މިތުރާ ގަޔާވެލީ... 28

އިކާންގެ ފޯނަށް މެސެޖެއް އައެވެ. ފަޒާލް ފޮނުވި މެސެޖު ކިޔައިލި އިކާންގެ ދެލޯ ބޮޑުވިއެވެ. ބަޔަކު ދުވެފައި އަންނަ ކަހަލަ އަޑެއް އިވުމުން އިކާން ފުންމައިގެން ތެދުވިއެވެ. ރޫބީގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެއަށް ވަނެވެ. ގަސްތަކުން މަތި ބެދިފައި އޮތުމުން، ތަން އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ބަޔަކު ތިބިކަން އެނގޭނީ އަލިކޮށްގެން ބެލީމައެވެ. ދެމީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ޖެހި ފިތިގެންނެވެ. ދާދި ކައިރިން ފިޔަވަޅުތަކުގެ އަޑު އިވުމުން، އިކާނަށް ރޫބީގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ގަޔާއި ކައިރިކޮށްލެވުނެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާގެ އިހުސާސްވިއެވެ.

********

އިކާންގެ މޭގައި އަތް ޖައްސާލައިގެން ހުރިއިރު، ރޫބީގެ ނަޒަރު ހުއްޓިފައިވީ އިކާންގެ މޫނަށެވެ. އެހާ ކައިރިންވެސް ރޫބީއަށް އިކާންގެ މޫނު ފެންނަނީ ކިރިޔާއެވެ. އެމޫނުގައިވި ހާސްކަމާއި، ރޫބީއަށް ގެއްލުމެއް ލިބެން ނޭދޭވަރު ހާމަވާން ހުއްޓެވެ. އިކާނަށް ބެލެމުން ދިޔައީ ވަށައިގެންވި މާހައުލަށެވެ. އިސްކަމެއް ދެވުނީ އިވެމުން ދިޔަ އަޑުތަކަށެވެ.

"ދޭ އާ ނޮޓް ހިއަރ..." އިކާންމެން ތިބި ގަސްތަކުގެ ކައިރިން އިވުނީ ފިރިހެނެއްގެ އަޑެވެ.

ރޫބީ ސިހުނަ ނުދިނުމަށް އިކާން ރޫބީގެ އަނގަމަތީގައި އަތް އެޅިއެވެ. މަޑުމަޑުން ތިރިވިއެވެ. ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިހުސާސްވިއެވެ. ދެތިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިފައި ހުއްޓުނީ ރޫބީމެން ތިބި ގަސްތަކާއި ހަމައިންނެވެ.

"ހޮސްޕިޓަލަކު ނެތް... މިތާކު ނެތް... ދެން ކޮންތާކަށްހޭ އެމީހުން ވަނީ؟.." އިތުރު މީހަކު ބުނި އަޑު އިވުނެވެ.

"އަޕްޑޭޓެއް ނުހޯދާ ގޮއްސިއްޔާ ބޮސް އަހަރެމެން މަރާލާނެ... ކޮންމެސް އެކަކު ނަމަވެސް ފެނޭތޯ ހިނގާ..." ކުރިން ވާހަކަ ދެއްކި މީހާ ބުނެލިއެވެ.

"ހޯދާ... އެމީހުން ވާނީ ބިލްޑިންގް ތެރޭ... ލެޓްސް ގޯ..." އިތުރު މީހަކު ބުނި އަޑު އިވުނެވެ.

ފިޔަވަޅުތަކުގެ އަޑު ކެނޑި ތަން ހިމޭންވިއެވެ. ހަމަހޭވެރިކަންވީއިރު، ރޫބީއާއި އިކާން ތިބީ އެކަކު އަނެކެއްގެ އަތުގެ ތެރޭގައެވެ. ދެމީހުންގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އިކާނަށް އަމިއްލަ ނަފުސު ހުއްޓުވާނެ ހިތްވަރެއް ނުލިބުނެވެ. ރޫބީގެ މޫނާއި ކައިރިވެވުނެވެ. އިކާނަށް ދައުވަތު ދެމުން ރޫބީ ދެލޯ މަރާލިއެވެ. ހޭދަވެގެންދިޔަ މަދު ސިކުންތުކޮޅު ދިގުދެމިގެންދާން ދެމީހުންގެ ހިތްވެސް އެދުނެވެ.

