އެސް26ގައި ޖެމިނައިގެ ބަދަލުގައި ޗެޓްޖީޕީޓީ؟

އެސް 26 ސީރީސްގެ ފޯނުތަކުގައި އޭއައި ގާބިލްކަން އިތުރު ކުރަން ސެމްސަންއިން ދަނީ މަސައްކަތް ކުރަމުން --

ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު ނެރޭނެކަމަށް ބެލެވޭ ސެމްސަންގް ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކުގައި، މިހާރު ބޭނުންކުރާ ގޫގުލްގެ ޖެމިނައި އޭއައިގެ ބަދަލުގައި އޯޕަންއޭއައިގެ ޗެޓްޖީޕީ ހިމެނުމަށް ވާހަކަ ދައްކަމުން ދާކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

ބްލޫމްބާގް އިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސެމްސަންގުން ބޭނުން ވަނީ އެ ކުންފުނީގެ ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް އޭއައިގެ ދާއިރާއިން އިތުރު އިޚްތިޔާރުތަކެއް ފަހިކޮށްދިނުމަށެވެ.

ބްލޫމްބާގް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، ސެމްސަންގެ ރައީސް އަދި ތަޖުރިބާކާރު ސީއޯއޯ، ޗޯއި ވޮން-ޖޫން ވިދާޅުވީ، ސެމްސަންގުން ކުރިއަށް އޮތް ފްލެގްޝިޕް ފޯނުތަކުގައި އޭއައިގެ އިތުރު ފުރުސަތުތަކެއް ޔޫޒަރުންނަށް ފަހިކޮށް ދިނުމަށްޓަކައި، އެކި ކުންފުނިތަކާ މިހާރުވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި "ކޮންމެ އޭއައި އެޖެންޓަކަށްވެސް އެ ފުރުޞަތު ހުޅުވާލެވިފައިވާ" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ވާހަކަ ދައްކަމުން އަންނަ ފަރާތްތަކުގެ ތެރޭގައި އެޕަލްއާ ގުޅިގެން އައިފޯނަށް އޭއައި ފީޗާތައް ތައާރަފްކުރި، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އާއި، ޕާޕްލެކްސިޓީ ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސެމްސަންގުން ގެލެކްސީ އެސް25 ގެ ފަހުން ނެރޭ ފޯނުތަކުގައި ޖެމިނައި އޭއައިގެ ބަދަލުގައި ޕާޕްލެކްސިޓީގެ އޭއައި އެސިސްޓެންޓް ބޭނުންކުރުމަށް އެއްބަސްވުމަކަށް އަންނަން އުޅޭކަމަށް މީގެ ކުރިން ވެސް އެހެން ރިޕޯޓެއްގައި ބުނެފައިވެއެވެ.

އަނެއްކޮޅުން ސެމްސަންގްގެ ވާދަވެރި މޮޓޮރޯލާ އިން ވަނީ މައިކްރޮސޮފްޓް، ޕާޕްލެކްސިޓީ، އަދި ގޫގުލްއާ ގުޅިގެން އެކުންފުނީގެ މޯޓޯ އޭއައި އަށް އާ ފީޗާތައް އިތުރުކޮށްފައެވެ.

މީގެ އިތުރުން، ގެލެކްސީ އެސް26 ސީރީޒްގައި ބޭނުންކުރާނެ ޕްރޮސެސަރާ މެދު ސެމްސަންގުން އަދި ވަކި ގޮތެއް ނުނިންމާކަމަށް ބްލޫމްބާގް ރިޕޯޓްގައި ބުނެއެވެ. އެ ފޯނުގައި ބޭނުންކުރާނީ އެކުންފުނީގެ އަމިއްލަ އެގްޒިނޯސް 2600 ޗިޕްތޯ ނުވަތަ އަންނަ ސެޕްޓެމްބަރު މަހު ކުއަލްކޮމް އިން ތައާރަފް ކުރާނެކަމަށް ބެލެވޭ ސްނެޕްޑްރެގަން 8 އެލީޓް 2 ޗިޕްތޯ އަދި ކަށަވަރެއް ނޫނެވެ.

ސެމްސަންގުން ވަނީ މިމަހު ކުރީކޮޅު އެކުންފުނީގެ އެންމެ ފަހުގެ ފޯލްޑަބަލް ފޯނުތައް ކަމަށްވާ ގެލެކްސީ ޒެޑް ފޯލްޑް 7 އާއި ޒެޑް ފްލިޕް 7 ގެ ފޯނުތައް ނެރެފައެވެ.

އަންނަ އަހަރު އެޕަލް އިން ވެސް އެކުންފުނީގެ ފުރަތަމަ ފޯލްޑަބަލް އައިފޯން ނެރުމުން، މި ދާއިރާގައި ސެމްސަންގަށް ވަރުގަދަ ވާދަވެރިކަމަކާ ކުރިމަތިލާން ޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު