މިތުރާ ގަޔާވެލީ... 27

ވޯޑަށް ބަދަލުކުރެވުނު ނަމަވެސް، ނަޖާތު އޮތީ ލޯމަރާލައިގެންނެވެ. ރޫބީ ތަކުރާރުކޮށް ވާހަކަ ދެއްކުމުންވެސް ލޯ ހުޅުވާކަށް ނަޖާތު ބޭނުމެއް ނުވިއެވެ. ރޫބީއާއި ކުރިމަތިލާނެ ހިތްވަރެއް ނަޖާތުގެ ގަޔަކު ނެތެވެ.

"ސޮރީ ނަޖާ ކައިރީ ނުހުރެވުނީމަ... އަހަރެންގެ ސަބަބުން ނަޖާއަށް މިހެން ދިމާވީ..." ނައީމު ކަންތައްކުރިގޮތުން ރޫބީ ކުށްވެރިކުރީ އަމިއްލަ ނަފުސެވެ.

********

ނަޖާތުގެ މުޅި ހަށިގަނޑުގައި އެކިވަރުގެ ޒަހަމުތައް ފެންނަން ހުއްޓެވެ. އެތަންތަނުގައި އަޅާނޭ ވޭން ރޫބީއަށް އިހުސާސް ކުރެވުނެވެ. ނަޖާތުގެ އަތުގައި ހިފާލައިގެން ރޫބީ އެތައް އިރަކު އިނެވެ. މާފަށް އެދުނެވެ. ނަޖާތު އެއްޗެއް ނުބުނި ތަނުގައި ލޯ ހުޅުވާ ބަލައިވެސް ނުލިއެވެ. ހަގީގަތުގައި ނަޖާތަށް އެ ހިތްވަރު ނުލިބުނީއެވެ. ރޫބީގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން، އިސްޖަހައިލިއެވެ.

"ނަޖާ ހީނުކުރައްޗޭ އަހަރެންގެ ހިތް ނަޖާއަށް ގޯސްވެދާނެއޭ... އަހަރެން އަބަދުވެސް ދެކެނީ، އާއިލީ ގޮތުންވެސް، އެކުވެރިއެއްގެ ގޮތުންވެސް ނަޖާ ތީ އަހަރެންގެ އެންމެ ގާތް މީހާގެ ގޮތުގަ...." ރޫބީ ގޮނޑިން ތެދުވިއެވެ. "އަހަރެން އަދިވެސް ގަބޫލުކުރަނީ ނަޖާވެސް އަހަންނާ ދޭތެރޭ ދެކެނީ އެގޮތަށް ކަމަށް..."

ރޫބީ ނުކުމެގެން ދިޔުމުން، ނަޖާތު އުނދަގޫ ގޮތަކަށް ލޯ ހުޅުވައިލިއެވެ. އެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ދެކޯތާފަތް މައްޗަށް ފައިބާކަށް ގިނައިރެއް ނުނެގިއެވެ. ނަޖާތަށް ގިސްލާފައި ރޮވުނެވެ. ކުށްވެރިއަކީ ނަޖާތެވެ. އަމިއްލަ އެދުން އިސްކުރެވުނީވެސް ނަޖާތަށެވެ. އެކަމަކު، ހުރިހާ އަނިޔާއެއް ލިބެނީ އެހެން މީހުންނަށެވެ. ދެރަވަނީ އެހެން މީހުންނެވެ. ނަޖާތަށް ހަމައެކަނި އޮތް ގޮތަކީ ލޯބިވާ އެންމެންނާއި ދުރަށް ދިޔުމެވެ. އަމިއްލަ ހިތް ޒަހަމުވިޔަސް، އޭނާގެ ފަރުވާލެއް ނެތެވެ. އެކިއެކި ވަސްވާސްތަކުން ނަޖާތުގެ ހިތް ޒަހަމުކުރަމުން ދިޔައެވެ.

