މިލާން އާއި ލިވަޕޫލު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު މިލާނުން ކާމިޔާބުކޮށްފި

މިލާން އާއި ލިވަޕޫލު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު މިލާނުން ކާމިޔާބުކޮށްފި --

އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި އިޓާލިއަން ސެރީއާގެ އޭސީ މިލާނާމެދު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ.

ހޮންގް ކޮންގްގެ ކައި ޓަކް ސްޓޭޑިއަމްގައި ކުޅުނު މިމެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗު ރަނގަޅަށް ފަށާފައިވަނީ ލިވަޕޫލުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ދިހަ މިނެޓް އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގެ ފުރަތަމަ އެގާރައިގާ އާސީޒަނަށް އެޓީމަށް ގެންގޮސްފައިވާ ޖަރުމަނުވިލާތުގެ މިޑްފީލްޑާ ފްލޮރިއަން ވާޓްޒް ކުޅުނެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުންކަން ފާހަގަވިއެވެ.

މިއާއެކު ވެސް މިލާނުން އުފެއްދި ކައުންޓާ އެޓޭކެއްގައި މެޗުގެ ލީޑު މެޗުގެ 10ވަނަ މިނެޓުގައި ޖަގައިފާވަނީ މިލާންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަފައެލް ލިއާއޯއެވެ. މިމެޗުގައި ލިވަޕޫލުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 26ވަނަ މިނެޓުގައި ޑޮމިނިކް ޒޮބޯސްލާއި ޖަހައިދިން ލަނޑުންނެވެ.

މިމެޗުގައި މިލާނުން ދެވަނަ ފަހަރަށް ލީޑު ނެގީ 52ވަނަ މިނެޓުގައި ރުބެން ލޮފްޓަސް ޗީކް ޖަހައިދިން ލަނޑުންނެވެ. އަދި މިލާނުން ވަނީ އޭގެ އަށް މިނެޓް ފަހުން ބަދަލު ކުޅުންތެރިޔާ ނޯއާ އޮކާފޯ ޖަހައިިދިން ލަނޑުން މެޗުގައި ދެ ލަނޑުގެ ލިޑެއް ނަގައިފައިވެއެވެ.

މިހާފުގައި ލިވަޕޫލުން ވާޓްޒް ބަދަލުކުރިއިރު އަލަށް ޓީމާ ގުޅުނު ޖެރެމީ ފްރިމްޕޮންގް އާއި މީލޯސް ކާކޭޒް އަދި ކީޕާ ޖިއޯޖީ މަމަޑާޝްވިލީ ކުޅެން އެރުވިތަން ފެނުނެވެ. މިމެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯއެވެ. ނަމަވެސް މެޗުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށް މިލާން މެޗު ނިންމާލީ ދެ ލަނޑުގެ ލީޑާއެކުއެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އޮކާފޯއެވެ.

މިމެޗު ފެށުމުގެ ކުރިން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ސާ ކެނީ ޑަގްލިޝްވަނީ މިމަހުގެ ކުރީކޮޅު ކާރު އެކްސިޑެންޓެއްގައި މަރުވި އެޓީމުގެ ކުޅުންތެރިޔާ ޑިއޮގޯ ޖޮޓާގެ ހަނދާނުގައި ދަނޑުމަތީ މާބޮނޑިއެއް ބާއްވާފައެވެ. އަދި ދަނޑަށް ކުޅިބަލަން ވަދެތިބި ހުރިހާ ކުޅުންތެރިން ވެސް ވަނީ ޖޮޓާގެ ހަނދާން އާކޮށްފައެވެ. ލިވަޕޫލުން ވަނީ ޖޮޓާގެ ހަނދާނުގައި އެޓީމުގެ 20 ނަމްބަރު ޖާޒީ ރިޓާޔާ ކޮށްފައެވެ.

މިމެޗުގައި ލިވަޕޫލްގެ ފޯވަޑް ލައިންގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ލުއިސް ޑިއާޒް އާއި ޑާވިން ނޫނޭޒް ބައިވެރިކޮށްފައެއްނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނީ ޑިއާޒް ޓީމުގައި ނުހިމެނީ އޭނާގެ މުސްތަގްބަލާމެދު ގޮތެއް ނުނިމި އޮތުމުން ކަމަށެވެ. ޑިއާޒް ހޯދުމަށް ޖަރުމަނު ބުންޑެސްލީގާގެ ބަޔޭން މިޔުނިކުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ނޫނޭޒް މިމެޗުން ނުފެނުނީ އަނިޔާގެ ސަބަބުން ކަމަށް ވެސް ސްލޮޓް ފާހަގަ ކުރިއެވެ.

މިމެޗުގައި ލިވަޕޫލްގެ ޑިފެންސް މުޅިން ހަމައަކަށް ނޭޅުނުކަން މިލާނުން ކާމިޔާބު ކުރި ހަތަރު ލަނޑުން ވެސް ފާހަގަ ވިއެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން އޭޝިއާއަށް ކުރަމުންދާ ޕްރީ ސީޒަން ޓުއާގައި ދެން ދަތުރު ކުރާނީ ޖަޕާނަށެވެ. ޖަޕާނަށް ކުރާ ދަތުރުގައި ޖޭ ލީގުގެ ޔޮކޮހާމާ އެފް މެރިނޯސްއާ އެކު މިއަންނަ ހަފުތާގެ ބުދަދުވަހު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު