މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ކަނބުލޮ"ގެ ފުރަތަމަ ޓްރެއިލަރު ދައްކާލައިފިއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ސެޓާން ސްޓޫޑިއޯއިން ސޯޝަލް މީޑިއާއަށް ދާދި ފަހުން ދޫކޮށްލާފައިވާ ޓްރެއިލަރުން ފިލްމުގެ ތީމު ރަނގަޅަށް ވެސް ދައްކުވައިދެއެވެ. މި ފިލްމަކީ ގެވެށި އަނިޔާ ފަދަ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއްކަން ޓްރެއިލަރުން އެނގިގެން ގޮސްފައިވެއެވެ.
ޓްރެއިލަރުން އިތުރަށް އެނގެނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލެ ފިލްމެއް ކަމެވެ.
އަލަށް ނެރެން އުޅޭ ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމެވެ. އެގޮތުން އައްޒަ މި ފިލްމުގެ ލީޑަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ ކަމަނާގެ ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅެފައިވާ ތަރިއެވެ.
މި ފިލްމުގެ ރޯލުތަކުން ފެނިގެންދާނީ މަރިޔަމް އައްޒައާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލްގެ އިތުރުން ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދާއި، މަރިޔަމް ޝަކީލާއެވެ.
ފިލްމަކީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ "ޔުކްތާ"އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ޔުކްތާއަކީ 2009 ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.
މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރާނީ މަހުދީ އަހުމަދެވެ. އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތްތައް ވަނީ މިހާރު ފަށައިފައެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ކަނބުލޮ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ގައެވެ. މި ފިލްމު ޕްރިމިއާ ކުރާނީ އޮލިމްޕަހުގައެވެ.