އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހިނގާފައި އުޅުމަށް ހުރަހެއް ނެތް

އިސްލާމީ މަރުކަޒު: އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހިނގާފައި އުޅުމަށް ހުރަހެއް ނެތް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި --- ފޮޓޯ/ ޕުޝްޕިތާ ލައިވް ޖާނަލް

މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ގްރީން ޒޯން ބަންދު ކުރިނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހިނގާފައި އުޅުމަށް ހުރަހެއް ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން އެހެން ބުނިއިރު، އިއްޔެ އަސުރު ނަމާދަށް އިސްލާމީ މަރުކަޒަށް މަދު ބަޔަކު ނަމާދަށް އެރުމުން އެކަމުގެ ކަންބޮޑުވުން މީހުން ވަނީ ފާޅުކޮށްފައެވެ. އަދި އިއްޔެ އެ ސަރަހައްދު އޮތީ ބަންދު ކޮށްފައި ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

ނަމަވެސް މިސްކިތް ބަންދެއް ނުކުރެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ކިޔުމަށްޓަކައި އެ ސަރަހައްދު ބަންދު ކުރީ އެއްގަމު އުޅަނދު ފަހަރަށް އެކަންޏެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިނިވަން ދުވުހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު 13:00 އިން ފެށިގެން ހަރަކާތް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ ސަރަހައްދަށް އާންމު އުޅަނދުތަކަށް ވަދެ ނިކުމުގައި ދަތިތަކެއް ދިމާވެދާނެތީ އެމްއެންޑީއެފުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

އެކަމަކު، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި، އެ ސަރަހައްދުގައި ހިނގާފައި އުޅުމަށް އެއްވެސް އިރެއްގައި ހުރަހެއް ނެތްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްކޮށް އާންމު އުޅަނދުތަކަށް ވަދެ ނިކުތުމުގައި ދަތިތަކެއް ހުރެދާނެތީ މިސްކިތަށް ދާ މީހުން އެ ޒޯނުން ބޭރުގައި ވެހިކަލް ޕާކުކުރުމަށް ހިނގާފައި މިސްކިތަށް ދިޔުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ވަނީ، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއާއި ހުޅުމާލޭގައި ޕެރޭޑު ބާއްވަން ވަނީ ނިންމާފައެވެ.

މި ޕެރޭޑު ބާއްވަން ހަމަޖެހިފައި ވަނީ، މިއަދު މާލޭގައި އަދި މާދަމާ ހުޅުމާލޭގައެވެ. މި ދެ ދުވަހު ވެސް ހިނގާލުން ފަށާނީ ހަވީރު 4:15 ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ކުރިއަށް އޮތް ތިން ދުވަހު މާލޭ ސަރަހައްދުގެ މަގުތަކުގައި ބައެއް ވަގުތުތަކުގައި އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް