ދިގު އިންތިޒާރެއްގެ ނިމުން، އާ ޓާމިނަލް އެންމެ ފަހުން ހުޅުވައިފި

ދިގު އިންތިޒާރަކަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް މިރޭ ހުޅުވައިފިއެވެ.

މި ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން އަދި ލައިޓް ޝޯއެއް ކުރިއަށް ގެންދާނެއެވެ.

https://sun.mv/208915

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭގެ 19 ސަރަހައްދަކުން ހަ މިނިޓު ވަންދެން ހަވާއެރުވުމަށް ވެސް ވަނީ ނިންމައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ޓާމިނަލް މިރޭ ހުޅުއްވަިދެއްވާފައި -- ފޮޓޯ/ އެމްއޭސީއެލް

ޓާމިނަލް ހުޅުއްވައިދެއްވުމަށް ފަހު، ރާއީސާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޓާމިނަލް ބައްލަވައިލައްވާނެއެވެ.

މި ޓާމިނަލަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވާ ޓާމިނަލެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ޓާމިނަލް މިރޭ ހުޅުއްވަިދެއްވާފައި -- ފޮޓޯ/ އެމްއޭސީއެލް

އެގޮތުން މި ޓާމިނަލްގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު:

  • ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ގާއިމްކުރެވިފައިވޭ
  • ސެލްފް ޗެކިން ހަ ކިއޯސްކް
  • އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރެއް ހުންނާނެ
  • ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް
  • ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ވޯކަލޭޓާތަކާއި އެސްކެލޭޓަރުތައް ހަރުކޮށްފައި ހުންނާނެ، އެގޮތުން ހަތަރު ވޯކަލޭޓަރަކާއި 14 އެސްކެލޭޓަރު ހުންނާނެ
  • ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް
  • ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ހުންނާނެ
  • ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓެއް ގާއިމްކުރެވިފައިވޭ

މި ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރުތައް ފަރުމާކޮށްފައިވަނީ ޤަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅުތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ޓާމިނަލް މިރޭ ހުޅުއްވަިދެއްވާފައި -- ފޮޓޯ/ އެމްއޭސީއެލް

އެއާޕޯޓުގެ އެތެރެ ވެސް ފަރުމާކޮށްފައި ވަނީ، ދިވެހި ވަންތަކަށް ދައްކުވައިދޭ ގޮތަކަށެވެ. އެއާޕޯޓުގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ހުރީ ނޫކުލައާއި ހުދުކުލައެވެ.

ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާ އަށް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ކުރީގެ ރައީސް ޔާމީން ކޫއްޑޫ އެއާޕޯޓުގައި: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ކުންފުންޏާ ހަވާލުކުރީ އެމަނިކުފާނުގެ ވެރިކަމުގައި: ފޮޓޯ/ ޕީއެސްއެމް

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. އެގޮތުން އިމާރާތުގެ ފަރުމާއަށް ބަދަލު ގެނެސް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 386 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނެއް ނަގާފައިވެއެވެ.

ކެޕްޝަން.. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެއާޕޯޓު މަޝްރޫއު ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެއަށްފަހު މި ސަރުކާރު ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި، ޓާމިނަލްގެ މަސައްކަތްތައް މި ވަނީ ނިންމާލައިފައެވެ.

އެހެންކަމުން އާ ޓާމިނަލްގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

comment ކޮމެންޓް