ނިޝާން ޢިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ޞާބިރާއި ގާސިމަށް

ނިޝާން ޢިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ޞާބިރާއި ގާސިމަށް އަރުވައިފި --

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

މި ތިން ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

1. ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، މ. ގުލްފާމްގެ

ކުރީގެ އުއްތަމަ ފަނޑިޔާރަށް އިއްޒަތް އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ޝަރުއީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މުހިންމު މަސައްކަތުގެ ސަބަބުންނެވެ.

އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުއުތަސިމް, އެ މަގާމަށް އައްޔަނުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ. އެ މަގާމުން މުއުތަސިން ރިޓަޔާކުރައްވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މުއުތަސިމް ރިޓަޔާ ކުރައްވަން ލިޔުން ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހެވެ. ނަމަވެސް ރިޓަޔާމަންޓް ބަލައިގެންފައި ވަނީ ޖުލައި 20ގައެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

މުއުތަސިމަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް ވެސް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވަސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާސް އޮފް ފިލޯސަފީ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތުގެ ބަކިންހަމް ޔުނިވަސިޓީން، ބެޗްރަލާ އޮފް ލޯ ވަނީ ހާސިލުކުރައްވާފައެވެ.

2. ހަސަން ޞާބިރު، ގ. ފިޔާތޮށިގެ

ހަސަން ޞާބިރު: އާލާސްކަންފުޅާ އުޅުއްވާތީ ޝަރަފާ ހަވާލުވީ ދަރިކަނބަލުން--

އޭނާއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ފަތުރުވެރިކަމާއި އިގްތިސޯދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމްގެ މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޙަސަން ޞާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ.

3. ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހީމް، މ. މާފަންނުވިލާ

އިއްޒަތް އެރުވުމަށް ފަހު ރައީސް އަރިހުގައި ގާސިމްގެ އާއިލާ ފޮޓޯއަކަށް ހުއްޓި-- ފޮޓޯ; ރައީސް އޮފީސް

ގާސިމް ވަނީ ދިވެހި ސަރުކާރުގެ ތަފާތު ވަޒީފާތައް އެކިދުވަސްވަރު އަދާކުރައްވާފައެވެ. އެގޮތުން 1969 ވަނަ އަހަރު ތައުލީމީ މަރުޙަލާ ނިންމުމަށްފަހު ސަރުކާރުގެ ޚިދުމަތަށް ވަދެވަޑައިގެން ސަރުކާރާއި ގުޅިވަޑައިގަތީ މާލޭގައި ހުރި ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ގާސިމްގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށްފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވިއެވެ.

އެއަށްފަހު ގާސިމް ވަނީ ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ދެއަހަރެއްވަރު އަދާކުރައްވާފައެވެ. ގާސިމް ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ އޮގަސްޓް 18، 2005ގައެވެ. ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ޖުލައި 10، 2008ގައެވެ.

ގާސިމް ވަނީ ނޮވެންބަރު 01، 2018އިން މެއި 27، 2019ގެ ނިޔަލަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. ހަމައެއާއެކު ގާސިމަކީ، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެއްވެސްމެއެވެ.

ގާސިމް ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު އުފެއްދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އޮގަސްޓް 07، 2008ގައެވެ. އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ގާސިމް ހޮވިވަޑައިގަތެވެ. އެ ފަހުން ބޭއްވި ގިނަ ރިޔާސީ އިންތިޚާބުތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމެވެ. ގާސިމް ވަނީ 2008، 2013 އަދި 2023ގައި ވެސް ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވައިފައެވެ. އަދި ގިނަ އިންތިޚާބުތަކުގައި ރައީސްކަމަށް ބޭފުޅުން ހޮވިވަޑައިގަތީ ގާސިމްގެ ތާއިދާއެކުގައެވެ.

comment ކޮމެންޓް