އިކާންގެ ފޯނު ރިންގުވާން ފެށިއެވެ. ސިއްސައިގެން ގޮސްފައި އެކަކު އަނެކަކާއި ދުރަށްޖެހެވުނުއިރު، ދެމީހުންނަށްވެސް ތިބެވުނީ ކޮޅަށް ތެދުވެއެވެ.

"ސޮ..ރީ..." އިކާން މާފަށް އެދުނެވެ.

ލަދުންގޮސް ރޫބީގެ ދެކޯތާފަތް ވަނީ ރަތްވެފައެވެ. އަނދިރީގެ ސަބަބުން އިކާނަށް އެ މަންޒަރު ނުފެންނާނެކަން އެނގުނު ނަމަވެސް، ރޫބީއަށް އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިލެވުނެވެ. އިކާނަށް އޭގެ މާނަ ނެގުނީ ގޯސްކޮށެވެ. އޭނާ ހީކުރީ ރޫބީ ހިތްހަމަނުޖެހުނީ ކަމަށެވެ. ކުއްލިއަކަށް އިކާންގެ ހަނދާނަށް އައީ ނިޝްރީން ދެއްކި ވާހަކަތަކެވެ. ރޫބީގެ ހިތުގައި އިކާނަށް ހާއްސަ މަގާމެއް ދެވިފައިނުވާކަމަށް ނިޝްރީން ބުނި ބުނުމެވެ. ރޫބީ ލޯބިވަނީ ހަމައެކަނި ޔަޒްދާން ދެކެއެވެ. އިކާންގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރައިލި ހެންނެވެ. ހިތި ގޮތަކަށް ހިންދިރުވައިލެވުނުއިރު، ކުރެވުނު ކަންތަކާއި އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އިކާން ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ގަސްތަކުގެ ތެރެއިން ނުކުތެވެ.

********

ބޭސްއަޅާ ކޮޓަރީގައި ހުރި ހަރެއްގެ ފުރަގަހުގައި ޔަޒްދާނާއި ނަޖާތު ތިއްބެވެ. ނުރައްކަލެއް އުޅޭކަން ޔަޒްދާނަށް އެނގުނީ ފަޒާލްގެ މެސެޖުންނެވެ. ނަޖާތު ގޮވައިގެން ޔަޒްދާނަށް އެތަނަށް ވަދެވުނީ ކިރިޔާއެވެ. ޔަޒްދާންމެން ތިބި ވޯޑަށް ހަތަރު މީހަކު ވަންތަން އޭނާއަށް ފެނުނެވެ. ބޭސް ހަރުގައި ލެނގިލައިގެން އިންއިރު، ހަށިގަނޑުގައި އަޅާ ވޭނަށް ކެތްނުވެގެން ނަޖާތުގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ނަޖާތުގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ދޭތެރެއަކުން ހަށިގަނޑު އަރިއަޅާލައިގެން ވެއްޓެން ދެއެވެ.

"އަހަރެން ހިއެއް ނުކުރަން ނައީމު މިދަރަޖައަށް ކަންކަން ގެންގޮސްދާނެ ކަމަކަށް..." އެ ހުރިހާއިރު ދޮރަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ޔަޒްދާން ހަރުގައި ލެނގިލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ލޯ މަރައިލިއެވެ.

"ސޮ....ރީ..." ނަޖާތުގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ.

"ނޫނޭ.. މީ ނަޖާތުގެ މައްސަލައެއް ނޫން..." ޔަޒްދާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

" އެއީ... އެއީ... އަހަރެންގެ.. އެންމެ.. ގާތް... އެކުވެރިޔާ... އަހަރެން ބޭނުންވީ އޭނަ ސަލާމަތްކުރަން... އޭނަ ވީ ތަނެއް ހޯދަން... އަހަރެން ހީކުރީ އަހަންނަކީ އެހާ މޮޅު މީހެއް ކަމަށް... އެކަމަކު އަހަންނަކީ އެއްވެސް މީހަކަށް ނުވި..." ނަޖާތު ވާހަކަ ދެއްކީ އުނދަގޫ ގޮތަކަށެވެ. "ނަޝާ... އައި މިސް ހާ..."

"ވެއިޓް..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ޔަޒްދާން ބުނެލިއެވެ. "ނަޝާ އެއީ ވިހި އަހަރު ކުރިން ކިޑްނެޕްކުރި ކުދިންތެރޭ ހިމެނޭ ކުއްޖެއްދޯ؟.... އެއީ ނަޖާތުގެ ފްރެންޑެއްތަ؟... ޔެސް މިހާރު އަންޑަސްޓޭންޑްވެއްޖެ ކީއްވެކަން ނަޖާ މިހިސާބަށް އައީ... ކީއްވެކަން ނައީމުގެ ކައިރީ އުޅުނީ.. ނަޖާތު ބޭނުންވީ ހަގީގަތް ހޯދަން... ލައިކް މީ... ސޯ، ނަޖާތީ ބޭޑް މީހެއް ނޫން.."

ޔަޒްދާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ. ނަޖާތު ދެއްކި ވާހަކައިން ނަޖާތުގެ ނިޔަތް ގޯސް ނޫންކަން ވިސްނި، ޔަޒްދާންގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނެވެ. ނަޖާތުގެ ހަބަރެއް ނުވުމުން، ޔަޒްދާން ބަލައިލިއެވެ. މަޑުމަޑުން ދެލޯ މެރެމުން ގޮސް ނަޖާތު އަރި އަޅައިލިއެވެ. ޔަޒްދާން އަވަސް އަވަހަށް ނަޖާތާއި ކައިރިއަށް ޖެހިލިއެވެ. ޔަޒްދާންގެ ކޮނޑުމަތީގައި ބޯ އެޅުނުއިރު، ނަޖާތުގެ ދެލޯ މެރިއްޖެއެވެ.

"ޕްރައުޑް އޮފް ޔޫ... އަންހެން ކުއްޖަކު އެކަނި މި ހުރިހާ ކަމެއް ހޭންޑަލް ކުރަން ހާދަ އުނދަގޫވާނޭ... ނަޖާތު ގޯސް ކަމެއް ނުކުރާކަން އެނގުނީމަ، އަހަންނަކަށް ނޭނގެ އަހަރެން މިހާ އުފާ މިވާ ސަބަބެއް..." ޔަޒްދާންގެ ނަޒަރު ނަޖާތުގެ މޫނަށް ހުއްޓުނެވެ.

ނަޖާތުގެ މޫނުން އެވަގުތު ޔަޒްދާނަށް ފެނުނީ މައުސޫމު ކަމެވެ. އެކަނިވެރިކަމާއި، މާޔޫސީއެވެ. އެއީ އެ މޫނުން ޔަޒްދާނަށް ކުރިން ފެނިފައިވާ އަސަރުތަކެއް ނޫނެވެ. އަމިއްލަ ހިތުގެ އިހުސާސްތައް ފޮރުވަން ނަޖާތު އެހާވެސް ކުޅަދާނައެވެ. ފަހު ވަގުތާއި ޖެހެންދެންވެސް ނަޖާތު ހިތްވަރުކޮށްފިއެވެ.

"އަހަރެން މި ހުރިހާ ކަމެއް ހައްލުކުރާނަން... އައި ޕްރޮމިސް ޔޫ..." ނަޖާތުގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން، ޔަޒްދާން ބުނެލިއެވެ.

********

ރޮއެރޮއެ ފަލާހާގެ ދެލޯ ވަނީ ރަތްވެފައެވެ. ޔަޒްދާނަށް ދިމާވި ހާދިސާ އެނގުމުން ފަލާހާގެ ދެފައި އެއްތާކު ނުޖެހެއެވެ. ގޭތެރޭގައި ދެކޮޅަށް ހިނގާހިނގާ ވަރުބަލިވެގެން، ފަލާހާ ސޯފާގައި އިށީނެވެ. ޔަޒްދާންގެ ފޯނަށް ތަކުރާރުކޮށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ.

