ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ ޓުވެންޓީ ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް މާލޭ ސްޕޯޓްސް ކުލަބުން ޕްރެޒިޑެންޓްސް ކަޕުގެ ޖާގައެއް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މާލޭ ސްޕޯޓްސްއިން ޕްރެޒިޑެންޓްސް ކަޕުން ޖާގަ ހޯދާފައިވަނީ މިއަދު ކުޅުނު ދެވަނަ މެޗުގައި އޮފް އެފްސީއާއި ބައްދަލުކޮށް 101 ލަނޑުންނެވެ.
މެޗް މާލޭ ސްޕޯޓްސް ކްލަބް ކާމިޔާބުކުރުމުން ޕްރެޒިޑެންޓް ކަޕްއިން ޖާގަ ލިބުނުއިރު، އެ ޓީމުގެ އިތުރުން މިލާން ކްރިކެޓް، ސީބީއެލް އަދި ނިއުސްޓާ ވަނީ މި މުބާރާތުން ޖާގަ ހޯދާފައެވެ.
މިއަދުގެ ފުރަތަމަ މެޗް އެމް އެސް އެކަޑަމީއާއި ބައްދަލުކޮށް މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކުރީ 8 ވިކެޓުންނެވެ.
ފުރަތަމަ ގުރު ދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. އެމްއެސް އެކަޑަމީ ވަނީ 141 ލަނޑު ހަދާފައެވެ. އެއީ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެންނެވެ. އެންމެ ރަނގަޅަށް ކުޅުނީ 57 ލަނޑު ހެދި ލަހިރު އަދި 33 ލަނޑު ހެދި ސަންޖީވައެވެ.

ޓީ-ޓުވެންޓީ ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ސީބީއެމް
ޖަވާބުގައި މިލާން ކުޅެންއަރާ 18ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 143 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ޔޫސުފް އަޒިޔާން 55 ލަނޑު ހެދިއިރު، އިބްރާހިމް ނަޝާތު 57 ހެދިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިލާންގެ އިބްރާހިމް ނަޝާތެވެ.
ދެވަނަ މެޗް ގުރުދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ވަނީ 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 224 ލަނޑު ހަދާފައެވެ. މީގެތެރެއިން އިސްމާއީލް އަލީ ވަނީ 145 ލަނޑާއެކު މުބާރާތުގެ ފުރަތަމަ ސަތޭކަ ހަދާފައެވެ.
ޖަވާބުގައި އޮފް އެފްސީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން 123 ލަނޑު ހެދިއެވެ. އަދި މުޙައްމަދު ޝަފްރާޒް 61 ލަނޑު ހެދިއެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ލީގްގެ 15ވަނަ މެޗެވެ. ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސްއެވެ، މިމެޗް ކާމިޔާބުކުރާ ބަޔަކަށް ލީގްގެ ޗެމްޕިއަންކަން ލިބޭނެއެވެ.