"ދުވާލުގެ ތާވަލްގައި ހިމަނަން ރަގަޅު ކަންތައްތަކުގެ ތެރޭގައި ހިނިތުންވުން، ކޫސަނި ކަންތައްތަކާއިމެދު ނުވިސްނުން، ފަހިވިސްނުން ގެންގުޅުން، ޝުކުރުވެރިވުން، އޯގާތެރިވުން އަދި އެހެން މީހުންނަށް ރަގަޅު މިސާލެއްކަމުގައި ވުން ހިމެނެއެވެ."

***

"މިސިޒް ޖަމީލާ؟" ނަރުސްކުއްޖާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

ނަރސްކުއްޖާ އޭނަގެ ގާތުގައި އެދުނީ އެތެރެއަށް ވަނުމަށެވެ. އޭނަ މަންމަގާތު މަޑުކުރާނެކަމުގައެވެ.

"ޑޮކްޓަރ ސާރާ ރިޒަލްޓާއި ބެހޭގޮތުން ވާހަކަދައްކައިލަންވެގެން..."

އޭނަ އެތެރެއަށް ވަންއިރު ޑޮކްޓަރ ސާރާއާއެކު އެހެން ޑޮކްޓަރެއް ވިއެވެ. ޑޮކްޓަރ ހަމްޒާއެވެ. ނަރުސްކުއްޖާގެ ޖުމްލައިން އޭނަ އުއްމީދުކޮށްގެން ހުރީ ނިކަން ހަމަޖެހިލައިގެން އެބުނި ޑޮކްޓަރާއި ސުވާލުކޮށް ހުރިހާ ކަމެއް އޮޅުން ފިލުވުމަށެވެ. ނަމަވެސް ހަމްޒާ ފެނުމުން ސިއްސައިގެން ގޮސް ބަލައިލެވުނީ ފާޑަކަށެވެ. އެ ނަޒަރު ބުނީ އޭނަ އެތަނުން ފެނުމަށް ހިތަށްވެސް ނާރާކަމުގައެވެ. މިރިއަމްގެ ހިތް ކަށިތަކުން ތޮރުފައިލިހެން ހީވުމާއެކު ހިންދިރުވައިލެވުނެވެ. ޚިޔާލުތަކުން ނަގާ އެއްލައިލަން ބޭނުންވިޔަސް އޭނަގެ ދިރިއުޅުމުން ހަމްޒާ ދުރަށް ނުދާނީހެއްޔެވެ؟ ދުނިޔޭގެ ކުޑަކަމުން ފިލަން ދުވުން ބޭކާރުކަމެއްކަން އޭނައަށް ވިސްނެއެވެ. އެހެންނޫންނަމަ ހަމްޒާ ކޮންމެވެސް ސިފައެއްގައި އޭނަގެ ހަޔާތުގައި ހުރުމުގެ ފުރުސަތު ނުދިނީހެވެ. ބައެއްފަހަރު އިލާހީ ގަދަރަކަށް ނުފިލޭނެއެވެ.

"އައްސަލާމް އަލައިކުމް....."އޭނަ އަވަހަށް ހިނިތުންވެލީ ގަތް ލަދު ފޮރުވުމަށެވެ.

ޑޮކްޓަރ ސާރާއާއި ހަމްޒާވެސް ސަލާމް ބަލައިގަތެވެ. ސާރާއަކީ މިސްރުގެ ޓީމާއެކު އައި ޑޮކްޓަރެކެވެ. ނޫކުލައިގެ ސްކާފަކުން އިސްތަށިގަނޑު ފޮރުވާލާފައިވިޔަސް ސަލާމަތްވާން މަސައްކަތްކުރި އިސްތަށީގައި ހުދު އިސްތަށިތައް ހުރުމުން އުމުރުން ދުވަސްވެފައިވާކަން އެނގެއެވެ. އޭނަގެ ބާރާއި ނުފޫޒު ހުރިވަރު ކޮންމެ ހަރަކާތަކުން ހާމަކޮށްދެއެވެ. އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާކަންވެސް ހާމަވެއެވެ.

ހަމްޒާ ގޮނޑިއަށް އިޝާރާތްކޮށްކަމުން އިށީންނަން އެދުނެވެ. އޭނައަށް ގޮނޑީގައި ޖައްސައިނުލެވުނީސް ދޮރު އަޑާއަށް ހުޅުވާލާފައި މަންމަ ވަދެގަތެވެ. މިރިއަމްގެ ނަމުން ގޮވަމުންނެވެ.

"މިރިއަމް. ކީއްވެ މަންމަ އެކަނި ދޫކޮށްލާފައި އައީ؟" ޖަމީލާ ޝަކުވާކުރިއެވެ. އެއާއެކު ތަންކޮޅެއް މަޑުމަޑުން ކަންފަތްކައިރީގައި ބުނެލިއެވެ." މިމީހުން އެއްގޮތަކަށްވެސް ރަގަޅެއްނޫން...."

އޭނަގެ މޫނަށް ރަތްކުލަ ފާއްދައިލިއެވެ. ނަރުސްކުއްޖާވެސް ފަހަތުން ވަންއިރު އެކުއްޖާގެ މޫނުންވެސް ފައުޅުވީ ކަންބޮޑުވުމާއި ނާ އުއްމީދުގެ ކުލަވަރެވެ. އެކުއްޖާއަށްވެސް މަންމަ ހައްލާލައިގެން ނުހުރެވުނެވެ.

"އޯކޭވާނެ..މިތާ އިށީދޭ ޖަމީލާއްތާ.."ހަމްޒާ އަވަސްއަވަހަށް ޖަމީލާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބައިންދަން އުޅުނެވެ.

"ކަލެއަކީ ކާކުތަ؟" ޖަމީލާ ހަމްޒާގެ އަތް ދުރުކޮށްލަމުން ކުޑަކޮށް މޫނު ހަދައިލިއެވެ.

"ޖަމީލާއްތަ މިއީ ހަމްޒާ...ހަނދާނެއްނުވޭތަ؟" ހަމްޒާ ތައާރަފުވާން މަސައްކަތްކުރިއެވެ.އަދި އޭނަގެ ބައްޕަގެ ހަސަބާއި ނަސަބު ކިޔާދިނެވެ. ކާފަގެ ނަންވެސް ބުނެދިނެވެ. އެމީހުން އެރަށަށް ގިނަގިނައިން ޒިޔާރަތްކުރިކަން ހަނދާންކޮށްދިނެވެ.

"އޯ...ތިއީ ބައްޕައާއެކު މިސްކިތުގެ ތެރޭގައި ދުވަމުން އުޅުނު ކުއްޖާ....ފުރާވަރުގައި އިސްވެ ތަރާވީހުވެސް ކުރި..." ޖަމީލާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ހަމްޒާގެ ތުންފަތަށް ވެރިވީ ކުޑަ ހިނިތުންވުމަކާއެކު ހަނދާންތަކެއް ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ފިލްމެއްގެ މަންޒަރެއްހެން ނިއުޅެވުނެވެ.

"ޢެއީ ވަރަށް ކުޑައިރު.. ޖަމީލާއްތަ ހަނދާންހުރުމަކީ ލިބުނު ޝަރަފެއް..."

ޑޮކްޓަރ ސާރާ ހިނިތުންވެލިއިރު އެހީތެރިވާން ބޭނުންވާފަދަ ގޮތެއް ހުއްޓެވެ. އަމިއްލައަށް ތައާރަފުވެސްވެލިއެވެ. އަދި ޑޮކްޓަރ ހަމްޒާއަކީ ކާކުކަންވެސް ބުނެދިނެވެ."ޑޮކްޓަރ ހަމްޒާއަކީވެސް ޑިމެންޝިއާ ރިސާޗް ޓީމްގެ ބައިވެރިއެއް..އަޅުގަނޑުމެންނަށް މިސިޒް ޖަމީލާގެ ސްކޭންތަކާއި ރިޕޯޓް ލިބިފައިއެބަވޭ..."

ޑޮކްޓަރ ސާރާ މޮނިޓަރ އޮންކޮށްލުމުން ސްކްރީން ފުރައިލީ ސިކުނޑިއެއްގެ ފޮޓޯއިންނެވެ. އަޅިއާއި ހުދުން އެކަތިގަނޑެއްފަދައިންނެވެ. ލޭސްހާ ނާޒުކްއެވެ.

"ޑިމެންޝިއާގެ މައިގަނޑު ހަތަރުވައްތަރެއް ހުރޭ. އެއީ އަލްޒައިމާސް، ލުވީ ބޮޑީ، ވެސްކިއުލާ ، އަދި ފްރޮންޓޮ ޓެމްޕޯރަލް ޑިމެންޝިއާ. ބައެއް މީހުން ދެއެއްޗެއް އެކުވެ މިކްސްޑް ޑިމެންޝިއާވެފައި ހުރޭ......މި ސްކޭންގެ ޕެޓަންތަކުން ބޮޑަށް ދައްކުވައިދެނީ ލުވީ ބޮޑީ ޑިމެންޝިއާހެން. އެއީވެސް އަލްޒެއިމާއާއި ދާދި އެއްގޮތް ތަންކޮޅެއް އަވަހަށް ޕްރޮގްރެސްވަމުންދާ ވައްތަރެއް..އަލްޒައިމާއާއި އެއްގޮތްކަންތަކެއް ހުއްޓަސް ތަފާތުވެސް ހުރޭ......."

"ލުވީ؟" މިރިއަމްއަށް ލޯ ބޮޑުކޮށްލެވުނެވެ. އޭނަ ހަނދާންވީ އަތުގައި އޮތް ފޮތެވެ. އޭނަ އެފޮތް ކިޔަންފެށުމުން އެބުނާހެން މަންމަގެ ބަލީގެ ނިޝާންތައް ފެނި ކަންބޮޑުވެފައިވަނިކޮށް އެ ޝައްކު ހަގީގަތަކަށްވީއެވެ. އޭނަގެ ލޯ ކަރަންފެށިއެވެ.

"މިރިއަމް ކިޔާދިން ވަރަށް ގިނަ ކަންތައް އެބަ ދިމާވޭ...ހަނދާން ނެތުން، ކޮންފިއުޒްވުން. ނެތް އެއްޗެހި ފެނުން، މިޒާޖަށް ބަދަލު އައުން. ޝައްކުކުރުމާއި އެންގްޒައިޓީ...ލޯބިވާ ފަރާތްތަކަކީ އޮޅުވާލައިގެން އެހެން މީހަކަށްވެގެން އައިސް ތިބޭ މީހުންކަމަށް ހީކުރުމަކީ އާއްމުކޮށް ވާކަމެއްނޫން. އަދި ބިރުގަތުން..." ހަމްޒާ ވާހަކަދައްކަން ފެށުމުން އޭނަ އަތުގެ އިނގިލިތައް މަހައިލަމުން ބާރުކޮށްލިއެވެ.

"ޒުބޭރުވެސް މައުލޫމާތު ދިން..."ހަމްޒާ އިތުރުކޮށްލިއެވެ.

"މިއީ ރަގަޅުވާ ކަމެއްތަ؟" އޭނަގެ ސިކުނޑިއަށް ވެރިވި ފުރަތަމަ ސުވާލުކޮށްލިއެވެ. ހަމްޒާގެ ނަޒަރު ހުއްޓުނީ ޑޮކްޓަރ ސާރާއަށެވެ.

"ނޫން..."ސާރާގެ އަޑުގައި އޯގާތެރިކަންވިއެވެ. އެއްވެސް ފޮރުވުމެއްނެތި ހަގީގަތް ކިޔައިދިނެވެ."އެކަމަކު އަނެއްހެން މެނޭޖްކުރެވިދާނެ....ބަލި އިތުރަށް ގޯސްވިޔަނުދިނުމާއި ދިރިއުޅުމުގެ ކޮލިޓީ ރަގަޅުކުރުމާއި ވަކި އާދަތަކެއް ހަރުލެއްވުން އަދި މަޑުމަޑުން އޯގާތެރިކަމާއެކު ބުނެދިނުން، ހެލުސިނޭޝަންއާއި މިޒާޖަށް އަންނަ ބަދަލުތަކަށް ބޭސްދިނުން....މިޒާޖުވެސް ބޮޑަށް އުދަގޫވަންޏާ.."

ޖަމީލާ ވަށައިގެން ނަޒަރު ހިންގަމުން ދިޔައިރު އެންމެ ލަފުޒެއްވެސް އިވުނުހެން ނޫނީ އިވުނަސް އެއްޗެއް ދޭހަވީހެނެއް ހިޔެއްނުވެއެވެ.

"އޭރު މަސް އުނދުނަށް ލިންތަ؟" ކުއްލިއަކަށް ޖަމީލާ އެހިއެވެ.

ހަމްޒާ އިސްޖަހައިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ."މިހާރުވެސް ފުދޭވަރަކަށް ޕްރޮގްރެސް ވެއްޖެ.މި ސްޓޭޖްގައި އާއްމުކޮށް ފެންނަވަރަށްވުރެ ބޮޑަށް ގޯސްކޮށް އުޅެނީ. އެހެންވީމަ ވަރަށ އަވަހަށް ދަށަށްގޮސްދާނެކަމަށް ބަލަން ޖެހޭ...އައިމް ސޮރީ މިރިއަމް..އެކަމަކު..އަދިވެސް ވަގުތު އެބައޮތް މަންމައަށް ރައްކާތެރިަކަން އިހުސާސްކޮށްދީ...އަދި..."

އޭނައަށް ހީވީ އެތެރެހަށިން އެއްޗެއް ހަލާކުވެ ތެޅިގެން ދިޔަހެންނެވެ. މަޑުމަޑުންގޮސް އެހެން އެއްވެސް މީހަކަށް އަޑު އިވުމެއްނެތިއެވެ.އެހާވެސް ހިމޭންކަމާއެކުގައެވެ. އަލުން ދުވަހަކު އިއާދަނުވާވަރުގެ ބޮޑު ގެއްލުމެކެވެ.

އޭނަ ތެދުވުނެވެ.

"ތެންކިއު ޑޮކްޓަރ..އަޅުގަނޑުމެން ދެން ގޮސްލާނަން..."

ހަމްޒާ އޭނަ ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ދޮރު ހުޅުވައިލަދިނެވެ. އޭނަ ކޮޓަރިން ބޭރުގައި އެއްފިޔަވަޅު އެޅިތަނާ ގޮވައިލިއެވެ.

"މިރިއަމް..."

އޭނަގެ ފިޔަވަޅުތައް ގަނޑުވިއެވެ. ވަގުތުން ހުއްޓުން އެރިއެވެ. ހަމްޒާ މަޑުމައިތިރިކަމާއެކު ބުނި ޖުމްލަ ފުރިހަމައެއްވެސް ނުކުރެވުނެވެ.

"އެހީއެއް ބޭނުންވެއްޖެއްޔާ..."

"ނޯ ވީ އާ ފައިން..."މިރިއަމްގެ ހިނިތުންވުމުގައި ހުރީ ހިތިކަމާއި އަޖައިބެއްފަދަ ފިނިކަމެކެވެ. ހަމްޒާ ސިހުނުހެން ހީވިއެވެ. އެކަމަކު މަޑުމަޑުން ބޯޯ ޖަހައިލިއެވެ. މިރިއަމްގެ ސިކުނޑިއާއި ހިތުގައި އޭނައަށްޓަކާ ފޮރުވިފައިވާ ރުޅިވެރިކަމެއް ނޫނީ ސިއްރެއްވިއެވެ. އެހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ މިރިއަމް އޭނަދެކެ އެހާ ރުޅިއަންނަންވީ ކޮންކަމަކާހެއްޔެވެ؟ އެއްވެސް އެއްޗެއް އޭނައަކަށް ނުވިސްނުނެވެ.

އެވަގުތު ހަނާންގެ ކޯލެއް އަންނަން ފެށުމުން ބުމަ ކައިރިކޮށްލެވުނެވެ. ހަނާން ގާތުގައި އޭނަ ހުއްޓަސް އުޅޭނީ ގެއްލިގެންނެވެ. އޭނައަށް ވެވޭނެނަމަ ގެންގުޅޭނީ ފައިގާ ޗޭނެއް ޖަހައިގެންކަމަށްވެސް ވެދާނެއެވެ. ގެއިން ބޭރަށް ގޮއްސިއްޔާ ހާސްފަހަރު ގުޅައިގެން އުދަގޫކުރާނެއެވެ. އިރުއިރުކޮޅާ މެސެޖެއް އަންނާނެއެވެ. ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް އޮންނަންވާނެ ނޫންހެއްޔެވެ؟ ހައްދު ފަހަނަޅާ ގޮއްސިއްޔާ ގާތުގައި ހުންނަ މީހަކަށް އަޒާބަކަށްވެދާނެއެވެ. ހަގީގަތަކީ އޭނައަށް ހަމަޖެހުމުގެ އެންމެ ނޭވާއެއްވެސް ލެވުނަ ނުދޭކަމެވެ. ޝައްކުކުރުމުގެ އިންތިހާއެވެ. އަންހެނަކާއި ދިމާލަށް އޮޅިގެން ބަލާލައިގެން ނުވެއެވެ. ބުޅަލެއްގައި ފިރުމައިލިޔަސް ހަނާން އެއަކާއި ހަސަދަލައިގެންނެވެ.

ހަމްޒާ ނޭވާ ހަމަޖައްސައިލަން ނުކުތީ ބޭރަށެވެ. ފިނިވައި ރޯޅިއެއް މޫނުގައި ބީހިލިއެވެ. ކޮފީގެ ވަސް ނޭފަތުގައި ޖެހުމާއެކު އެވަގުތު އޭނަގެ ސިކުނޑި ހަމަޔަކަށް އެޅެން އޮތް ވަސީލަތަކީ ކަޅު ކޮފީއެއްކަން އެނގިގެން ހިނގައިގަތީ އެދިމާލަށެވެ. އެތަނުގެ ކެފޭއަށް ވަންނަން ދަމުން މިރިއަމްމެން ތިބި ދިމާލަށް ބަލައިލެވުނީ އޮޅުމަކުންނެވެ. އެއާއެކު ކޮންމެވެސް ނާޒުކް އަތަކުން އޭނަގެ މޫނުގައި ހިފާފައި އަނބުރައިލިއެވެ. ސިހިފައި އެއަތުގައި ހިފަހައްޓައިލެވުނުއިރު އޭނައަށް އެ މޫނު މަރުހަބާ ކީ ފުޅާ ހިނިތުންވުމަކާއެކު ފަރި ނަޒަރަކުންނެވެ. ހިތުގައި ކިތަންމެ ވަރެއްގެ ހަސަދައާއި ޝަކުވާއެއް އޮތަސް މުޅިން އެހެން ކުލަވަރެއް ދައްކާލައިގެންނެވެ.

***

ހޮސްޕިޓަލުގެ ގޭޓުން ނުކުތުމާއެކު ޖަމީލާ މިރިއަމްގެ ހެދުމުގެ އަތުކުރީގައި ހިފާފައި ކުޑަކޮށް ލައްކިއެއްޖެހިއެވެ. މިރިއަމްގެ ހަވަނަ ހިއްސު މަސައްކަތްކުރީކަން ނޭގެއެވެ. އެނބުރި ބަލައިލެވުނީ ކެފޭ ހުރި ދިމާލަށެވެ. ހަމްޒާއާއި އަންހެންކުއްޖަކު ކެފޭގެ ކުރިމަތީގައި ތިބިތަން ފެނުމާއެކު ތަބީއަތު ގޯސްވުން ނޫންކަމެއްނުވިއެވެ. ހަމްޒާ އޭނަގެ ކުރިމަތީގައި ޑްރާމާ ނުކުޅިޔަސް އެންމެ ރަގަޅެވެ. ހާދަ ދެއްކުންތެރިއެވެ. އޭނަ ދެރަކޮށްލަން ދުނިޔޭގައި ހުރި އެންމެ ރީތި އަންހެންކުއްޖާއާއި އެކުގައި އެންމެންގެ ކުރިމަތީގައި ތިބިއިރު މި ކައުނުގައި އެދެމީހުންފިޔަވާ އެހެން މީހެއް ނެތްފަދައެވެ.

މިރިއަމްގެ ސިކުނޑި ތެރޭގައި ބޮމެއް ގޮއްވައިލެވުނެވެ. ބަޔާން ނުކުރެވޭފަދަ އުދަގޫތަކެއްވެ ހުރެވުނުތަނެއްވެސް ނޭގުނެވެ. ވީހާވެސް ދުރަށް ދާންވެގެން ވިސްނާ ނުލާ މަގަށް ނުކުމެވުމުން ކާރުގައި ނުޖެހުނީ ޑްރައިވަރުގެ ހުޝިޔާރުކަމުންނެވެ. މިރިއަމް މާފަށް އެދުނެވެ.

"މަންމައަކަށް ކާރަކަށް ނޭރޭނެ. އެއަށް އެރީމަ ބޮލުގައި ރިއްސާ. އެއަށްވުރެ ހިނގާފައި އުޅެން މާ ފަސޭހަ...ހިނގާފައި ގެއަށް ދާނީ...ވައިވެސް ސާފު ދުވަހެއް.."ޖަމީލާގެ އަޑުގައި ސާބިތުކަމެއް ހުއްޓެވެ.

"މަންމާ..ކިހާ ހޫނުގަދަ ދުވަހެއް. އަދި މީހުން ތޮއްޖެހިފައިވާ މަގުތަކުން ހިނގާފައި އުޅެން މަންމައަށްވެސް ފަސޭހައެއްނުވާނެ...މިތާގެ ވައި ނުސާފުވެފައި ތަޣައްޔަރުހެން ހީވަނީ..ޓެކްސީއަށް ގުޅާލާނަން އިނގޭ.." އޭނަ މަންމަގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އޭރުވެސް ބިރުގަންނަ ދަރަޖައަކަށް ހިތް ތެޅެމުން ދިޔައެވެ.

"އަހަރެން ބޭނުމީ ހިނގާފައި ގެއަށްދާން.."ޖަމީލާގެ ޖުމްލަ ތަކުރާރުކޮށްލިޔަސް އަޑު މަޑުވިއެވެ.

"ޢެންމެ ރަގަޅު މަންމައަށް ފެންނަގޮތެއް.."އޭނައަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

މަގުމަތިން ދުއްވާ އުޅަދުފަހަރާއި މީހުންތަކުގެ ތެރެއިން ފުރޭނިގެން އޭނަ މަންމަގެ އަތުގައި ހިފައިގެން ދިޔައިރު ނުތަނަވަސްވިއެވެ. ޒުބޭރުއަށް ގުޅަންވެސް ހިތަށް އެެރިއެވެ. ބަލާނުލާ އުދުހިފައިދާ ކާރުތަކާއި ސައިކަލްތަކެވެ. ކޮންމެ މީހަކުވެސް ލައިނުގަނެވިގެން އުޅެނީ ކޮންފަދަ ކަމަކަށް ކަމެއްވެސް ނޭގެއެވެ. މަގުހުރަސްކުރަން ކެރޭވަރެއްނޫނެވެ. އޭނަ މަންމަ އަނެއް ފަޅީގައި ބަހައްޓައިގެން މަގާއި ވީ ފަޅީގައި ހުރެ ކުރިއަށް ހިނގަންފެށިއެވެ. މަގުތައް އެހާ ހަނިވެފައި އަޑުހަރުކަމުންނާއި މީހުންތައް ގައިގާ ޖެހިފައި ދާވަރުން އުދަގޫވިއެވެ. މަންމަ ދިމާ އިދިކޮޅެވެ. ނިކަން ހަމަޖެހިފައި ހުރިއިރު އެއްވެސް ބިރެއް ޖެހިލުމެއްނުވެއެވެ.