"އަބަދުވެސް ކުށްވެރިއަކީ އަހަރެން.." ފަލާހާގެ އަޑު ވަނީ ކުރެހިފައެވެ.

"ތިހެން ނުވިސްނާ ފަލާ..." ނާޝިޒް މަސައްކަތްކުރީ ފަލާހާއަށް ވިސްނައިދޭށެވެ.

"އެދުވަހުވެސް، މިއަދުވެސް އަހަރެން ޔަޒްދާނާ ދޭތެރޭ ވިސްނީ ގޯސްކޮށް... ޔަޒްދާނާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލެވުނުނަމަ، އެކުއްޖާގެ އަޑުގަ ހުރި ވޭން އިހުސާސްކުރެވުނީސް... އެކަމަކު، އަހަންނަށް އިސްކުރެވުނީ އަހަރެންގެ އަމިއްލަ ނަފުސު... އިސްކުރެވުނީ ރުޅި... ޔަޒްދާން އެހާލުގަ ހޮސްޕިޓަލުގަ އޮތްއިރު، އެކުއްޖާ ހިމާޔަތްކުރަން އަހަންނަށް އެއް ކަމެއްވެސް ކޮށް ނުދެވުނު... ބަދަލުގަ އަހަރެން އެކުއްޖާއާއި ދިމާއަށް ކީ އެއްޗެހި... އަހަރެން މީ ކިހާ ގޯސް މަންމައެއް..." ފަލާހާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

"ދެން އެކަމާ ނުވިސްނާ!... އެ ނައީމަކަށް ދެން ސަލާމަތެއް ނުވެވޭނެ... އަހަރެން އެ މައްސަލަ ޕޮލިހަށް ރިޕޯޓްކޮށްފިން... ޕޮލިހުން މި މައްސަލަ ބަލާ ނިމެންދެން އެކުދިން އެތިބީ ރައްކާތެރި ތަނެއްގަ..." ނާޝިޒް ފަލާހާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.

"އަހަރެން ބޭނުން އެކުދިން ކައިރިއަށް ދާން..." ފަލާހާ ރޮމުން ނާޝިޒްގެ ގައިގައި ލައްވެލިއެވެ.

ފަލާހާމެންގެ ވާހަކަތައް އަޑުއަހަން ހުރި އިބާގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ކަރުނަ ފޮހެމުން އިބާ ގޮސް ކޮޓަރިއަށް ވަނެވެ. މިފްޒާލަށް ގުޅިއެވެ.

"އިބާ މިގުޅީ ވަރަށް ދެރަވެގެން... ބޭނުން ބޯ ހަމަޖައްސާލަން ވާހަކަ ދައްކަން... މިފްޒާލް އެކަނި ހުރީ..." މިފްޒާލް ފޯނު ނެގުމާއިއެކު އިބާ ބުނެލިއެވެ.

މިފްޒާލް ފޯނު ކަނޑައިލި އަޑު އިވުނެވެ. އިބާ ތުންފިއްތައިލިއެވެ. އަނެއްކާވެސް ގުޅިއެވެ. މިފްޒާލް ފޯނު ނެގީ އިބާ ދެތިން ފަހަރު ގުޅުމުންނެވެ.

"އިބާއަށް އެނގޭތަ ގަޑިން ވީ އިރެއް؟..." ނިދި އަޑަކުން މިފްޒާލް ބުނެލިއެވެ.

"އެއްގަޑި ބައިވީ..." އިބާގެ ދެލޮލުގައި ނިދީގެ އަސަރެއް ނެތެވެ.

"މީ ނިދާ ގަޑި... ވާހަކަ ދައްކާނީ ދުވާލު..." މިފްޒާލް ބޭނުންވީ އިބާގެ ކައިރިން ސަލާމަތްވާށެވެ.

"ތިބުނީ މާދަމާ ވާހަކަ ދައްކާނަމޭތަ؟..." އިބާގެ ދެލޯ ވިދައިލިއެވެ.

މިފްޒާލް އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނަން އޮތެވެ. އިބާ ތަކުރާރުކޮށް އެ ސުވާލު ކުރިއެވެ. އިބާގެ ކައިރިން ސަލާމަތްވާން ބޭނުންވެފައި އޮތް މިފްޒާލަށް އިތުރު ގޮތެއް ނެތުމުން، އިބާއާއި ރެސްޓޯރެންޓަކުން ބައްދަލުކުރުމަށް އެއްބަސްވެފައި ފޯނު ކަނޑައިލިއެވެ.

********

ބޮޑު ސިޓިންގްރޫމުގައިވީ ފަޅުކަމެވެ. ފަންކާގެ އަޑު ފިޔަވާ އިތުރު އަޑަކަށް އިވެމުން ދިޔައީ ފާރުގައި ހަރުކޮށްފައިވާ ގަޑީގެ ކަށިން އިވެމުންދިޔަ ކުރަކި އަޑެވެ. ސިޓިންގްރޫމުގެ މެދުގައި އަތުރާފައި ހުރި ސޯފާގައި ޔަޒްދާނާއި އިކާން ތިއްބެވެ. ދެމީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. ނާޝިޒްގެ އެދުމުގެ މަތިން ފަޒާލް އިކާންމެން ގެންގޮސްސް ލީ ހުސްކޮށް ހުރި އެ ގެއަށެވެ. އެއީ އެވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައިވީތީއެވެ. ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެއެވެ. އިކާންގެ މޫނުން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުރިއިރު، ޔަޒްދާން އިނީ އެ ނުތަނަވަސްކަމުން އިކާން ސަލާމަތްކުރާނެ ގޮތެއް ނޭނގިފައެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި ރޫބީ ނުކުތެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ. ރޫބީ އިނީ އިކާނާއި ޔަޒްދާނާއި ދެމީހުންގެ ދެމެދުގައެވެ.

"ނަޖާތު ކިހިނެއް؟..." ޔަޒްދާން އަހައިލިއެވެ.

"އެކަނިވެލަން ބޭނުމޭ ބުނީމަ މި ނުކުތީ..." ރޫބީގެ އަޑުގައިވީ މާޔޫސްކަމެވެ.

"ބިރުންތަ ތީނީ؟..." ރޫބީ އިންގޮތުން ޔަޒްދާން އަހައިލިއެވެ.

ރޫބީ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ އިކާނަށެވެ. އިކާން އިނީ ފޯނާއި ކުޅޭށެވެ. ރޫބީ ތުންފިއްތައިލިއެވެ. ރޫބީ ބޭނުންވީ އިކާންގެ އަޅާލުމާއި ލޯތްބެވެ. ވާހަކަ ދައްކަން ބޭނުންވީ އިކާނަށެވެ. ރޫބީ ކޮޓަރިން ނުކުތީވެސް އިކާން އެތަނުގައި އިންކަން އެނގޭތީއެވެ. ވެދިޔަ ކަންތަކަށްފަހު އިކާން ރޫބީ އެހާ ދުރުކޮށްލުމުން ރޫބީގެ ހިތަށް ތަދުވިއެވެ. ޝަކުވާކުރަން ބޭނުންވިއެވެ.

"ނައީމު ކީއްކުރަން، ނައީމުގެ މީހަކަށްވެސް މިގެއަކަށް ނުވަދެވޭނެ..." ޔަޒްދާން އުޅުނީ ރޫބީ ހެއްވައިލާށެވެ. އެކަން ކާމިޔާބު ވިއެވެ.

"ބަނޑުހައިވޭތަ؟.. ހިނގާ އެއްޗެއް ކައްކަން.... ފަޒާލް އެބަހުރި ނޫޑްލްސް ޕެކެޓް ގެނެސްދީފަ..." ޔަޒްދާން ތެދުވިއެވެ.

ރޫބީއާއި ޔަޒްދާން ބަދިގެއަށް ވަން މަންޒަރު ފެނުމުން، އިކާންގެ ހިތަށް އުނދަގޫވިއެވެ. އޭނާ އަވަހަށް ގޮސް ވަނީ ކޮޓަރިއަށެވެ. ރީތިވާމޭޒުމަތީގައި އޮތް ފޯނު ރިންގުވާ އަޑު އިވުމުން، އިކާން ފޯނު ނެގިއެވެ. ގުޅީ މިފްޒާލެވެ.

"ކިހިނެއް ހަދައިގެން ތިއުޅެނީ؟.." މިފްޒާލް ނިދި އަޑަކުން ސުވާލުކުރިއެވެ.

އިކާން ވީގޮތް ކިޔައިދިނީ މާޔޫސްވެފައި އިނދެއެވެ. ދިމާވި ހާދިސާއަށްވުރެ ބޮޑަށް އިކާނަށް ދެއްކުނީ ރޫބީއާއި ޔަޒްދާންގެ ވާހަކައެވެ. އެދެމީހުންގެ ގާތްކަމުން ހިތަށް އުނދަގޫވާތީ، އެތައް ޝަކުވާއެއް ކުރިއެވެ.

"އަހަރެން މީ އިކާންނަމަ، ތިހެން ނުހަދާނަން... އިކާން އޭނަ ބޭނުންތަ؟... ލޯބިވާ މީހުން ތިހެން ނޫޅޭނެއިނގޭ... ތީގަ އިކާނަށޭ އެޑްވާންޓޭޖް ބޮޑީވެސް... ކުރިމަތީ އޮތީ ކައިވެންޏެއް... އެވެސް އޭނަޔާ... އެއީ ވިހި އަހަރުން ކުރިން ފެށިގެންވެސް އިކާންގެ ކްރަޝްއެއް.. އަނެއްކާ ތިބުނީ ދެމީހުން މިރޭ...." މިފްޒާލް ކަރު ކެހިލިއެވެ. ބުނަން އުޅުނު ޖުމުލަ މެދުކަނޑައިލިޔަސް، އިކާނަށް އެ ޖުމުލައިގެ ބާކީބައި ވިސްނުނެވެ. "ދެން ކީއްކުރަން ދުރަށް ތިދަނީ؟..."

"އެކަމަކު ރޫބީ އަހަރެންދެކެ ލޯތްބެއް ނުވާނެ... އޭނަ ލޯބިވަނީ ޔަޒްދާންދެކެ..." އިކާން ދޫކޮށްލީ ފުން ނޭވާއެކެވެ.

"ކާކު ބުނީ؟.. އޭނަ އެހެން ބުނިތަ؟..." މިފްޒާލް ސުވާލުކުރުމުން އިކާން ނޭނގެއޭ ބުނެލިއެވެ.

"ދެންވެސް ތި ކޮޓަރީގަ ނޯވެ ގޮސް، އޭނަ ކައިރީ ހުރެބަލަ... އަހަންނަށް ޔަގީން ތިކަން ކާމިޔާބުވާނެކަން..." އިކާނަށް ނަސޭހަތްދޭން ހަދައިގެން މިފްޒާލްގެ ނިދިވެސް ފިލައިގެން ދިޔައެވެ.

"ކޯއްޗެއް ކޮށައިދޭންވީ؟... އަހަރެން ވަރަށް ފާސްޓްވާނެ ކޮށަން..." ނޫޑްލްސް ބޮނޑިތައް ކަނޑައި ތައްޓަށް އަޅަމުން ޔަޒްދާން ބުނެލިއެވެ.

ރޫބީ ނޫޑްލްސް ކައްކަން ތައްޔާރުވުމުން، ޔަޒްދާން އުޅުނީ ފިޔާ ކޮށައިދޭށެވެ. އިކާން ޔަޒްދާންގެ ގައިގައި ޖެހިގަނެފައި، ރޫބީއާއި ދުރުކުރިއެވެ. ދެމީހުންގެ ދެމެދަށް ވަން އިކާން، ރޫބީގެ ކައިރިން ޖާގަ ހޯދިއެވެ. ޔަޒްދާނަށްވުރެ ކުރިން ފިޔާނޮޅާފައި، ކޮށަން ފެށިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު