ޓެކާސް ނޫނު ޒޯނުގެ ޗެމްޕިއަންކަން ވެލާއަށް

ޓެކާސް ނޫނު ޒޯނުގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް-- ފޮޓޯ: ޓެކާސް

ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ ޓެކާސްގެ ދިރާގު ރިސޯޓު ކަޕުގެ ނޫނު ޒޯނުގެ ޗެމްޕިއަންކަން ވެލާ ޕްރައިވެޓް އައިލެންޑް ހޯދައިފިއެވެ.

ސިޔާމް ވޯލްޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ވެލާ ހޯދާފައިވަނީ ފައިނަލް މެޗުގައި ސޮނޭވާ ޖާނީއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ވެލާގެ ތިން ލަނޑުވެސް ޖަހާފައިވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވެލާގެ ކެޕްޓަން އަޙްމަދު އިމްރާނެވެ.

ފައިނަލް މެޗު ނިމުމުން ވަނަވަނައަށް ހޮވުނު ފަރާތްތަކާއި ޑްރީމް ޓީމު ވަނީ ހޮވާފައެވެ. ފެއާޕްލޭ ޓީމަކަށް ނޮކޫ މޯލްޑިވްސް ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ވެލާގެ ކީޕަރު އަޙްމަދު ޝާފިއު އެވެ. އަދި އެންމެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލާގެ ކޯޗު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޙްމަދު އިމްރާން-- ފޮޓޯ: ޓެކާސް

އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ އަޙްމަދު އިމްރާނެވެ. އޭނާ ވަނީ ޖުމްލަ 11 ލަނޑު ޖަހާފައެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

1- ހުސެއިން ޝައްފާހު (ސޮނޭވާ ޖާނީ)

2- އަޙްމަދު އިމްތިނާހް (ވެލާ)

3- އަޙްމަދު އިޔާޝް އަލީ (އިރުފުށި)

4- މުޙައްމަދު ނާހިޒް އަޙްމަދު

5- އަމްދާހު އަލީ (ސޮނޭވާ ޖާނީ)

މި މުބާރާތަށްފަހު ދެން ކުރިއަށްއޮތީ ރ. އަތޮޅަށް ނިސްބަތްވާ ރިސޯޓުތަކުގެ މެދުގައި ކުޅޭ ޒޯނެވެ. މި ޒޯނުގެ މެޗުތައް ކުރިއަށްދާނީ ޖުލައި 30 އިން އޮގަސްޓް 10 ގެ ނިޔަލަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު