ޗެޓްޖީޕީޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޝެންޖިއާ ޒާއޯ، ފޭސްބުކްގެ މައި ކުންފުނި މެޓާގެ ސުޕައިންޓެލިޖެންސް ލެބްގެ ޗީފް ސައިންޓިސްޓަކަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކުރެއްވީ މެޓާގެ ސީއީއޯ މާކް ޒަކަބާގް ހުކުރު ދުވަހު އޭނާގެ ތްރެޑްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއީ އޭއައިގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މެޓާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިކުރުމުގެގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.
ޒަކަބާގް ވިދާޅުވީ، ޝެންޖިއާ ޒާއޯ މަސައްކަތް ކުރާނީ އޭނާއާއި މެޓާގެ ޗީފް އޭއައި އޮފިސަރު އެލެކްސެންޑާ ވާންގް އާ ސީދާ ގުޅިގެން ކަމަށެވެ.
"މި މަގާމުގައި، ޝެންޖިއާ އަޅުގަނޑުމެންގެ އާ ލެބްގެ ސައިންޓިފިކް މިސްރާބާއި ރިސާޗް އެޖެންޑާ ކަނޑައަޅާނެ،" ޒަކަބާގް ވިދާޅުވިއެވެ.
ޝެންޖިއާ ޒާއޯ އަކީ އޯޕަންއޭއައިގެ ކުރީގެ ރިސާޗް ސައިންޓިސްޓެކެވެ. އޭނާ ވަނީ ޗެޓްޖީޕީޓީ އާއި ޖީޕީޓީ-4 ގެ އިތުރުން އޯޕަންއޭއައިގެ ކުދި ބައެއް މޮޑެލްތައް އުފެއްދުމުގައިވެސް ބައިވެރިވެފައެވެ.
މިފަހަކަށް އައިސް އޯޕަންއޭއައި ދޫކޮށް މެޓާއާ ގުޅުނު ގިނަ އަދަދެއްގެ ތަޖުރިބާކާރުންގެ ތެރޭގައި ޒާއޯ ހިމެނެއެވެ. މިއީ އޭއައިގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ މެދުގައި ހުނަރުވެރިން ހޯދުމަށް އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއިން މެޓާއިން ކުރަމުންދާ މަސައްކަތެކެވެ.
މެޓާގެ އަމިއްލަ އޭއައި މޮޑެލް، "ލާމާ 4" އަށް ކުރިން ހީކުރި މިންވަރަށް ތަރުހީބު ނުލިބުމާ ގުޅިގެން، ޒަކަބާގް ދަނީ ވާދަވެރި ކުންފުނިތަކުން މޮޅެތި ތަޖުރިބާކާރުންނަށް ބޮޑެތި މުސާރަތަކާއި އެހެނިހެން އިނާޔަތްތައް ހުށަހަޅަމުންނެވެ.
މެޓާއިން އަލަށް އުފެއްދި "ސުޕައިންޓެލިޖެންސް ލެބް" ގެ މަގްސަދަކީ، އެ ކުންފުނީގެ ލާމާ މޮޑެލްތައް ތަރައްގީކުރުމުގެ މަސައްކަތާއި، ދުރު ރާސްތާގައި އިންސާނުންނެކޭ އެއްފަދަ ވިސްނުމުގެ ގާބިލްކަން ލިބިފައިވާ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) އުފެއްދުމުގެ މަސައްކަތްތައް އެއްތަނަކުން ކުރިއަށް ގެންދިއުމެވެ.
ޒަކަބާގްގެ ޕޯސްޓުގައިވާ ގޮތުން ޒާއޯ އަކީ މި ލެބްގެ އެންމެ އިސް އެކަކެވެ. މި ލެބް ހިންގަނީ މެޓާގެ ކުރީގެ އޭއައި ރިސާޗް ޑިވިޜަން، "ފެއާ" އާ ވަކިން ކަމަށް އެކުންފުނިން ބުނެއެވެ.
ޒަކަބާގް ވަނީ މެޓާގެ އަމާޒަކީ "ފުލް ޖެނެރަލް އިންޓެލިޖެންސް" ބިނާކޮށް، އެ މަސައްކަތްތައް "އޯޕަން ސޯސް" (ހިލޭ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް) ކުރުން ކަމަށް ވިދާޅުވެފައެވެ.
މިއީ އޭއައިގެ ދާއިރާގައި ބައެއް ފަރާތްތަކުގެ ތައުރީފު ލިބި، އަނެއްބައި ފަރާތްތަކުގެ ކަންބޮޑުވުންތައް އުފެދިފައިވާ ސިޔާސަތެކެވެ.