ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއަށް ކުޅެމުންދިޔަ ސްވިޑްންގެ ފޯވާޑް ވިކްޓާ ގިޔޮކެރޭސް އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްއަށް ސޮއި ކޮށްފިއެވެ.
ގިޔޮކެރޭސް އިއްޔެ އާސެނަލްއަށް ސޮއި ކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 73 މިލިއަން ޔޫރޯގެ އަގަކަކަށެވެ. ގިޔޮކެރޭސްގެ ޓްރާންސްފާއަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ދިގުލައިގެން ފިޔަ އެއް ވިޔަފާރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ދެ ކްލަބްގެ މެދުގައި ގިޔޮކެރޭސްގެ ޓްރާންސްފާ އާ ގުޅިގެން އިތުރު ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ އަގާމެދު އެއްބަސްވުމަކަށް އައުމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުންނެވެ.
އަދި އެންމެ ފަހުން މި ވިޔަފާރި ނިމިގެންދިޔައީ 63 މިލިއަން ޔޫރޯ ޓްރާސްފާ ފީގޮތުގައި ކަނޑައަޅާ އިތުރު އެޑް އޮންސްގެ ގޮތުގައި 10 މިލިއަން ޔޫރޯ ހިމަނާގޮތަށެވެ.
ގިޔޮކެރޭސް ބުނިގޮތުގައި އޭނާ އާސެނަލްއަށް އަންނަން ނިންމީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލްއިން ފަސް ލަނޑު އެއް ލަނޑުން ސްޕޯޓިން ބަލިކުރި މެޗަށް ފަހު ކަމަށެވެ. ގިޔޮކެރޭސް ބުނީ އެ މެޗަށްފަހު އޭނާއަށް އެންމެ ރަނގަޅުވާނެ ކްލަބެއްގެގޮތުގައި އާސެނަލް ފާހަގަ ވެގެންދިޔަ ކަމަށެވެ. އަދި މިދިޔަ ސީޒަންގައި އާސެނަލް އާ ދެކޮޅަށް ކުޅުމުން އެ ޓީމުގެ ވަރުގަދަކަން ފާހަގަ ވެގެންދިޔަ ކަމަށެވެ.
މި ވިޔަފާރިއާއެކު މި ފަހަރުގެ ޓްރާސްފާ ބާޒާރުގައި އާސެނަލްއިން ކުޅުންތެރިންނަށް ކުރި ހޭދަ މިވަނީ 204 މިލިއަން ޕައުންޑަށް އަރައިގެން ގޮސްފައެވެ. އާސެނަލްއިން މި ސީޒަނަށް ވަނީ އެ ޓީމަށް މާޓިން ޒުބިމެންޑީ، ކެޕާ އަރިޒާބަލާގާ، ކްރިސްޓިއަން ނޯގާޑް، ނޯނީ މަޑުއެކާ އަދި ކްރިސްތިއަން މޮސްކުއޭރާ އެ ޓީމަށް ގެންގޮސްފައެވެ.
އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ފާހަގަ ކުރިގޮތުގައި ގިޔޮކެރޭސް އަކީ ގިނަ ހުނަރުތަކެއް އޭނާގެ ކިބައިބާ ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. މިކެލް ބުނީ ގިޔޮކެރޭސް އަކީ އަލުވި، އިތުބާރާއެކު ކުރީގައި ކުޅުމުގެ އިތުރުން ކްލަބާއި ޤައުމީ ޓީމަށް ގިނަ ލަނޑު ތަކެއް ޖަހައިދެމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.
ގިޔޮކެރޭސްގެ މުސްތަގްބަލާމެދު ސުވާލު އުފެދެން ފަށާފައިވަނީ އެ ޓީމުގެ ކުރީގެ ކޯޗު ރުބެން އަމޮރިމް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާއެކުއެވެ. މިއާއެކު އޭނާ ގެންދިއުމަށް އަމޮރިމް ބޭނުންވިކަމުގެ އަޑުތައް އަރައިގެންދިޔައިރު ޔުނައިޓެޑުން އޭނާ ގެންދިއުމުގެ މަސައްކަތް ކޮށްފައިވާކަމަށް ވެސް ހަބަރުލިބެއެވެ. ނަމަވެސް ފަހުން އެކަން މުޅިން ބަދަލުވެ ގިޔޮކެރޭސް އާއި އާސެނަލް ނަން ގުޅިގެންދިޔައެވެ.
ގިޔޮކެރޭސް ވަނީ ސްޕޯޓިންގެ ޕްރީ ސީޒަންގައި ބައިވެރިވުމަށްވެސް ދެކޮޅު ހަދާފައެވެ. މިއާއެކު އޭނާއާއި ދެކޮޅަށް އަހްލާގީ ފިޔަވަލު އެޅިގެންދާނެކަމަށް ވެސް ސްޕޯޓީންގެ ރައީސް ފްރެޑެރީކޯ ވަރެންޑާސް ބުނެފައިވެއެވެ. ގިޔޮކެރޭސްވަނީ އޭނާ ސްޕޯޓިންއަށް ކުޅުނު 102 މެޗުގައި 97 ލަނޑު ކާމިޔާބު ކޮށްދީ 26 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.