ކުޅިވަރުގެ ޚިދުމަތްތެރިން މާޒީގައި ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އިތުރުން އެކި ގޮތްގޮތުން ރާއްޖެއަށް އެ ބޭފުޅުން ހޯއްދަވައިދެއްވާފައިވާ ކާމިޔާބީތައް އަރުޝީފުކުރެވިގެންދިއުމުން އަންނަން އޮތް ޖީލުތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ކުޅިވަރު ވަޒީރުންގެ އަގުވަޒަންކުރުމާއި ކާމިޔާބީ އަރުޝީފުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ކުޅިވަރަކީ އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިތުރުން އަޅުގަނޑުމެންގެ މާހައުލަށް އުފާވެރިކަން ގެނެސްދޭ ވަސީލަތެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނީ ކޮންކޮން ކަމެއް ކޮށްގެންކަމާއި މީ ކޮން ބޭފުޅުންނެއްކަން އެނގިގެން އަޅުގަނޑުމެންނަށް އެކަމުގެ އަގު ވަޒަންކުރެވޭނީ" ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު-- ފޮޓޯ: ކުޅިވަރު ވުޒާރާ
ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމަކީ ކުރީގެ ކާމީޔާބީތަކުން ހިތްވަރުލިބި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމައް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުޅިވަރުގެ މައިދާނުގައި ކަންކަން ހާސިލް ކުރަންވެސް އެނގޭނީ އެ ރިފަރެންސެއް އޮތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ވުޒާރާ ހިންގެވި ވަޒީރުންނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ އަރުއްވާފައެވެ. އެ ބޭފުޅުންނަކީ
1. ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އުމަރު ޒާހިރު.
2- ރާޝިދާ ޔޫސުފް
3- ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، ޑރ. މުޙައްމަދު ޒާހިރު ހުސައިން.
4- އިބްރާހިމް ހުސައިން މަނިކު
5- ހުސައިން ހުލްމީ
6- މުހައްމަދު ވަހީދުއްދީން
7- ޑރ. އާއިޝަތު ޝިހާމް
8- ހަސަން ލަތީފް
9- މުހައްމަދު ހުސައިން ޝަރީފް
10- މުހައްމަދު މަލީހް ޖަމާލް
11- އަހުމަދު ޡުހޫރު
12- އިރުތިޝާމް އާދަމް
13- އަހުމަދު މަހުލޫފް