ޒަމާނީ ޚިދުމަތްތަކާއި 30 އެނދާއެކު، އޮރެންޖު ހިޔާގައި ޑަޔަލިސިސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ރައީސް ހުޅުވައިދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ޒަމާނީ ޚިދުމަތްތަކާއި 30 އެނދާއެކު، ހުޅުމާލޭ އޮރެންޖް ހިޔާގައި ޑަޔަލަސިސް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

އޮރެންޖު ހިޔާގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި އެ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނަށް އިޚުތިޔާރު އޮތް ކަމެއް ނޫނެވެ. އެ ބަލި ތަހަންމަލު ކުރާ މީހުންނަށް ދާއިމީ ގޮތެއްގައި ޑަޔަލިސިސްގެ ފަރުވާ ދޭން ޖެހޭއިރު، ފަރުވާ ނުލިބިއްޖެނަމަ ސިއްހީ އިތުރު މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރައީސް މުއިއްޒު އޮރެންޖު ހިޔާގައި ހުޅުވި ޑަޔަލިސިސް ސެންޓަރު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެ ސެންޓަރަކީ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ދޭ ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ.

އެ ޚިދުމަތް ހޯދުމަށް ހަފުތާއަކު ތިން ދުވަހަކު ދުވާލަކަށް ހަތަރު ގަޑިއިރު ހޭދަކުރަން ޖެހޭއިރު، އިސްރަށްވެހިން ރޭގަނޑު އެ ތަކުލީފުގައި އުޅުމަކީ އެހާ ފަސޭހަކަމަކަށް ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ރައީސްގެ އިރުޝާދާ އެއްކޮށް އޮރެންޖު ހިޔާގައި ހުޅުވި ސެންޓަރަކީ 30 އެނދާއި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އިތުރު ދެ އެނދަކާއި އައިސޮލޭޝަން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ރައީސް މުއިއްޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ހަލީމް ވިދާޅުވީ، އެ ސެންޓަރުގައި ދެ ދަންފަޅިއަކަށް ޚިދުމަތް ފޯރުކޮށްދިނަސް، ދުވާލެއްގެ މައްޗަށް 150 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުފަލާއެކީގައި ދަންނަވައިލަން ބޭނުންވޭ މިއަދުން ފެށިގެން ހުޅުމާލޭގައި އަދި މާލެ ސިޓީގައި ޑަޔަލިސިސް ހިދުމަތް ބޭނުންވެގެން އެއްވެސް ބޭފުޅަކު ކިއުގައި މަޑުކުރާކަށް ނުޖެހޭނެ

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ޑަޔަލިސިސްގެ ޚިދުމަތް ދެނީ 10 އެނދުގެ ޑިޕާޓުމަންޓަކުން ކަމަށްވާއިރު، މި ސެންޓަރާއެކު ހުޅުމާލޭގައި އެ ޚިދުމަތް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސެންޓަރު ހުޅުވައިދެއްވުމަށް ފަހު، ރައީސް މުއިއްޒު ވަނީ ސެންޓަރު ބައްލަވާލައްވާއެވެ. ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް