އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިއްވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިއްވާނެ -- ފޮޓޯ/ އެމްއޭސީއެލް

ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މިއަދުގެ ޢަސްރު ނަމާދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ދިގު އިންތިޒާރަކަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ރޭ ހުޅުވިއިރު، އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

މިއަދު ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކޮށް ދަތުރުތައް ވެސް ފަށައިފައެވެ. އެގޮތުން ފުރަތަމަ ފްލައިޓް މިއަދު މެންދުރުފަހުގައި އިންޑިއާގެ ކޮޗިންއިން ދަތުރު ފަށައިގެން އައިސް އެ ޓާމިނަލަށް ވަނީ ޖައްސައިފައެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވެސް ދީފައިވެއެވެ.

ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި އާ ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރުތައް ފަރުމާކޮށްފައިވަނީ ޤަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅުތަކެވެ. އެއާޕޯޓުގެ އެތެރެ ވެސް ފަރުމާކޮށްފައި ވަނީ، ދިވެހި ވަންތަކަށް ދައްކުވައިދޭ ގޮތަކަށެވެ. އެއާޕޯޓުގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ހުރީ ނޫކުލައާއި ހުދުކުލައެވެ.

comment ކޮމެންޓް