"އަހަންނަށް އޭރުވެސް އެނގޭ، ތި ހިތް އެހާ ހަރު ނޫންކަން..." ދާދި ކައިރިން މީހެއްގެ އަޑު އިވުމުން ނަޖާތު ދިޔައީ ސިއްސައިގެންނެވެ.

ނަޖާތު އޮތް އެނދާއި ޖެހިގެން ހުރި އެނދުގެ ވަށައިގެން ދަމާފައި ހުރި ފޮތިގަނޑު ކަހާލައިގެން ޔަޒްދާން ހުއްޓެވެ. އެ ހުރިހާއިރު، ރޫބީ ދެއްކި ވާހަކަ ޔަޒްދާނަށް އަޑު އިވުނުކަން އެ މޫނުމަތީގެ އަސަރުތައް ހެކިދިނެވެ. ޔަޒްދާންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ނަޖާތު އަވަސް އަވަހަށް ކަރުނަ ފޮހެލަމުން ޔަޒްދާނާއި ދުރު ފަރާތަށް މޫނު އަނބުރައިލިއެވެ.

"އިތުރަށް ސިއްރުކުރާނެ ކަމެއް ނެތޭ... އަޑު އަހާކަށް ނޫން... އެކަމަކު، ކަންފަތް ސަލާމަތުން އިނީމަ، ހުރިހާ ވާހަކައެއް އިވިއްޖެ..." ޔަޒްދާން ހުއްޓުނީ ނަޖާތު އޮތް އެނދުގެ ކައިރީގައެވެ.

ނަޖާތަށް ކަރުނަ ހިފެހެއްޓުންވީ އުނދަގޫ ކަމަށެވެ. ޔަޒްދާންގެ ކުރިމަތީގައި ބޭޒާރުވެއްޖެކަން އެނގުމުން، ނަޖާތު މާބޮޑަށް ހިތުގައިޖެހޭގޮތް ވިއެވެ. އެންމެ ކައިރީގައި އުޅޭ މީހާއަށްވެސް ނަޖާތުގެ ބަލިފައި ހާމަކުރުމަކީ އޭނާ އެއް އިރެއްގައިވެސް ކުރި ކަމެއް ނޫނެވެ. އެކަމަކު، ޔަޒްދާންގެ ކުރިމަތީގައި ނަޖާތުގެ ޖަޒުބާތުތަކެއް ނުހިފޭއްޓުނެވެ.

"އަހަންނަށް އެނގޭ، ތި ހިތް ހަރުކޮށްގެން އުޅުނަސް، ތީ އާއިލާއަށް ގެއްލުމެއް ދޭނެ މީހެއް ނޫންކަން... އެންމެ ފުރަތަމަ ދުވަހުވެސް ތި ދެލޯ އެކަމަށް ހެކި ދިން..." ޔަޒްދާން ގޮނޑީގައި އިށީނެވެ. ނަޖާތުގެ މޫނަށް ބަލައިލިއެވެ. "އަހަންނަށް ނުވިސްނެނީ އެންމެ ކަމެއް... ނަޖާތު މިހިސާބަށް އައި ބޭނުމެއް..."

ދެލޯ މަރައިގެން އޮތަސް، ނަޖާތުގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ބޭއިހުތިޔާރުގައި ޔަޒްދާނަށް ނަޖާތުގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދެވުނެވެ.

ކަރުނައިން ފުރިފައިވާ ދެލޮލުން ނަޖާތު ޔަޒްދާނަށް ބަލައިލިއެވެ. އޭނާއަށް ޔަޒްދާންގެ މޫނު ފެނުނީ ފުސްކޮށެވެ. އެހެނަސް، ޔަޒްދާންގެ މޫނުން ބުނެދެމުންދިޔަ ވާހަކަތައް ނަޖާތަށް ފެނުނު ކަހަލައެވެ. ނަޖާތުގެ ދޫ ހަރަކާތް ކުރިއެވެ. ވާހަކަ ދައްކަން ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް އޭނާއަށް ނޭނގުނެވެ.

"ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން... ރޫބީވެސް، ޔަޒްދާންވެސް، އިބާވެސް، އިކާންވެސް... އެންމެންނަށް ގެއްލުން ލިބެނީ އަހަރެންގެ ސަބަބުން... އަހަރެން ހުރިހާ ކަމެއްކުރީ އަހަރެންގެ އަމިއްލަ އެދުން ހާސިލުކުރަން.... އަހަންނަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ދޯ؟... އަދިވެސް އަހަންނަށް އިތުބާރު ކުރަންތަ؟... ހަމްދަރުދީ ވަންތަ؟..." ނަޖާތަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރެވުނެވެ.

"ފެންނަ ކޮންމެ މަންޒަރަކީ ތެދަކަށް ނުވާ ފަދައިން، އިވޭ ކޮންމެ އަޑަކީ ތެދަކަށްވެސް ނުވެ ހިނގައިދާނެ..." ޔަޒްދާން ހީވީ ފޮތެއް ބަލައިގެން ޖުމުލައެއް ކިޔައިލި ހެންނެވެ. "މީ އަހަރެން ކިޔެވި ފޮތްތަކުން ފެނުނު އެންމެ ސާދާ އެއް ޖުމުލަ.... މާނައަކީ، އަހަންނަކީ ކަމެއްގެ ހަގީގަތް ނުބަލާ އެހާ ފަސޭހައިން ކަމެއް ގަބޫލުކުރާނެ މީހެއް ނޫނޭ... އަހަންނަށް ޔަގީން ނަޖާތަށްވެސް ކޮންމެސް މަޖުބޫރީއެއް ވެގެންކަން މިހިސާބަށް ތިއައީ..."

"އެންމެންވެސް ދައްކާނީ މޮޅު ވާހަކަ... އެކަކަށްވެސް އަނެކާގެ ކަންކަން އަންޑަސްޓޭންޑެއް ނުވާނެ...." ޔަޒްދާނަށް އިތުބާރުކުރަން ނަޖާތުގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ.

"އަހަރެން ނަޖާތަށް އިތުބާރު ކުރަމޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟..." ޔަޒްދާންގެ ރާގު ބަދަލުވިއެވެ. އެ އަޑުގައި ސަމާސާއެއް ނެތެވެ.

ނަޖާތުގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ޔަޒްދާންގެ އެންމެ ސުވާލަކުން، ނަޖާތުގެ ހިތަށް ފަރުވާ ލިބުނު ކަހަލައެވެ. ކަރުނަތަކަށް ހުއްޓުމެއް އައިއިރު، ލާން އުޅުނު ނޭވާގެ މަތިންވެސް ހަނދާންނެތުނެވެ. ނަޖާތަށް އިތުބާރުކުރާ ބަޔަކު ތިބިކަން އޭނާއަށް އިހުސާސްވި އެއީ ފުރަތަމަ ފަހަރެވެ. އެއްކޮޅުން ރޫބީއެވެ. އަނެއްކޮޅުން ޔަޒްދާނެވެ. ނަޖާތު އޭނާގެ އަމިއްލަ ނަފުސަށް ނުކުރާ އިތުބާރު އެ ދެމީހުން އޭނާއަށް ކޮށްފިއެވެ. ނަޖާތުގެ ފަރާތުން ޝައްކުކުރެވޭ އެތައް ކަމެއް ފެނުނުކަމުގައިވިޔަސް އެމީހުންގެ ހިތް އޭނާއަށް ހެޔޮކަން އެނގުނެވެ.

"އަހަރެމެން ދެމީހުންގެ މަގުސަދަކީވެސް އެއް ކަމެއް... ޓާގެޓަކީ އެކަކު... ސޯ ލެޓްސް މޭކް އަ ޑީލް..." ޔަޒްދާން އަތް ދިއްކޮށްލިއެވެ.

ޔަޒްދާންގެ އަތަށް ބަލަން އޮތް ނަޖާތު އެތައް ހިތްވަރަކުން އަތް އުފުލައިލީ ޔަޒްދާންގެ އަތުގައި ހިފާލުމުގެ ނިޔަތުގައެވެ. އެވަގުތު ނަރުސްކުއްޖަކު އެތެރެއަށް ވަންތަން ފެނިފައި އޭނާ އަވަސް އަވަހަށް އަތް ތިރިކޮށްލިއެވެ. ނަރުސްކުއްޖާ އެއްޗެއް ބުނުމުގެ ކުރިން ޔަޒްދާން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"ޑީލެއް ހެދިއްޖެކަމަށް މި ބެލީ..." ހަމައެކަނި ނަޖާތަށް އިވޭ ވަރަށް ޔަޒްދާން ބުނެލިއެވެ.

********

"އަހަރެން މި އަހަނީ ކޮން ހޮސްޕިޓަލަކަށްހޭ އެމީހުން ގެންދިޔައީ؟... މި ސުވާލު ކުރާތާ ކިހާ އިރެއް ވެއްޖެކަން އެނގޭތަ؟..." މޭޒުމަތީގައި ހުރި އެއްޗެހިތައް އުކާލަމުން ނައީމު ހަޅޭއްލަވައިގަތެވެ. "ކަލޭމެން ބޭނުން ހުރިހާ ވަސީލަތެއް ދީގެން އުޅޭއިރުވެސް މީތަ ވާ ވަރަކީ؟... އޭނ؟..."

"އަޅުގަނޑުމެންގެ މީހުން އެކި ހޮސްޕިޓަލުތަކުގަ އެބަ އުޅޭ..." ނައީމުގެ ކުރިމަތީގައި ހުރި މީހާ ކުރިއަށްވުރެ ބޮޑަށް އިސްޖަހައިލިއެވެ.

"އަނެއްކާވެސް ރުޅިއަރުވަން އެހެން ބުނެފިއޭ..." ނައީމު ގޮނޑިން ތެދުވެގެން ދިޔަގޮތަށް ކުރިމަތީގައި ހުރި މީހާގެ ގަމީހުގައި ހިފައިގަތެވެ. "ބުނެފީމެއްނު ތިކަހަލަ ޖަވާބު ނުދޭށޭ... ހުރިހާ ސީސީޓީވީ ފުޓޭޖްތައް ހެކުކުރޭ!... ކޮންމެގޮތަކުން ފުޓޭޖްތައް އަތުލައިގެންވިޔަސް އަޕްޑޭޓެއް ދީ... ދެން އަހަރެންގެ ކުރިމައްޗަށް އަރަންވާނީ ޖަވާބަކާ އެކީ.... ނޫނީ ކަލޭމެން ޖެހޭނީ ގެއަށް ދާން..."

"ބޮސް!... ލޮކޭޝަން ހޯދިއްޖެ..." ޓެބްލެޓެއް ހިފައިގެން އެތެރެއަށް ވަން ބިދޭސީމީހާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ނައީމުގެ ކައިރީގައި ހުއްޓުނެވެ. "އެމީހުން ތިބީ މި ހޮސްޕިޓަލުގަ.."

"ބަރާބަރު... ތީއޭ އަހަރެން ބޭނުންވާ ކަހަލަ މުވައްޒަފުންނަކީ..." ނައީމުގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. "އަވަހަށް ޓީމެއް ރެޑީކުރޭ!... ކަލޭމެންގެ އަތުން އޭނައަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ... އޭނައަށް ގެއްލުމެއް ދެންޏާ، އެކަން ކުރާނީ އަހަރެން..."

********

ހޮސްޕިޓަލުގެ ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ ދަށުގައި ބަހައްޓާފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި ރޫބީ އިނެވެ. އިރު އޮއްސި، އަނދިރިވެފައިވިޔަސް، ތަނުގައި ދިއްލާފައިވާ ކުލަ ބޮކިތަކުން މާހައުލަށް ދިރުން ގެނެސްދީފައިވިއެވެ. ރޫބީގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެފޮހެ، އޭނާ ވަރުބަލިވިއެވެ. އެ ކަރުނަތަކަށް ހުއްޓުމެއް ނައި ތަނުގައި، ކުރަން އުޅުނު ކަންތަކަށް ހިތްވަރެއްވެސް ނުލިބުނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިންއިރު، ރޫބީގެ ފޯނުގެ އިސްކްރީނުން ފެންނަމުންދިޔައީ އިކާންގެ ފޯނު ނަންބަރެވެ. އިކާންގެ އަޑު އަހައިލުމަށް ރޫބީގެ ހިތް އެދެމުން ދިޔައެވެ. ރޫބީގެ ހަޔާތުގައި ނަޖާތާއި އިކާން ނޫން މީހަކު މިއަދު ނެތެވެ. ޒަހަމުވެފައިވާ ރޫބީގެ ހިތަށް ފަރުވާއެއް ދެވޭނީ އިކާނަށެވެ. ރޫބީ އެތައް ހިތްވަރަކުން އިކާންގެ ނަންބަރަށް ފިތައިލިއެވެ.

ފަހަތުގައި މީހަކު ހުއްޓުނުކަމުގެ އިހުސާސް ރޫބީއަށް ކުރެވުނެވެ. ރޫބީ އެކަން މާބޮޑު ކަމަކަށް ނުހަދައެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ، ފޯނަށެވެ. ފިނިވަމުންދިޔަ ދެއަތުން ރޫބީއަށް ފޯނުގައި ހިފެނީ ކިރިޔާއެވެ. އިކާން ފޯނު ނަގާނެ ހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އިކާނަކީ ކާކުކަން އެނގުމުން، ރޫބީއަށް ވާހަކަ ދައްކަން ފަސޭހަވެދާނެ ހެއްޔެވެ؟

ފުރަތަމަ ރިންގާއިއެކު އިކާން ފޯނު ނެގި ތަން ރޫބީއަށް ފެނުނެވެ. ރޫބީ އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"ހަލޯ..." އިކާން ބުނި އަޑު އިވުނެވެ.

އަޑު އައީ ފަހަތުންހެންވެސް ރޫބީއަށް ހީވިއެވެ. ފަސްއެނބުރި ބަލައިލި ރޫބީއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ރޫބީގެ ފަހަތުގައި ހުރީ އިކާން ނޫން ދެވަނަ މީހެއް ނޫނެވެ. ފޯނު ކަންފަތުގައި ޖެހިގޮތަށް ތިރިކޮށްލަންވެސް ނޭނގި، ދެލޯ ބޮޑުކޮށްގެން އިކާނަށް ބަލަން ރޫބީ ހުއްޓެވެ. އިކާން ލައިގެން ހުރި ހުދު ޓީޝާޓަށް ކުލަބޮކިތަކުގެ އަލި އެޅުމުން، ދިއްލިލާފައި ހުރީ ހިތްގައިމު ގޮތަކަށެވެ. އެ މޫނުގެ އަސަރުތައް ތަރުޖަމާކުރަން ރޫބީ ނުކުޅެދުނެވެ. އިކާންގެ މޫނުގައި އުފާވެރިކަމެއް ނެތެވެ. ތުންފަތުގައި ނުފިލާ ހުންނަ ހިނިތުންވުން ވަނީ ގެއްލިފައެވެ. މޫނުން ފެންނަމުން ދިޔައީ ހާސްކަމާއި ވަރުބަލިކަމެވެ. ބޮލުގެ އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވިޔަސް، އިކާންގެ ފިރިހެންވަންތަކަމަކަށް ބަދަލެއް ނާދެއެވެ. އެ ނާޒުކު ވަގުތުގައިވެސް ރޫބީގެ ހިތް އިކާންގެ ފިރިހެންވަންތަކަމަށް ތައުރީފު ކުރިއެވެ.

އިކާންގެ ނަޒަރު ރޫބީގެ މުޅި ހަށިގަނޑަށް ދަތުރުކޮށްލިއެވެ. ރޫބީއަށް އެއްވެސް ގެއްލުމެއް ވެފައި ނެތުމުން، އިކާނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފަޒާލްގެ ފަރާތުން، ނަޖާތުގެ ހަބަރު ލިބުމުން، އިކާނަށް ހޮސްޕިޓަލަށް ދެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. އަރައިގެން ހުރެވުނީ ދެ ފައިވާނުގެ ދެކިބައަށް ކަން އެނގޭ ވަރަށްވުރެވެސް އިކާންގެ ހާލު ބޮޑެވެ. ރޫބީ ހެޔޮހާލުގައި ފެނުމުން، އިކާން އޭނާގެ އަމިއްލަ ނަފުސަށް އެއް ކަމަކަށް ވައުދުވިއެވެ.

"ނައީ..މު، ނަ..ނަޖާ... ނަޖާ..އަށް...." އިކާން ފެނުމުން، ރޫބީއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. ބުނަން އުޅުނު ވާހަކަ ނުނިމެނީސް، އަރު ބެދޭގޮތްވިއެވެ.

ރޫބީގެ މޫނު ފެނުމުން، އިކާންގެ ހިތަށް ތަދުވިއެވެ. އެމޫނުން ފެންނަމުންދިޔައީ ސިހުމާއި، ހިތާމައެވެ. ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނި، އިކާނަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ރޫބީގެ ހިމާޔަތުގައި އިކާނަށް ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟ މާޒީގައި އެ އަންހެންކުއްޖާ ވަނީ އިކާން ހިމާޔަތްކޮށްދީފައެވެ. އިކާންގެ ހިތް އެދުނީ ރޫބީ ގެނެސް މޭގައި ލައްކޮށްލާށެވެ. ކަރުނަތައް ފޮހެލަދޭށެވެ. އިކާން ކުޑަކޮށް ކުރިއަށް ޖެހިލީ އެތައް ހިތްވަރަކުންނެވެ. މަޑުމަޑުން އަތް އުފުލައިލަން އުޅުނު ވަގުތު، ރޫބީ ކަރުނަ ފޮހެލިތަން ފެނުމުން، އިކާން ނޫންކަމަށް ހަދާލާފައި އަތް ތިރިކޮށްލިއެވެ.

"އިށީންނަންވީނު..." ރޫބީ ހަމަޖެހިލަން މަސައްކަތް ކުރަމުން، ގޮނޑިއަށް އިޝާރާތްކުރިއެވެ.

"ފޯނުގެ ބޭނުމެއް ދެން ނެތެއްނު..." އިކާން ގަދަކަމުން ހިނިތުންވެލާފައި، ފޯނު ތިރިކޮށްލިއެވެ.

އެހުރިހާއިރު ތިބެވުނީ ފޯނު ކަންފަތުގައި ޖަހައިގެންކަންވެސް އެއިން އެކަކަށްވެސް ނޭނގެއެވެ. އިކާން ފޯނު ކަނޑާލާފައި ޖީންސުގެ ޖީބަށް ލިއެވެ. ރޫބީވެސް އަވަސް އަވަހަށް ފޯނު ތިރިކޮށްލިއެވެ.

ހަމަޖެހިގެން ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް، އިކާންގެ އަޑުގައިވި ނުތަނަވަސްކަން ރޫބީއަކަށް ސިއްރެއް ނުވިއެވެ. އިކާން އިށީނުމުގެ ކުރިން ރޫބީ ގޮނޑި ފޮހެލަދޭން އުޅުނެވެ. އެފުރުސަތު ދޭކަށް އިކާން ބޭނުމެއް ނުވިއެވެ. އިކާން އަވަސްއަވަހަށް ގޮނޑީގައި އިށީނެވެ. ރޫބީގެ ހިތަށް ތަދުވިއެވެ. އޭނާ ގަދަކަމުން ހީލާފައި އިކާންގެ ކައިރީގައި އިށީނެވެ. ދެމީހުންވެސް ތިބީ ވާހަކަ ފަށާނޭކޮޅެއް ނޭނގިފައެވެ. އިކާންގެ ނަޒަރު ކުރިމަތީގައި ހުރި ބޮޑު ގަހަށް ހުއްޓިފައިވިޔަސް، ރޫބީގެ ނަޒަރު ހުއްޓިފައިވީ އިކާންގެ މޫނަށެވެ. އިކާންގެ މޫނަށް ބެލި ވަރަކަށް ރޫބީގެ ހިތަށް މާޒީ ސިފަވަމުން ދިޔައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އައިއިރު، ރޫބީގެ މުޅި ހަށިގަނޑު ވަނީ ފިނިވެފައެވެ. ދެމީހުން ބައްދަލުވި ފުރަތަމަ ފަހަރު ނޫންކަމުގައިވިޔަސް، އެވަގުތު ރޫބީއަށް ކުރެވުނީ އޭގެ ކުރިން ނުކުރެވޭ، ތަފާތު އިހުސާސެކެވެ.

"ސޮރީ..." ރޫބީގެ ދެލޮލަށް ކަރުނަ ޖަމާވުމުން އިސްޖަހައިލިއެވެ.

ރޫބީގެ ހިތަށް ސިފަވީ، ވިހި އަހަރު ކުރިން ލެއިން ތަތްތެޅިފައި އޮތް އިކާނެވެ. ވާރެއާއި އެކުވެގެން ދެމިފައިވާ ލޭގެ ކޯރެވެ. ނަޖާތުވެސް އޮތީ އެފަދަ ގޮތަކަށެވެ. އެފަދަ ހާދިސާއެއް ކުރިމަތިވުމުން، މުޅި އުމުރަށް އެކަމުގެ ބިރު ހިތުގައި ވާނެއެވެ. އެކަމުން އަރައިގަންނަން އުނދަގޫވާނެއެވެ. ރޫބީ ބޭނުންވީ އިކާނަށް އެހީވާށެވެ. އެކުގައި ހުރިކަން ބުނެދޭށެވެ.

"ސޮރީ... ނަޖާތަށް އެހެން ދިމާވީ އަހަރެންގެ ސަބަބުން..." އިކާން މާފަށް އެދުނެވެ.

އިކާންގެ ފޯނަށް މެސެޖެއް އައެވެ. ފަޒާލް ފޮނުވި މެސެޖު ކިޔައިލި އިކާންގެ ދެލޯ ބޮޑުވިއެވެ. ބަޔަކު ދުވެފައި އަންނަ ކަހަލަ އަޑެއް އިވުމުން އިކާން ފުންމައިގެން ތެދުވިއެވެ. ރޫބީގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެއަށް ވަނެވެ. ގަސްތަކުން މަތި ބެދިފައި އޮތުމުން، ތަން އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ބަޔަކު ތިބިކަން އެނގޭނީ އަލިކޮށްގެން ބެލީމައެވެ. ދެމީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ޖެހި ފިތިގެންނެވެ. ދާދި ކައިރިން ފިޔަވަޅުތަކުގެ އަޑު އިވުމުން، އިކާނަށް ރޫބީގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ގަޔާއި ކައިރިކޮށްލެވުނެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާގެ އިހުސާސްވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު