އެމެރިކާގެ އެންމެ މަޝްހޫރު އަދި ދުވަސްވީ ފެޝަން މެގަޒިން ކަމަށްވާ "ވޯގް"ގެ އޯގަސްޓް މަހުގެ އިޝޫގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ބޭނުން ކުރި މައްސަލަ ހޫނުވެއްޖެއެވެ.
އާޓްގެ ތެރެއަށް އޭއައި ވައްދަން ވެގެން ބޮޑެތި ކޯޕަރޭޝަންތަކުން ކުރާ މަސައްކަތްތައް އަންނަނީ އެތައް ބަޔަކު ކުށްވެރި ކުރަމުންނެވެ. ބޮޑެތި ކޯޕަރޭޝަންތަކުން އާޓިސްޓުންނަށް ހަރަދުކުރުމުގެ ބަދަލުގައި އޭއައި ބޭނުންކޮށްގެން ދަށް ކޮލިޓީ އުފެއްދުން ވެސް ވަނީ މި ދަނޑިވަޅުގައި އިތުރުވެފައެވެ.
މައްސަލަތައް ގޯސްވަމުން ދަނިކޮށް ވޯގްއިން އިއުލާނުކޮށްފައިވަނީ އެ ކުންފުނީން މަހުން މަހަށް ނެރޭ މެގަޒީންގައި ހެދުންތައް އިޝްތިހާރު ކުރުމަށް އޭއައި މޮޑެލްތައް ބޭނުން ކުރަން ފަށާނެ ކަމެވެ. މި ވާހަކަ އިއުލާނު ކުރުމާ އެކުގައި ވެސް އެތައް ބައެއްގެ ފާޑުކިޔުން ވޯގަށް ރައްދުވިއެވެ.
https://www.tiktok.com/@lala4an/video/7529605769386364191
ކުރިއަށް އޮތް ތަނުގައި ވޯގްގެ މަގަޒިންތަކުން ފެންނާނީ އަސްލު މޮޑެލްތަކަށް ހަމައެކަނި ބޮޑެތި ނަންތަކެވެ. އެހެން އުފެއްދުންތައް މޮޑެލް ކުރާނީ އޭއައި މޮޑެލްތަކެވެ. އެންމެ ފަހުން މިގޮތަށް ހަދައި ވޯގްއިން ފުރަތަމަ މެގަޒިން ޗާޕުކޮށްފިއެވެ.
ވޯގްގެ އަންނަ މަހުގެ އިޝޫގައި ބައެއް ބޮޑެތި ތަރީންތައް ފީޗާކޮށްފައިވާއިރު ބައެއް އިތުރު ގަނޑުތައް ފުރާލާފައިވަނީ އޭއައި މޮޑެލްތައް ބޭނުންކޮށްގެން ހެދުންތައް އިޝްތިހާރުކުރާ މަންޒަރެވެ.
މި ކަމާ ގުޅިގެން ވޯގްގެ އެތައް ސަޕޯޓަރުންތަކެއް ވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އަދި, އެތައް ބަޔަކު އަންނަނީ ވޯގްގެ ސަބްސްކްރިޕްޝަން ވެސް ކެންސަލް ކުރަމުންނެވެ. އެތައް ބަޔަކު ގޮވަމުން އަންނަނީ އޭއައި މޮޑެލްތައް ފެޝަނުން ނެރުމަށެވެ. މިއީ އެކި ކަހަލަ ކްރިއޭޓިވް މާހައުލްތަކުގެ ނިމުމަކަށް ގެންނާނެ ކަމެއް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.
އާންމުންގެ ކަންބޮޑުވުންތަކަށް ވޯގްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.