ހަލްކް ހޯގަން މަރުވެއްޖެ

ގިނަ ބައެއްގެ މަގްބޫލުކަން ހޯދި މަޝްހޫރު ރެސްލިންގް ކުޅުންތެރިޔާ ހަލްކް ހޯގަން--ފޮޓޯ/އެންބީސީނިއުސް

ނަވާރަ ސަތޭކަ އަށްޑިހައާއި ނުވަ ދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް ލިބި މަޝްހޫރުކަން ހޯދި ކުޅަދާނަ ރެސްލިންގް ތަރި ހަލްކް ހޯގަން މަރުވެއްޖެއެވެ.

އަސްލު ނަމަކަށް ޓެރީ ޖީން ބޮލިއާ ކިޔާ ހޯގަން މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެންބީސީނިއުސްއިން ބުނެފައިވާއިރު ހޯގަން މަރުވިއިރު އާއިލާގެ މީހުން އޭނާގެ ގާތުގައި ތިބި ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަލްކް ހޯގަން ދިރިއުޅޭ ގެއިން ކާޑިއަކް އެރެސްޓް ކޯލެއް ފުލުހުންނަށް ލިބުމާ އެކު ފުލުހުންނާއި ފަޔާ ފައިޓާ ޓީމަކުން އެ ގެއަށް ވަގުތުން ހާޒިރުވި ކަމަށް ވެސް އެންބީސީ ނިއުސްގައި ވަނީ ބުނެފައެވެ.

ހަލްކް ރެސްލިންގް ރިންގްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯއެއް--ފޮޓޯ/އެންބީސީނިއުސް

ހަލްކް ހޯގަންގެ މަރަކީ ޤުދުރަތީ މަރެއްގެ ގޮތުގައި ބެލެވޭ ކަމަށާއި ޝައްކުކުރެވޭ ކަހަލަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް ފުލުހުންނާ ހަވާލާދީ އެންބީސީ ނިއުސްގައި ވަނީ ބުނެފައެވެ.

އުމުރުން 71 އަހަރުގައި މަރުވި ހަލްކް ހޯގަން އަކީ 1980އިގެ އަހަރުތަކުގެ ތެރޭ ވޯލްޑް ރެސްލިން އެންޓަޓެއިންމަންޓް ކުޅިވަރަށް ބައިނަލްއަޤުވާމީ ގޮތުން ލިބެންޖެހޭ ސަމާލުކަން ހޯދައިދިނުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރި މީހެކެވެ.

މީގެ އިތުރުން، އޭނާއަކީ ހަ ފަހަރު ޑަބްލިއުސީޑަބްލިޔު ވޯލްޑް ހެވީ ވެއިޓް ޗެމްޕިއަންކަން ހޯދާފައިވާ މީހެކެވެ.

ރެސްލިން ތަރިއެއްގެ ގޮތުގައި ވިދާލައި އެ ކުޅިވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ހަލްކްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދާނެކަން 2019 ވަނަ އަހަރު އިއުލާނުކޮށްފައިވާއިރު އެ ފިލްމު އުފެއްދުމަށް ބޭނުންވާ ކޮންޓްރެކްޓް ތައްޔާރުކުރުމުގެ މަރުހަލާގައި ކުރިމަތިވި މައްސަލަތަކާ ގުޅިގެން އެ ފިލްމު ވުޖޫދަށް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް