އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ކުރީގައި އުޅޭ ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ބަހުގެ މޮޑެލް ކަމަށްވާ ޖީޕީޓީ-5 އަންނަ މަހު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ދަ ވާޖް އިން ރިޕޯޓްކޮށްފިއެވެ.
މީގެ ކުރިން މެއި މަހުގެ ފަހުކޮޅު ނެރުމަށް ރާވާފައި އޮތް މި މޮޑެލް، އިތުރު ޓެސްޓުތަކާއި ލަސްވުންތަކަށް ފަހު މިހާރު ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ކުރީކޮޅު ކަމަށް މަޢުލޫމާތު ލިބެއެވެ.
އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވަނީ އެކްސް ގައި ޖީޕީޓީ-5 ވަރަށް އަވަހަށް ނެރޭނެ ކަމަށް ހާމަކުރައްވާފައެވެ. އަދި މި ހަފްތާގެ ކުރީކޮޅު ތިއޯ ވޮން އާއެކު ބޭއްވި ޕޮޑްކާސްޓެއްގައި އޯލްޓްމަން ވަނީ ޖީޕީޓީ-5 ގެ ބައެއް ގާބިލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އޭނާ ވިދާޅުވީ، އޭނާއަށް ވެސް ނުވިސްނުނު ސުވާލެއް ޖީޕީޓީ-5 އަށް ދިނުމުން އެ މޮޑެލް އިން އެ ސުވާލަށް ފުރިހަމައަށް ޖަވާބު ދިން ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި އޯލްޓްމަން ވިދާޅުވީ، އެއީ އޭނާއަށް ހައިރާންކަމެއް ލިބުނު ވަގުތެއް ކަމަށާއި، އޭނާއަށް އެ ސުވާލަށް ޖަވާބު ދެވޭނެ ކަމަށް ހީވި ނަމަވެސް ޖީޕީޓީ-5 އިން ވަގުތުން ޖަވާބު ދިނުމުން އޭނާއަށް ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވުނު ކަމަށެވެ.
ޖީޕީޓީ-5 ނެރުމުގެ ކުރިންވެސް މި މޮޑެލްގެ ހަރަކާތްތައް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޯޕަންއޭއައި އިން ޖީޕީޓީ-5 އޮގަސްޓް މަހުގެ ކުރީކޮޅު ނެރުމަށް ރާވާފައިވާއިރު، މި މޮޑެލްގެ މިނީ އަދި ނެނޯ ވާޝަންތައްވެސް އެ ކުންފުނީގެ އޭޕީއައި މެދުވެރިކޮށް ލިބޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އަހަރުގެ ކުރީކޮޅު އޯލްޓްމަން ވަނީ ޖީޕީޓީ-5 އަކީ “އެކުންފުނީގެ ގިނަ ޓެކްނޮލޮޖީތަކެއް އެއްކޮށްލާފައިވާ ސިސްޓަމެއް” ކަމަށް ސިފަކުރައްވާފައެވެ. އެއީ މި މޮޑެލްގައި ވަކި މޮޑެލްއެއްގެ ގޮތުގައި ނެރުމުގެ ބަދަލުގައި އޯ3 ރީޒަނިން ގާބިލިއްޔަތުތައް ހިމެނޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗެޓްޖީޕީޓީ މޮޑެލްތަކަކީ އޯޕަންއޭއައި އިން ތަރައްގީކޮށްފައިވާ ބޮޑެތި ބަހުގެ މޮޑެލްތަކެކެވެ. މި މޮޑެލްތަކަކީ ގިނަ އަދަދެއްގެ ލިޔުންތަކުން ތަމްރީނުކޮށްފައިވާ މޮޑެލްތަކެއް ކަމުން، އިންސާނުން ލިޔާ ގޮތަށް ލިޔުން އުފެއްދުމާއި، ސުވާލުތަކަށް ޖަވާބު ދިނުމާއި، ތަފާތު ބަސްބަހަށް ތަރުޖަމާ ކުރުން ފަދަ ކަންކަން ކުރުމުގެ ގާބިލިއްޔަތު ލިބިފައިވެއެވެ.
ޖީޕީޓީ-3 އާއި ޖީޕީޓީ-4 ފަދަ މޮޑެލްތަކަކީ މިހާރުވެސް ދުނިޔޭގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ މޮޑެލްތަކެކެވެ. ޖީޕީޓީ-5 އަކީ މި ސިލްސިލާގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ މޮޑެލް ކަމަށް ބެލެވެއެވެ. މި މޮޑެލްގައި އޯ3 ރީޒަނިން ގާބިލިއްޔަތުތައް ހިމެނޭނެއިރު މިއީ އޭއައިގެ ދާއިރާއަށް އަންނަ ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.