މިހާރު ހިނގަމުން އަންނަ ރާއްޖޭގެ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕު އުފައްދާފައިވާއިރު މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އަބްދުއްރަހީމް މިއަދު ވަނީ ބައްދަލު ކުރައްވައިފައެވެ.
ކުރުނބާ އައިލެންޑް ރިސޯޓްގައި މިއަދު ހެނދުނު އޮތް އެ ބައްދަލު ކުރެއްވުމަށް ފަހު މޯދީ ދިވެހި ބަހުން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ.
އޭގެތެރޭގައި ދެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ ކަމަށް މޯދީ ވިދާޅުވިއެވެ. އެގޮތުން 20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސްޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.
އެ ޓްވީޓަށް ހިންދީ ބަހުން ދެއްވި ރިޕްލައިގައި އަބްދުއްރަހީމް ވަނީ މޯދީ އެ މަނިކުފާނާއި މަޖިލީހުގެ އިސް ވަފުދާ ބައްދަލު ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ ގުޅޭގޮތުން މޯދީ ދެއްކެވި ވާހަކަ ފުޅަށާއި ދެއްވާ އެއްބާރުލުމަށް އަބްދުއްރަހީމް ޝުކުރު އަދާ ކުރެއްވެވިއެވެ.
އެމަނިކުފާން ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ޕާލަމެންޓްރީ ފްރެންޑްޝިޕް ގުރޫޕް އުފެއްދުމަކީ ވަރަށް މުހިންމު, މާނަ ހުރި މަސައްކަތެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ބޮޑު ވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި އިދިކޮޅު އެމްޑީޕީއާ ވެސް މޯދީ ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.
ރާއްޖެ ވަޑައިގެން މޯދީ އިއްޔެ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި ގިނަ އެހީތަކެއް ރާއްޖެއަށް ފޯރު ކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރު އުޅަނދާއި ސިއްހީ ބައެއް އެހީތެރިތައް ހިމެނެއެވެ. އަދި އިންޑިއާއަށް ރާއްޖޭން ދައްކަން ޖެހޭ ދަރަންޏަށް ވެސް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައި ދެއްވައިފައެވެ.
މިއަދު ފާހަގަ ކުރާ ރާއްޖޭގެ 60 އަހަރުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ހަވީރު އޮންނަ ޕެރޭޑު ވެސް މޯދީ ބައްލަވާލައްވާނެއެވެ. އެއަށް ފަހު މޯދީ މިއަދު އެނބުރި އިންޑިއާއަށް ދިއުމަށް ފުރާވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ.