ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ފާހަގަކުރުމަށް މާދަމާ ރޭ މާލެ ވަޑައިގެން 19 ސަރަހައްދެއްގައި ހަ މިނިޓު ވަންދެން ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ، ހަވާ އަރުވަން ފަށާނީ ރޭގަނޑު 08:30ގައި ހަމަށެވެ. ކަނޑުގެ 16 ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވާއިރު، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ.
މިއީ ރާއްޖޭގައި މިހާ ކުލަ ގަދަކޮށް ހަވާ އަރުވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ޚާއްސަ ހަފުލާތަކާ ދިމާކޮށް ހަވާ އަރުވާއިރު، މިކަމަށް އާންމުންގެ ބޮޑު ސަމާލުކަމެއް އަބަދު ވެސް ލިބެއެވެ.
އެގޮތުން، ހަވާ އަރުވާ ވަގުތު މާލޭގެ މަގުތަކުގެ ބާރު ބޮޑުވާކަން ފާހަގަކުރެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މާދަމާ ހުޅުވާއިރު، މާދަމާއަކީ ރާއްޖޭގެ 60ވަނަ މިނިވަން ދުވަސް ވެސް މެއެވެ.
މީގެ ކުރިން އެމްއޭސީއެލުން ބުނީ، މި ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ދެއްވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.