ފެހި، ދަނބު ކުލައިގެ އިތުރުން ވެސް ކުލަތައް ހިމެނިގެން ޖުމްލަ 16 ކުލައެއް ރިކޯޑް ކުރެވިފައިވެއެވެ. މިއިން ކޮންމެ ކުލައެއްގެ ފިނިފެންމަލަކީ ވެސް ވަކި މާނައެއް އެކުލެވިފައިވާ މަލެކެވެ.

އޭގެ ތެރެއިން ކޮންމެ ކުލައެއްގެ މަލަކުން ވެސް ބުނެދެނީ ލޯތްބާއި، އަޅާލުމާއި، އުފާވެރިކަމުގެ އިޙްސާސްތަކެވެ. މިސާލަކަށް ބަލާލާނަމަ:

  • ރަތް: ލޯބި
  • ފިޔާތޮށި: ބަނިޔާދަން
  • ހުދު: ކުށެއްނެތްކަން، ސިއްރުވެރިކަން، އެކުވެރިކަން، ހިތްހެޔޮކަން
  • ގަދަފިޔާތޮށި: ޝުކުރުވެރިވުން
  • މަޑު ފިޔާތޮށި: ހިތާމައިގައި ބައިވެރިވުން، ތަޢުރީފް ކުރުން
  • އޮރެންޖް: ޝައުޤުވެރިކަން
  • ރީނދޫ: ރަޙްމަތްތެރިކަން
  • ދަނބު: މައިވަންތަކަމުގެ ލޯބި، ހިމާޔަތް

ދިވެހިރާއްޖޭގެ ޤައުމީމަލަކީ ފިޔާތޮށި ފިނިފެންމަލެވެ. އެ މަލަކީ އަހަރެމެންގެ މިނިވަންކަންކަމާއި އަމަން އަމާންކަން ރަމްޒުކޮށްދޭ ހިތަށް ފިނިކަން ގެނެސްދޭ މަލެކެވެ. މިފަދަ އުފާވެރި އިޙްސާސެއް އެކުލެވިގެންވާ މަލެއް އަހަރެމެންގެ ޤައުމީ މާ ކަމުގައިވީތީ ފަޚުރުވެރިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު