އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި މިރޭ އެއްޗެއް ގޮވައި ދެ ބިދޭސިއަކު ފިހިއްޖެއެވެ.
މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:45 ހާއިރު ކަމަށެވެ.
އެ ދެ ބިދޭސީންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފުރުވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ފުލުހުން ބުންޏެވެ.
މި ހާދިސާގެ އިތުރު ތަފުސީލެއް ނުދިން ނަމަވެސް، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މާޅޮހުގެ ކައުންސިލަށް ގުޅުމުން ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ. އަދި މާޅޮހު ހެލްތް ސެންޓަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ލިބޭގޮތެއް ނުވެއެވެ.