ދެމައިން މަގު ހުރަސްކުރި ވަގުތު މިރިއަމްއަށް އޭނަގެ ބައްޕައާއި ވައްތަރު މީހާ ފެނުނެވެ. ސައިކަލެއްގެ ފަހަތު ސީޓުގައި އިންއިރު ދުއްވަން އިންމީހާ ބުނި އެއްޗަކަށް ހެމުން ދިޔައެވެ. ހަމަ ބައްޕަގެ މޫނެވެ. އެ ހުނުމެވެ. މިފަހަރު ފެނުނީ މާ ކައިރިންނެވެ. މޫނު ސާފުކޮށް ފެންނަހާ ކައިރިންނެވެ.

މިރިއަމްގެ ފިޔަވަޅުތައް ކަފިހިހުރަސް މެދަށް ހުއްޓުނެވެ. ޖަމީލާއަށްވެސް އިހުސާސްކުރެވި ބަލައިލެވުނީ މިރިއަމްގެ ނަޒަރު ހުރި ދިމާލަށެވެ. އެފިިރިހެންމީހާގެ ނަޒަރުވެސް މިރިއަމްގެ މޫނުންގޮސް ޖަމީލާގެ މޫނުގައި ހަރުލިއެވެ. އެލޮލުން ވިދުވަރެއް ފެނުނެވެ.

ޖަމީލާއަކީ ކާކުކަން އެނގުނީހެއްޔެވެ؟

އެ ފިރިހެންމީހާއަށް އުދަގޫތަކެއްވީ ފަދަ ގޮތަކަށް ސީޓުގައި ހަރަކާތްކުރިއިރު ހުނުން މަތަވެ އެއްކޮށް ސީރިޔަސްވިއެވެ. މިރިއަމްއަށް ފާހަގަކުރެވުނީ އެމީހާ ދުއްވަން އިން މީހާގެ ބުރަަކަށީގައި ފުުތްޓައްކެއް ޖަހައިލުމުން އޭނަ ދުއްވައިލިކަމެވެ.

"މަންމާ...އެއީ....."އޭނަ ގެ އަނގަ ކުޑަކޮށް ހުޅުވުނެވެ.

ޖަމީލާ އޭނަގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަގޮތަކަށް ހިނގައިގަތެވެ.

"އަވަހަށް މިތަނުން ދާން ހިނގާ.." ޖަމީލާއަށް ބުނެވުނީ އުދަގުލުންނެވެ.

"އެކަމަކު..."އޭނަ ހައިރާންވެފައި އެއްޗެއް ބުނަން އުޅުނެވެ.

"މިބުނީނު ހިނގާށޭ.."

މިއިން ޒަމާނެއްގައިވެސް މަންމަ އެހާ ބާރަށް ހިނގާ އުޅުނުތަނެއް އޭނަ ނުދެކެއެވެ. ހިނގުމުގެ ރޭހެއްގައި ނައްޓައިލިފަދައެވެ. ހަށިގަނޑުގައި އެހެން ކޮންމެވެސް އެއްޗެއް ހޭލައިގަތްފަދައިންނެވެ. އުފާވެރިކަމެއްނޫނެވެ.ބިރާއި އިންޒާރެވެ. އޭނަ ހިފެހެއްޓުންވެސް އެހާ ބާރެވެ. ކޯތާފަތުގެ ކަށިގަނޑަށްވެސް ވާންކޮށްލައިގެންނެވެ އޭނައަށް ކުރެވޭނެ އެހެންކަމެއްނެތެވެ. މަންމަގެ ފަހަތުން ދާން ޖެހުނެވެ. އޭނަ އެންމެ ފަހު ފަހަރަށް އެނބުރި ބަލައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު