ރ. އަނގޮޅިތީމު ކައުންސިލް އިދާރާގެ މާނާބާރުނާ މާލަމްގެ ބިއްލޫރިތައް ތަޅާލި މައްސަލަ ސާބިތުނުވާ ކަމަށް އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.
އަނގޮޅިތީމު ކައުންސިލްގެ މާނާބާރުނާ މާލަމްގެ ބިއްލޫރިތައް ތަޅާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު، އެއްރޭ ދަންވަރުއެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ، އަނގޮޅިތީމު މީހަކާ ދެކޮޅަށެވެ. އަނގޮޅިތީމު ފެނަކައިގައި މަސައްކަތް ކުރާ މީހަކާ ދެކޮޅަށް، ދައުލަތުން އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާ ރައްދުވީ މީހާވަނީ، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ޝަރީއަތުގައި އިންކާރުކޮށްފައެވެ. ޝަރީއަތުގައި އޭނާ އެ ކުށަށް އިންކާރު ކުރުމުން، ދައުލަތުން އެ ކުށް އޭނާ ކުރިކަން ސާބިތު ކުރުމަށް، ހަތަރު ހެއްކެއް ހުށަހަޅާފައެވެ.
އެހެންނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި، ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތެއް ނުވިއެވެ.
ހެކިބަހުގެ އަލީގައި ކުށް ސާބިތުނުވި މައިގަނޑު ކަމަކީ، ދައުލަތުން ދައުވާ ކުރި މީހާ، އެ ކުށް ކުރިތަން އެއްވެސް ހެއްކަކަށް ފެނިފައި ނެތުމެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލުގައި 4000 ރުފިޔާ ހޯދަން ދައުލަތުން ޝަރީއަތުގައި އެދުނު އެދުން ކާމިޔާބުވާގޮތް ނުވީއެވެ.
އަނގޮޅިތީމު ކޯޓުން މި ހުކުމް ކުރީ ބުރާސްފަތި ދުވަހެވެ.