ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ މި ކުރިމަތިލަނީ، އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ކަމަށާއި މިކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންނަށާއި އެމްޑީއޭގެ މެންބަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ފޮނުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވައި މިނިވަންކަން ދިފާއުކުރެއްވުމަށް މަސައްކަތްކުރެއްވި އެންމެހާ އަބްޠާލުންގެ ޒިކުރާ އާކޮށް އެ އަބްޠާލުންގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.
މިނިވަން ދުވަހުގެ މި މުނާސަބަތުގައި އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ލާޒިމް ކަމެއް ކަމަށާއި، ޚާއްސަކޮށް ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރު މިކަމުގައި ގެންގުޅުއްވި ހިކުމަތްތެރިކަމާއި ގައުމު އިސްކުރެއްވުމުގެ މަތިވެރި ސިޔާސަތުތަކުން މިއަދު ވެސް އިބުރަތްތައް ހާސިލްކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ވެސް މިއަދު ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އެމަނިކުފާނު ވިދާޅުވިގޮތުގައި، އެ ކަންކަމުގެ މައްޗަށް ނުވިސްނައި އަމިއްލަ ވިސްނުން އިސްކޮށްފިނަމަ، އަޅުވެތިކަމަށް ރާއްޖެ ވެއްޓޭނެ ކަންކަމެވެ.
"ނަމަވެސް ހިތާމައަކީ އެންމެ އިސް ސަފުގައި މިކަންކަމާ މެދު ވިސްނަންޖެހޭ ބޭފުޅުން އެންމެ ހެޔޮ ވިސްނުން ދުރަށް ނުވިސްނާ، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ރޫހު ގެންގުޅުއްވާލެއް ކުޑަކަމެވެ." ސިޔާމްގެ ޚިތާބުގައި ވެއެވެ.
ސިޔާމް ވިދާޅުވީ، މިނިވަންކަމުގެ 60ވަނަ އަހަރަށް ފަހު 61ވަނަ އަހަރާ ދިވެހީން ކުރިމަތިލާން ޖެހިފައިމި ވަނީ އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ކަމަށެވެ.
"މި ދަތި ދުވަސްތަކުން އަރައިގަތުމަށްޓަކައި ގައުމުގެ އިގްތިސޯދީ ހަކަތަ ވަރުގަދަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން" ސިޔާމްގެ ޚިތާބުގައި ވެއެވެ.
ސިޔާމް ވަނީ، ކޮންމެ ގައުމެއްގައި ވެސް އިގްތިސޯދީ ހަކަތަ ހިފަހައްޓައިދެނީ އެ ގައުމެއްގެ ރައްޔިތުންކަން ފާހަގަކުރައްވައި، ކޮންމެ ރައްޔިތަކު ވެސް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރުމަށް އަޒުމް އާ ކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި "ކާމިޔާބުގެ ސިއްރަކީ ތެދުވެރި މަސައްކަތެވެ،" މި ޝިއާރުން ހިތްވަރު ލިބިގަތުމަށް ވެސް ސިޔާމް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.